Roadha Mihaaru
އީސައަށް ފިޔަވަޅު އެޅުން ލަސްވުމުން ކަންބޮޑުވެއްޖެ

އީސައާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އިދިކޮޅުން ކަންބޮޑުވެއްޖެ

20 މެއި 2021

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް އޭނާގެ ކުޑަދަރިފުޅާއި އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި މައްސަލައިގައި ކަމާ ގުޅުން އިދާރާތަކުން ފިޔަވަޅު އެޅުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް އޭނާގެ ކުޑަދަރިފުޅާއި އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި މައްސަލައިގައި ކަމާ ގުޅުން އިދާރާތަކުން ފިޔަވަޅު އެޅުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަމަލުތައް ހުރި ގޮތާއި ރިޕޯޓްކުރުމުން ވެސް ފިޔަވަޅު އެޅުން ލަސްވެފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އިދިކޮޅުން ބުނިގޮތުގައި ރާއްޖޭގައި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު ބޮޑުވުމާއި ޒިންމާ ފުރިހަމަ އަށް އަދާ ނުކުރެވޭތީ އެވެ. މި ފަހަކަށް އައިސް، އެފަދަ އަނިޔާތައް ކުރާ މީހުންގެ ތެރޭގައި އެ ކަންކަން ހުއްޓުވަން ތިބޭ މީސްމީހުންގެ އާއިލީ ގުޅުން އޮންނަ މީހުން ވެސް ހިމެނޭ ކަމަށާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ބަޔާން ބަދަލުކުރުވާ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

"ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ ކަންކަން ރިޕޯޓު ކުރުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. މީގެ އިތުރުން ވެސް އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލާ ހިންގާ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅައި، އެފަދަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ އަނގަ ބަންދުކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ހިތާމަކުރާ ކަމެކެވެ،" އިދިކޮޅުގެ ބަޔާނުގައި ވެ އެވެ.

އިދިކޮޅުން ވަނީ އެފަދަ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް ފިޔަވަޅު އެޅުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމަ އަށް ތަންފީޒުކުރުމަށް ގޮވާލައިފަ އެވެ. އަދި މައްސަލަތައް ބަލައި އެކަމުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ގޮވައިލި އެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހޯދައިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ސަރުކާރަށް ގޮވައިލި އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ މީޑިއާ އިން ފެންމަތި ކުރުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ތެރެއިން، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެފަދަ އަމުރެއް ދިން ކަމެއް އަދި ނޭނގެ އެވެ.

ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ.

އީސަ މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޭނާ މުގައްރިރުކަން ކުރައްވާ އިޖުތިމާއީ ކޮމިޓީން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ތުހުމަތަށް އިންކާރު ކުރައްވަމުން، އީސަގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއި ތަހުގީގުކޮށް ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން، އެކަހެރިކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފައި ވެ އެވެ.