Roadha Mihaaru
އާ ކައުންސިލް ސިޔާސީ ޖަގަހައަކަށް ނުވާނެ: މުއިއްޒު

އާ ސިޓީ ކައުންސިލް ސިޔާސީ ޖަގަހައަކަށް ނުވާނެ، ވާނީ ހިދުމަތުގެ ގޯއްޗަކަށް: މުއިއްޒު

17 މެއި 2021

ހަތަރުވަނަ ދައުރަށް މާލޭގެ ރައްޔިތުން އިންތިހާބުކުރި އާ ސިޓީ ކައުންސިލް، ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ވާނީ އެ ރައްޔިތުންގެ ހިދުމަތުގެ ގޯއްޗަކަށް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހަތަރުވަނަ ދައުރަށް މާލޭގެ ރައްޔިތުން އިންތިހާބުކުރި އާ ސިޓީ ކައުންސިލް، ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ވާނީ އެ ރައްޔިތުންގެ ހިދުމަތުގެ ގޯއްޗަކަށް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޭޔަރު ކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ކައުންސިލްގެ ހަަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، އެންމެންނާ މެދު ހަމަހަމަކަމާއި ތެދުވެރިކަމާ އެކު އަމަލުކުރުމަށް އާ ކައުންސިލަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ސިޓީ ކައުންސިލުން ފެނުނު މަންޒަރުތަކާ ހިލާފަށް މިފަހަރުގެ ކައުންސިލް ވާނީ ސިޔާސީ ޖަގަހައެއް ގޮތުގައި ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އާ ކައުންސިލް ފެންނާނީ ހިދުމަތުގެ ގޯއްޗެއްގެ ގޮތުގައި ކަމަށާއި ބޮޑެތި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހިންގުމާއި "ރައްޔިތުން އެދޭ އަމާޒަށް" ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހަގީގަތަކަށް ހެދުމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން، މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު އޭގައި ވަނީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެ މަސައްކަތްތައް، ވަކިން ހާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަސް އަހަރުގެ ތެރޭގައި ކައުންސިލުން ކުރާނެ މަސައްކަތް ހިމަނައިފަ އެވެ.

އެހެންވެ، މޭޔަރު މުއިއްޒު ވަނީ، ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެކަން ކޮށްދޭން ޖެހެނީ ކައުންސިލަރުންގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށްޓަކައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ މޭޔަރު ޑރ. މުއިއްޒާއި ކުރީގެ މޭޔަރު ޝިފާ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާ މޭޔަރު ޑރ. މުއިއްޒާއި ކުރީގެ މޭޔަރު ޝިފާ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް އިންތިހާބު ކޮށްފައިވާ މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެއްބާރުލުންދޭހާ ހިނދަކު ސިޓީ ކައުންސިލް ވާނީ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާއަށެވެ.

"...ފައިދާ ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެން ހުށަހަޅާނީ، މިނިސްޓްރީތަކާއި އޮފީސްތަކަށް ދާނީ ރައްޔިތުން އަޅުގަނޑުމެންނަށް ހަވާލުކުރި ކަންތައްތަކާއިގެން. އެހެންކަމުން ދެއްވާ އެއްބާރުލުމަކުން އުފާވެރިކަން ލިބިގެން ދާނީ މާލޭގެ ރައްޔިތުންނަށް،" މި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު މުއިއްޒު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަކީ އިންސާނީ ހައްގެއް ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ގުޅީފަޅުގައި ޕޯޓު އެޅުން ހުއްޓައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ. މިދިޔަ މަހުގެ 10 ގައި ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ވެސް މާލޭގެ ރައްޔިތުން ގުޅީފަޅުގައި ޕޯޓު އަޅަން ބޭނުން ނުވާކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ގުޅީފަޅު ހިއްކުމަށް ފަހު، އެއީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން އޮތް ތަނަކަށް ވާން ޖެހޭ ކަމަށެވެ.

ގުޅީފަޅުގައި ޕޯޓު ހެދުމުގެ ބަދަލުގައި އެ ތަން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާ ތަނަކަށް ބަދަލުކުރުމަކީ މުއިއްޒުގެ ކެމްޕެއިންގައި ވެސް އެންމެ ގަދައަށް ވަކާލާތު ކުރެއްވި އެއް ކަންތަކެވެ. އޭނާގެ އެ ވިސްނުން ސަރުކާރަށް ރަސްމީކޮށް ހުށަހެޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި ޕޯޓް އަޅަން އޮތް ތަނަކީ ތިލަފުއްޓެވެ.

ފައިދާ ވަނީ ރައްޔިތުންނަށް. އަޅުގަނޑުމެން ހުށަހަޅާނީ، މިނިސްޓްރީތަކާއި އޮފީސްތަކަށް ދާނީ ރައްޔިތުން އަޅުގަނޑުމެންނަށް ހަވާލުކުރި ކަންތައްތަކާއިގެން. އެހެންކަމުން ދެއްވާ އެއްބާރުލުމަކުން އުފާވެރިކަން ލިބިގެން ދާނީ މާލޭގެ ރައްޔިތުންނަށް،"---ޑރ. މުއިއްޒު

ރައީސް އަބްދުﷲ ޔާމީންްގެ ވެރިކަމުގައި ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީ ކުރަން ފެށި، ހިޔާ ފްލެޓް ލިބުނު މީހުންނަށް ވެސް އެ ތަންތަނަށް އަވަހަށް ދިނުމަށް މުއިއްޒު މިއަދު ގޮވާލެއްވި އެވެ. އަދި ހިޔާ ފްލެޓްތަކުގެ ފިނިޝިން މަަސައްކަތްތަކަށް ރައްޔިތުންގެ އަތުން ހަރަދުކުރަން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މުއިއްޒު ވަނީ ރައްޔިތުންގެ އަތުން ހަރަދުވާ މިންވަރުގެ އެވްރެޖެއް ހެދުމަށް ފަހު، އެއީ ލިބޭ ފްލެޓުގެ އަގުން އުނިވާނެ އެެއްޗަކަށް ހެދުމަށް ވެސް ސަރުކާރަށް ގޮވާލައިފަ އެވެ.

މޭޔަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން ބޭއްވި، އާ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި މުއިއްޒު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވަމުންދާތީ މާލޭގެ ރައްޔިތުންގެ ނަމުގައި އެކަން ކުށްވެރި ކުރައްވައިފަ އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އަމާންކަން ލިބުމަށް އެދިވަޑައިގަތެވެ.