19 ނޮވެމްބަރ 2016
ޖީއެމްއާރަށް ފައިސާ ދައްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޫކުރި 140 މިލިއަން ޑޮލަރުގެ ބޮންޑެއް، ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެފައިވާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
ޖީއެމްއާރަށް ފައިސާ ދައްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޫކުރި 140 މިލިއަން ޑޮލަރުގެ ބޮންޑެއް، ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެފައިވާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ގަވަރުނަރު އަޒީމާ އާދަމްއާ "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ ޖީއެމްއާރަށް ފައިސާ ދައްކަން އެމްއޭސީއެލް އިން ދޫކުރި ބޮންޑަކަށް އެމްއެމްއޭ އިން އިންވެސްޓްކޮށްފައިވާނެ ކަމަށެވެ. އެ 140 މިލިއަން ޑޮލަރުގެ ބޮންޑު ގަތީ، އޭނާ ވިދާޅުވި ގޮތުގައި، ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.
"ކޮންމެ މަހަކު އެމްއޭސީއެލް އިން ޑޮލަރުން ފައިސާ ދައްކާނެ،" އަޒީމާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒީމާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ރާއްޖޭން ވަނީ މިދިޔަ އަންގާރަ ދުވަހު އެއްކޮށް ދައްކައިފަ އެވެ. ސަރުކާރުން އެ ދުވަހު ބުނި ގޮތުގައި އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުގެ ބޭރުން، އެމްއޭސީއެލް އިންނެވެ.
"މި ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓަކުން ނޫން. ނަމަވެސް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވަނީ ވަރަށް ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައި،" އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ޖީއެމްއާރަށް ފައިސާ ދައްކަން ވަރަށް ބޮޑު އަދަދެއް ދައުލަތުގެ ރިޒާވުން ނެގި ކަމަށެވެ. އެހެންވެ، ރިޒާވް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 541.4 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 193.8 މިލިއަން ޑޮލަރު ހުރިއިރު، އެއީ މަހުން މަހަށް ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު، އަހަރުން އަހަރަށް ބަލާއިރު އެއީ 11 ޕަސެންޓް ދަށް އަދަދެކެވެ.
އެމްއެމްއޭ އިން އަބަދުވެސް ދެ މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ރިޒާވް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ގަވަރުނަރު އަޒީމާ މިއަދު ވެސް ދެއްވި އެވެ. އަދި ވިދާޅުވީ ޑޮލަރުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގައި ތަރައްގީކުރަން އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ.
އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހު ކުރުމަށެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައިއިރު، އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ.
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
ޖީއެމްއާރަށް ދައްކަން ބޮންޑް ގަތުމުން ރިޒާވް ދަށަށް
އެތެރޭގެ ދަރަނި 24.5 ބިލިއަން އަރައިފި
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
މިދިޔަ މަސް ނިމުނުއިރު ރިޒާވްގައި 49 މިލިއަން ޑޮލަރު
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ރިސޯޓުތަކުން ބޭންކަށް ޑޮލަރު ޖަމާކުރާ އަދަދު ދަށްވަނީ
ޖުމްލަ ރިޒާވް 11 ޕަސެންޓަށް އިތުރުވެއްޖެ
ޑޮލަރު ރިޒާވް އިތުރުކުރާނަން، ރައްޔިތުންނަށް ބުރަނުވާނެ
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!