Roadha Mihaaru
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފި

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފި

15 މެއި 2021

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.

ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލާފައިވާ ޕޯޓަލް އިން ވަނީ މާބަނޑު މީހުންނަށް އެ ވެކްސިން ދިނުމަށް ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މިހާތަނަށް ދިނީ ކޮވިޝީލްޑް އަދި ސައިނޯފާމް ވެކްސިނެވެ. އެ ދެ ބްރޭންޑުގެ ވެކްސިން ވެސް ދެމުން އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނާއި މާބަނޑު ނޫން މީހުންނަށެވެ. އެހެންވެ، ހައިރިސްކް ކެޓަގަރީއާ އެކު މާބަނޑު މީހުންނަށް އޮތް ނުރައްކާ ބޮޑެވެ.

މާބަނޑު މީހުންގެ އިތުރުން ފައިޒާ ވެކްސިން މި ވަގުތު ދެނީ 60 އަހަރުން މަތީގެ މީހުންނާއި 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި 16-17 އަހަރާ ދެމެދުގެ ކުދިންނާއި ބޭރުގައި ދިރިއުޅޭ ނުވަތަ ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ޖަހައިދޭ ގައުމުތަކުގައި އުޅޭ ކުދިންނަށެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ވަގުތު ވެސް މާބަނޑު 50 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތު މި އޮތީ އެންމެ ނުރައްކާ ދަރަޖައިގަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، އެކްޓިވް ކޭސްތައް ވެސް 15،000 އިން މައްޗަށް އަރާފައި ވެ އެވެ.