Roadha Mihaaru
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދެނީ

12 އަހަރުން މަތީގެ ކުދިންނަށް ދޭން ފައިޒާ ވެކްސިން ހޯދަނީ

09 ޖޫން 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ/ބަޔޯއެންޓެކް ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ/ބަޔޯއެންޓެކް ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ދެމުން އައީ ދިގު މުއްދަތަކަށް ބޭސްކުރާ އުމުރުން 16 އަދި 17 އަހަރު ކުދިން ވެސް ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ގުނަވަން ބަދަލުކޮށްފައިވާ ކުދިންނާއި ގަވައިދުން ޑަޔަލިސިސް ހަދާ ކުދިންނާއި ކީމޯތެރަޕީ އަދި ރޭޑިއޯތެރަޕީ ހަދާ ކުދިންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިން ހިމެނެ އެވެ.

އަދި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް ދާއިމީކޮށް ބޭސްފަރުވާ ކުރާ މީހުންނަށް ވެސް ދަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ.

ރާއްޖޭގައި 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމާ ގުޅޭ ގޮތުން ޑރ. ޝާހު ވިދާޅުވީ އެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެކަމަކު ވެކްސިނަށް އޮތް ޑިމާންޑް ބޮޑުވެ ވެކްސިން ހޯދުމުގައި ހުރި ދަތިތަކާ އެކު ރާއްޖެއަށް ވެކްސިން ލިބޭނެ ސީދާ ދުވަހެއް ނޭނގޭ ކަމަށް ވެސް ޑރ. ޝާހު ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ފައިޒާ ވެކްސިންގެ 5،850 ޑޯޒް ހުސްވުމަކާ ގާތްވެފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ.

އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި މިހާރު ވެސް އަންނަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދެމުންނެވެ.

ފައިޒާ ވެކްސިނަކީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް ޑަބްލިއުއެޗްއޯގެ ހުއްދަ ދިން ފުރަތަމަ ވެކްސިނެވެ. ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި މިހާރު ވެސް އިމަޖެންސީ ހާލަތުގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.