Roadha Mihaaru
18-16 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ހޯދަނީ

އުމުރުން 16-18 އަހަރުގެ ކުދިންނަށް ދޭން ފައިޒާ ވެކްސިން ހޯދަނީ

02 މެއި 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގައި، އުމުރުން 16-18 އަހަރާ ދެމެދުގެ ކުދިންނަށް ޖަހަން ފައިޒާ ވެކްސިން ގަންނަން ލިބޭތޯ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގައި، އުމުރުން 16-18 އަހަރާ ދެމެދުގެ ކުދިންނަށް ޖަހަން ފައިޒާ ވެކްސިން ގަންނަން ލިބޭތޯ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނަސީމް ވިދާޅުވީ ކޮވިޑު-19 އާ ގުޅޭގޮތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އުޅެނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. މި ފަހުން ވެސް އެ އުމުރުގެ ކުދިންތަކަކަށް ބަލި ޖެހިފައިވުމާއި ކޮވިޑުން ދިފާއުވުމަށް ވެކްސިން ނެތުމުން ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ އިތުރަށް ފައިޒާ ވެކްސިންކޮޅެއް ހޯދޭތޯ، ގަންނަން ލިބޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ އެއީ 16-18 އަހަރާ ދޭތެރޭގެ މީހުންނަށް ޖެހުމަށް. މިއީ ވަރަށް ވަލްނަރަބްލް ގްރޫޕެއް،"

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މި ވަގުތު ޖަހާ ކޮވިޝީލްޑް އަދި ސައިނޯފާމް ދެނީ 18 އަހަރުން މައްޗަށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަނި ރިޒާވްކޮށްފައިވާ ފައިޒާ ވެކްސިން 16 އަހަރުން މަތީގެ ކުދިންނަށް ވެސް ދެވެ އެވެ. އެހެންވެ، އެ އުމުރުގެ ކުދިންނަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ 16-18 އަހަރާ ދެމެދުގެ 12،000 ކުދިން އެބައުޅޭ ކަމަށެވެ.

"އެ ކުދިންނަށް ވެސް ވެކްސިން ޖެހިގެން [ކޮވިޑުން] ރައްކާތެރިވެވޭނީ،" ނަސީމް ވިދާޅުވި އެވެ.

"...ކުޑަކުދިން އުޅޭ ގޭގައި ކަމަށް ވަނީ ވިއްޔާ އެ ކުދިން ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ގޭތެރޭގައި އެޅުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން އެގޮތަށް ކުރާނެ ކަމަށް، ކުރައްވާނެ ކަމަށް ހުރިހާ މައިންބަފައިން ކުރައްވާނެ އަޅުގަނޑު އުއްމީދުކުރަން. އެހަކަށް ދުވަހަކު 40 ކުޑަކުއްޖަކަށް ޖެހިއްޖެ. މިއީ ދެން ދެރަކަމެއް،"

ރާއްޖޭގައި މިހާތަނަށް 296،961 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު ދެ ވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 102،589 އަށް އަރަ އެވެ.