Roadha Mihaaru
އެމްޑީޕީގެ "ވަފާތެރި" އިސްމާއިލްބެ ނިޔާވެއްޖެ

އެމްޑީޕީ އަށް "ވަފާތެރި" އިސްމާއިލްބެ ކޮވިޑްގައި ނިޔާވެއްޖެ

15 މެއި 2021

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގައި އާންމުކޮށް ފެންނަ އެއް މޫނު، އިސްމާއިލް ހަސަން (އިސްމާއިލްބެ) މިއަދު ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގައި އާންމުކޮށް ފެންނަ އެއް މޫނު، އިސްމާއިލް ހަސަން (އިސްމާއިލްބެ) މިއަދު ނިޔާވެއްޖެ އެވެ.

މ. ފިޒާ، އިސްމާއިލްބެ، 78، ނިޔާވީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރެވެ. އެއީ ކޮވިޑު-19 ގެ 91 ވަނަ މަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އޭނާގެ ކަންކަން އެނގޭ ރައްޓެއްސަކު ކިޔައިދިން ގޮތުގައި، ގ. ކެނެރީގެ ހުންނަ ސަރަހައްދުގައި ހުޅުވި އެމްޑީޕީގެ އެންމެ ފުރަތަމަ ހަރުގެ، ދުންފިނި ހަރުގެއަށް ގޮސް ވެސް ޕާޓީގެ ކަންކަމުގައި އޭނާ އަމަލީގޮތުން ބައިވެރިވި ކަމަށެވެ. އަދި އޭނާ އަކީ ޕާޓީގެ ހަރަކާތްތަކުގައި މީހުންނަށް ހިތްވަރުދީ ފޯރި ގެނުވަން ވަރަށް މަސައްކަތް ކުރި މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޕާޓީގެ ގިނަ މެމްބަރުންނާއި އޭރު އިސްލާހަށް މަސައްކަތްކުރި އެންމެންހެން ވެސް އިސްމާއިލްބެ އާ ގުޅުން އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭރު ވަރަށް ބިރުންތާ މީހުން ތިބޭނީ. ކޮންމެ ކޮންމެ މީހަކު [ޕާޓީގެ ކަންކަމުގައި] ނުކުމެ ނޫޅޭނެ. އެކަމަކު އޭރު ވެސް އިސްމާއިލްބެ ފެނޭ އިސްލާހީ ހަރަކާތްތަކަށް ފޯރި ދީ އެކަމަށް ހަރުގެއަށް ގޮސް. އެހެން ހުއްޓައި މިނިވަން ނޫސް ނުކުތީ 2005 ގައި. ނުކުތީމަ މިނިވަން ނޫސް ހަރުގެއަށް ވެސް ގެންގޮސް ހަދާނެ،" އޭނާ ބުންޏެވެ.

"އަޑު އުފުލުމާއި ހިޔާލުފާޅުކުރުމުގެ ކަންކަމުގައި ވަރަށް އިސްކޮށް އޭރުގައި އުޅޭނީ. އެ އުމުރުގެ މީހަކާ އަޅާބަލާފައި ހަރަކާތްތެރި."

އޭނާ ބުނިގޮތުގައި ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގެ އިންތިޒާމުތަކާ ބެހޭ ކަންކަމުގައި ވެސް ހިލޭ ސާބަހަށް، ވަރަށް އިސްކޮށް އިސްމާއިލްބެ އުޅުނެވެ. އަދި އޭނާ ބައިވެރިނުވާ މުޒާހަރާއެއް މަދުވާނެ ކަން އޭނާ ފާހަގަކުރި އެވެ.

"ޕާޓީގެ ކަންކަމުގައި ލޯބިޖެހިގެން މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވޭ."

އިސްމާއިލްބެ ނިޔާވުމުން އާއިލާއަށް ތައުޒިޔާ ކިޔައި އެމްޑީޕީން މިރޭ ކުރި ޓްވީޓް.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2012 ގައި ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު މާލެ ތެރޭގައި އެ ޕާޓީން ބޭއްވި އެއްވުންތަކުގައި ވެސް އޭނާ އުޅުނެވެ. އެގޮތުން އުސްފަސްގަނޑާއި އަޑިޕާކު ސަރަހައްދުގައި ކޮންމެ ދުވަހަކު އެއްވުންތައް ބޭއްވިއިރު، އެ ތަނަށް ގަވައިދުން ގޮސް އުޅުނު އެކަކަކީ އިސްމާއިލްބެ އެވެ.

"ޕާޓީގެ އެންމެ އާއްމު ގްރާސްރޫޓުގެ މީހުންނާ ވެސް ވަރަށް ގުޅުން ބޮޑު މީހެއް އިސްމާއިލްބެ އަކީ. ޕާޓީއަށް ވަރަށް ލޯޔަލް މީހެއް. ޕާޓީއަށް މި ދިމާވާ ކަންކަމުގައި އަޑު ވެސް އުފުލާ މީހެއް އެއީ ޖަލްސާތަކަށް އަރައި ވާހަކަނުދެއްކި ނަމަވެސް،" އެ މީހާ ބުންޏެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އޭރު ސަރުކާރުގެ ވެރިންނާ މަގުމަތިން ދިމާވުމުން ވެސް ގައުމުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު އިސްމާއިލްބެ އޮޅުންފިލުވާނެ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އިސްމާއިލްބެގެ މަރާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ހިތާމަފާޅުކޮށްފަ އެވެ. އެ ޕާޓީން ކުރި ޓްވީޓެއްގައި އިސްމާއިލްބެ ސިފަ ކޮށްފައި ވަނީ ޕާޓީއަށް "ވަފާތެރި" މީހެއްގެ ގޮތުގަ އެވެ.

އެ ޕާޓީގެ ހަރުގެ މިހާރު ހިންގަނީ އާޓިފިޝަލް ބީޗު ކުރިމަތީގަ އެވެ. މަރުވުމާ ހަމައަށް ވެސް އެ ޖަގަހައަށް ގޮސް ކަންކަމުގައި ބައިވެރިވި ކަމަށް ރައްޓެހިން ބުނެ އެވެ.