Roadha Mihaaru
ކާފިއު ގަޑީގައި ޑެލިވަރީއަށް ދޭ ހުއްދަ ލިމިޓްކޮށްފި

ކާފިއު ވަގުތުތަކުގައި ޑެލިވަރީ އަށް ދޭ ހުއްދަތައް ލިމިޓްކޮށްފިި

14 މެއި 2021

ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަން ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ދޭ ހުއްދަތައް ވަކި މިންވަރަށް ލިމިޓްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާފިއު ވަގުތުތަކުގައި ޑެލިވަރީ ކުރަން ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ދޭ ހުއްދަތައް ވަކި މިންވަރަށް ލިމިޓްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަވީރު 4 ފެށިގެން ފަތިހު 4 އާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. އެހެން ނަމަވެސް ރޭގަނޑު 12 އާ ހަމައަށް ކެފޭ އަދި ރެސްޓޯރެންޓްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ އޮވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ކާފިއު ވަގުތުތަކުގައި މުދާ ޑެލިވަރީ ކުރުމަށް ފުލުހުން ދޭ ހުއްދަ ދޫކުރާނީ ވަކި މިންވަރަކަށް ކަމަށެވެ. މުދާ ޑެލިވަރީ ކުރާ ވިޔަފާރިތަކަށް ދޫކުރެވޭނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި އާއި ސަޕޯޓް ސްޓާފުންނަށް ދެ ފާހެވެ. ކެފޭ އަދި ރެސްޓޯރެންޓްތަކަށް ދޫކުރާނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް 4 ފާހެވެ. ރަށްރަށާއި ރިސޯޓްތަކަށް މުދާ ފޯރުކޮށް ދޭ ވިޔަފާރިތަކަށް ދޫކުރަނީ ދެ ފާހެވެ އެވެ. އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ އެހެން ވިޔަފާރިތަކަށް ދޭނީ އެންމެ ފާހެކެވެ. އެ ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ފާސް ބޭނުންވާ ނަމަ، މުވައްޒަފުންގެ ތަފްސީލު އެ މިނިސްޓްރީއަށް ފޮޮނުވަން ޖެހޭނެ އެވެ. އަދި އެއަށް ވުރެ އިތުރަށް ފާސް ދޫކުރެވޭނީ މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.