Roadha Mihaaru
ނަޝީދުގެ ފަރުވާގެ ހަރަދު ކުރަނީ އޮނަރަރީ ކޮންސުލް

ނަޝީދުގެ ފަރުވާގެ ހަރަދު ހަމަޖެއްސީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް

13 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގެ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެ ފަރުވާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު މިއަދު ހެނދުނު ވަނީ އެއާ އެމްބިއުލާންސްގައި ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.

އެ މަނިކުފާނުގެ ބޭސްފަރުވާގެ އިތުރުން އެ ގައުމަށް ވަޑައިގެންނެވި އެއާ އެމްބިއުލާންސްގެ ދަތުރުގެ ހަރަދު ވެސް ކުރައްވަނީ ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.

ނަޝީދަށް ހަމަލަދީފައި ވަނީ ރޭޒާ ފުށްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައިއީޑީއަކުން ކަމަށް ވާއިރު، އޭގައި ހުރި ރޭޒާ ފުށްތައް އެ މަނިކުފާނުގެ ހަށިކޮޅު ތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ.

އެ ފަރުވާތަކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެ އެވެ. ޖަރުމަނަށް ވަޑައިގެންނެވީ ރިކަވަރީ އާއި ރިހެބިލިޓޭޝަން ފަރުވާއަށެވެ.

ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށް، ފުލުހުން ވަނީ ވަރުގަދަ ތަހުގީގެއް ފަށައިފަ އެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި މީޑީއާއަކަށް ނުދެ އެވެ.