Roadha Mihaaru
ނަޝީދު، އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދަނީ

ނަޝީދު، އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދަނީ

11 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަން އެ މަނިކުފާނުގެ އާއިލާ އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަން އެ މަނިކުފާނުގެ އާއިލާ އިން ނިންމައިފި އެވެ.

އެއްބަނޑުއެއްބަފާ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް މިއަދު ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބޭރަށް ފޮނުވޭނެ ތާރީހެއް މިއަދު ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެކޮޅުގެ ޑޮކްޓަރުން ވާހަކަ ދައްކަވައިގެން، މިއަދުގެ އިރުއޮއްސެންވާއިރަށް ސީދާ ދުވަހަކާ މެދު ގޮތެއް ނިންމޭނެ ކަމަށް މި ބަަލަނީ. [އެއާ] އެމްބިއުލެންސްގެ ޝެޑިއުލްކޮށް، ދެކޮޅުގެ ޑޮކްޓަރުން ވާހަކަ ދައްކައިގެން ހޮޅިތައް [ނަޝީދުގެ ފަރުވާ އަށް އޭޑީކޭގެ ޑޮކްޓަރުން ގުޅާފައިވާ ހޮޅިތައް] ނައްޓާނެ އިރެއް ވެސް ކަނޑައަޅަން ޖެހޭ،" ނާޝިދު ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް އެކޮޅަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ."

ނާޝިދު ވިދާޅުވިގޮތުގައި ނަޝީދުގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ.

"ގޮނޑީގައި ވެސް މިހާރު އަމިއްލަ އަށް އިށީނދެވޭ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމާޒުވި ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ޑރ. ނާޝިދު އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަޝީދު ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަ ކަމަށެވެ.

"މިހާރުން ފަށައިގެން މަސައްކަތް ކުރެއްވުމުގެ ޕްލޭން ހެއްދެވުމަށް މަސައްކަތް ކުރައްވަނީ. ވަރަށް ގިނަ ބަޔަކަށް ވަރަށް ގިނަ މަސައްކަތް،" އޭނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ވަރަށް ސީރިއަސް ޒަހަމްތަކެއްވެ، އޭޑީކޭ ހޮސްޕިޓަލްގައި ވަނީ އުނދަގޫ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. ނަޝީދަށް ހަމަލަދީފައި ވަނީ ރޭޒާ ފުށްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައިއީޑީއަކުން ކަމަށް ވާއިރު، އޭގައި ހުރި ރޭޒާ ފުށްތައް އެ މަނިކުފާނުގެ ހަށިކޮޅު ތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޮޕަރޭޝަންކޮށް ބެލިއިރު، އެ ދަގަނޑުކޮޅު ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި، ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިން އެ ރޭޒާ ފުއް ދިޔަ ނަމަވެސް އޭތި ގޮސް ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުން ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. އަދި ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗް އަޅަން ޖެހުނެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއިން އާއިލާ އަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށް ނާޝިދު ވިދާޅުވެފައި ވެ އެވެ. ނަމަވެސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅަކަށް ވުމުން މި ފަދަ ހަމަލާއަކުން އެ މަނިކުފާނު ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވެ އެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަޝީދު އަވަހާރަކޮށްލަން ދީފައި ވަނީ ވަރަށް ވަރުގަަދަ ހަމަލާއެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.