Roadha Mihaaru
ބޮން ގޮއްވިކަމަށް ބެލެވޭ މީހާ ހުރީ އަތަމާ ޕެލަސްގައި

ބޮންގޮއްވި ކަމަށް ބެލެވޭ މީހާގެ ފޮޓޯތަކެއް، އޭނާ ހުރީ އަަތަމާ ޕެލަސް ތެރޭގައި

07 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

"މިހާރު"އާ އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެތަނުގައި ހުރެގެން އޭނާ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ބޮން ގޮއްވައިލިކަމަށް، ލިބުނު ސީސީޓީވީ ފުޓޭޖުން ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮން ގޮވުމާ އެކު އެ މީހާ އެ ސަރަހައްދު ދޫކޮށް ފިލި ކަމަށާއި ފިލަން ދުވި މަަންޒަރު ދުށް އެތައް ބަޔަކު އޭނާއާ އެ ވަގުތު ބައްދަލުވި ކަމަށެވެ.

"އެމީހުން އެހެން ބުނީމާ އަޅުގަނޑު ގޮސް އަތަމާ ޕެލަސްގެ ސީސީޓީވީ ފުޓޭޖާއި ބާއިންޖީީނުގޭ މަގުން ހޯދި މަންޒަރުތައް މިއީ. ދެވަނަ ފޮޓޯގައި އޭނާ ދުވެފައި ދާ މަންޒަރު ފެންނަން މިހިރީ އެމަގުގައި ހުރި ކެމެރާއަކަށް އަރާފައި، އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ އަތަމާ ޕެލަސްގެ ތެރޭގައި ހުރި މީހާ ދުވެފައި ދިޔަ އިރު އޭނާ އަތުގައި އޮތް އެއްޗެއް ބޮޑު އިންޖީނުގޭ ފުރަގަހު މަގުގައި ހުރި ގާ ޕެލެޓެއްގެ ތެރެއަށް އެއްލައިލި ކަމަށެވެ. އެތަނުގައި ރިމޯޓެއް ފާޑު އެއްޗެއް އޮތްތަން ފެނިގެން އެ، ފުލުހުންނަށް ދެއްކެވި ކަމަށް ވެސް ވިދާޅުވި އެވެ.

"އެމީހުން ބުނީ އޭނާ ދުއްވައިގަތީ އަތުގައި އޮތް އެއްޗެއް އެއްލާލާފައޭ. އެހެން ބުނެ ދެއްކި ދިމާ އަޅުގަނޑު ބެލި އިރު އެތަނުގައި އެ އެއްޗެއް އޮތް. ފުލުހުން ކޯޑަން ކުރީ އޭގެ ފަހުން،" ބޮންޑޭ ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ އަމާޒުވުމުގައި ކަން ހިނގާފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި، އިދާރާތަކަށް އޭނާ ތުހުމަތު ތަކެއް ވެސް ކުރެއްވި އެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ ހައިރިސްކް އޮތް ބޭފުޅަކު ދަތުރުކުރައްވާ އިރު އޮންނަން ޖެހޭ ޖޭމަރު ވެހިކަލް ނަޝީދުގެ ކޮންވޯއީގައި ނެތުމެވެ.

"އެ ވެހިކަލް އޮތް ނަމަ ރިމޯޓްކޮންޓްރޯލެއް ބޭނުމެއް ނުކުރެވުނީސް ކަމަށް އަޅުގަނޑު ގަބޫލުުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ދިރިއުޅުއްވާ ގޯޅީގައި ސައިކަލްތައް ޕާކްނުކުރެވޭ ގޮތް ހަދަން އެމްއެންޑީއެފުން އެދިފައި އޮތް އިރު އެކަން ނުވެ އޮތުމުން ހައުސިން މިނިސްޓްރީއަށް ވެސް ބޮންޑޭ ފާޑުވިދާޅުވި އެވެ. ގޮއްވައިލި ސަައިކަލު ބަހައްޓާފައި ހުރި ގޮތުން އެއީ ވަރަށް މައުލޫމާތު އެއްކޮށްގެން، ވަރަށް ބޮޑަށް ރާވައިގެން ދީފައިވާ ހަމަލާއެއްކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ދިން ހަަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެން، ހާލުކޮޅު އަދިވެސް ސީރިއަސް އެވެ. އޭޑީކޭ ހޮސްޕިޓަލްގައި އެ މަނިކުފާނުގެ ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާދެމުން ގެންދަނީ އައިސީޔޫގަ އެވެ. އޭޑީކޭއިން ބުނި ގޮތުގައި ނަޝީދުގެ ފުއްޕާމެޔާއި ފުރަމޭ އަދި ބަނޑުފުޅަށް ވެސް ވަނީ ގެއްލުންތައް ވެފަ އެވެ. އައިޑީ ގޮވުމުގަން ބުރައިގެން ދިޔަ ގިނަ އަދަދެއްގެ ޝާޕްނަލް އެ މަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާތީ އެ އެއްޗިހި ނެގުމަށް ގިނަ ސާޖަރީތަކެއް ހެދި އިރު، އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.

އެމްްއެންޑީއެފުން މިރޭ ބަންޑާރަކޮށީގައި ބޭއްވި މީޑިއާ ބްރީފިން ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ނަޝީދަށް ހަމަލާދީފައި ވަނީ އިމްޕްރޮވައިސްޑް އެކްސްޕްްލޮސިވް ޑިވަައިސް (އައިއީޑީ) އަކުން ކަމަށާއި ގޮއްވާލާފައި ވަނީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށެވެ.