Roadha Mihaaru
ޑްރައިވިން ލައިސަންސް ޓެސްޓުތައް މެދުކަނޑާލައިފި

ޑްރައިވިން ލައިސަންސް ޓެސްޓުތައް އަނެއްކާވެސް މެދުކަނޑާލައިފި

05 މެއި 2021

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ ފަރާތަކަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން މިއަދު ހުއްޓާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ ފަރާތަކަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން މިއަދު ހުއްޓާލައިފި އެވެ.

އަލަށް ލައިސަންސް ނަގަން ބޭނުންްވާ މީހުންނަށް އެ ހިދުމަތް ދިނުން ހުއްޓާލާފައި މިވަނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޮސްވަމުންދާތީ އަޅައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. މީގެ ކުރިން ވެސް ވަނީ ކޮވިޑްގެ ކޭސްތައް ގިނަވުމުން މިގޮތަށް ޚިދުމަތް ހުއްޓާލައިފަ އެވެ.

އަލަށް ލައިސަންސް ނަގަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ހުއްޓާލި ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ކުރީކޮޅު ވެސް ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ދިނުން ވަގުތީގޮތުން ހުއްޓާލައިފަ އެވެ. އެހެންވެ، މާޗު މަހުގެ ތެެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީއަށް ބަޔަކު ގޮސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމީހުންގެ ކަންބޮޑުވުމަކަށް އޭރުވީ ލައިސަންސް ނަގާނެ ގޮތެއް ނެތި، ޖޫރިމަނާ ކުރަމުންދިޔުމެވެ.

އޭގެ ފަހުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކެއް ހަދައި ފަހުން ލައިސަންސް ނަގަން ފުރުސަތު ވެސް ދިނެވެ. އެކަމަކު ރާއްޖެއަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އަރައި ހަމަކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ވެސް ބަންދުކޮށްފައިވާއިރު ރޭގަނޑު 12:00 އިން ފަތިހު ހަތަރަކަށް ރެއިން ފެށިގެން ވަނީ ކާފިއު ހިންގަން ފަށައިފަ އެވެ.