Roadha Mihaaru
ލައިސަންސް ފީ ކައުންސިލްތަކުން ބަލައިގަންނަ ގޮތް ހަދަނީ

ލައިސަންސް ފީ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ހަދަނީ

15 އެޕްރީލް 2024

ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސެންސް ނެގުމުގެ ހިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސެންސް ފީ ބަލައިގަންނަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ.

އެހެންވެ، އެ ފައިސާ ކައުންސިލުތަކަށް ދެވޭނެ ގޮތެއް ނޯވެ އެވެ.

އޭގެ ސަބަބުން ސީދާ މުވައްޒަފުން ނަގައިގެން ކައުންސިލުތަކުން އެ ހިދުމަތް ދިން ނަމަވެސް ކައުންސިލުތަކަށް ލައިސެންސް ފީ ނުލިބޭތީ އެކަމުގެ ޝަކުވާ އެބަ އޮތް ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި ސަރުކާރަކީ ކައުންސިލުތައް ބާރުވެރިކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ކައުންސިލުތަކަށް ދެވެން އޮތް އެންމެ ބޮޑު ބަޖެޓެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒު ކަމަށެވެ. ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު ނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށް ކަމަށް އަމީން ވިދާޅުވި އެވެ.

"އެ ކައުންސިލަކަށް މިއަންނަ މަހުގެ އެކަކުން ފެށިގެން ޑައިރެކްޓްކޮށް އެ ފީ ބަލައިގަނެވޭ ގޮތަށް. އަޅުގަނޑުގެ އުއްމީދަކީ މިއަދުން ފެށިގެން މިކަން ވެސް ނިމުމަކަށް އައީއޭ. ކައުންސިލުތަކުން މިކުރާ މަސައްކަތްތަކުގެ ފީ ކައުންސިލުތަކަށް ލިބޭ ގޮތަށް ބަދަލު ގެނައީއޭ މިއަދުން ފެށިގެން،" އަމީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑު އުޅަނދު ރަޖިސްޓްރީކޮށްގެން ގެންގުޅެން ޖެހޭއިރު އޭގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓް ކޮންމެ އަހަރަކު އެއް ފަހަރު އާ ކުރަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު ބޮއްކުރާ އާއި ކުދިކުދި ދޯނިތައް ގެންގުޅޭ މީހުން ވެސް އެ ގޮތަށް އަމަލުކުރަންޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށާއި އެ ސެޓްފިކެޓްގެ ވެލިޑިޓީ ފަސް އަހަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި ނަމަވެސް ކޮންމެ އަހަރަކު ދޯނިތަކުގެ ސޭފްޓީ ބަލަމުންދާނެ އެވެ.