Roadha Mihaaru
އުމުރުން 60 ވުމުން ޖޯޖް ކްލޫނީ ޖެހީ ޖޯކެއް

އުމުރުން 60 ވުމުން ޖޯޖް ކްލޫނީ ޖެހީ ޖޯކެއް

02 މެއި 2021

މި މަހުގެ ހައެއްގައި 60 އަހަރު ފުރުމާ ދިމާކޮށް ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ އުމުރާ ބެހޭ ގޮތުން ޖޯކެއް ޖަހައި އެއީ އުފާވެރި ދުވެހެއް ނޫން ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ހައެއްގައި 60 އަހަރު ފުރުމާ ދިމާކޮށް ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ އުމުރާ ބެހޭ ގޮތުން ޖޯކެއް ޖަހައި އެއީ އުފާވެރި ދުވެހެއް ނޫން ކަމަށް ބުނެފި އެވެ.

އެންޓަޓައިންމަންޓް ޓުނައިޓްގައި އޭނާ ބުނީ 60 އަހަރުވުމަކީ އުފާވާ ކަހަލަ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ މަރުވުން ވެސް މާ ރަނގަޅު ކަމަށެވެ.

"އެކަމަކު ދެން ކީއްކުރާނީ މިކަމާ ކުތިމަތިލާން ޖެހޭނީ؟ އަހަންނަށް އޮތީ ދެ އޮޕްޝަނެއް. އެހެންވީމާ އެކަން ބަލައިގަންނާނީ. އުމުރުން ދުވަސްވުމަކީ މީހާގެ މުހިއްމުކަން ކުޑަވާ ކަމެއް،" ހޮލީވުޑްގެ އެންމެ ރީތި އެކްޓަރުންގެ ތެރޭގައި ހިމެނޭ ކްލޫނީ ބުންޏެވެ.

ކްލޫނީ އަކީ މިހާރު ދެ ކުދިންގެ ބައްޕައެކެވެ. އޭނާ އާއި މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ކައިވެނިކުރީ 2014 ގަ އެވެ. ދެ މީހުންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނީ 2017 ގަ އެވެ.

އަމާލްއާ ކައިވެނިކުރުމުގެ ކުރިން ވެސް ކްލޫނީ ކައިވެންޏެއް ކުރި އެވެ. އެއީ ބަތަލާ ޓާލިއާ ބަލްޒަމްއާ އެވެ. އެ ދެ މީހުން 1989 ގައި ކުރި ކައިވެނި ރޫޅުނީ 1993 ގަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ކްލޫނީގެ 60 ވަނަ އުފަން ދުވަސް މި ހަފުތާގެ ތެރޭގައި ފާހަގަކުރާ އިރު، ލިބޭ ބޮޑު އުފަލެއް ވެސް އެބައޮތެވެ. އެއީ އޭނާ ބޯޑް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މޯޝަން ޕިކްޗާ އެންޑް ޓެލެވިޝަން ފަންޑް (އެމްޕީޓީއެފް) އަށް 100 އަހަރު ފުރުން ފާހަގަކުރަން ބާއްވާތީ އެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމިއްޔާ އުފެދުނީ 1921 ގަ އެވެ.

ކްލޫނީ ބުނި ގޮތުގައި ޖަމިއްޔާގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އޭނާ އަށް މިހާތަނަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ދަސްވާން ލިބުނު ފުރުސަތެކެވެ. އެގޮތުން އެއިން ލިބުނު ފިލާވަޅުތަކުގެ ބޭނުން އަމިއްލަ ހަޔާތުގައި ބޭނުން ކުރެވޭ ކަމަށާއި ވަކިން ހާއްސަކޮށް ދަރިން ތަރުބިއްޔަތު ކުރުމުގައި ޖަމިއްޔާގެ ތަޖުރިބާތަކުގެ މުހިއްމުކަން ބޮޑު ކަމަށް ބުންޏެވެ.

"އެންމެ މުހިއްމު ކަމަކީ ލިބިފައި ހުރި ވަސީލަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާއި މީސްމީހުންނަށް އެހީވުން." ކްލޫނީ ބުންޏެވެ.