Roadha Mihaaru
ނެޓްފްލިކްސް އަށް ކްލޫނީ ފިލްމެއް ޑައިރެކްޓް ކުރަނީ

ނެޓްފްލިކްސް އަށް ޖޯޖް ކްލޫނީ ފިލްމެއް ޑައިރެކްޓްކޮށް، ކުޅެނީ

27 ޖޫން 2019

"ގުޑް މޯނިން، މިޑްނައިޓް" ކިޔާ ފިލްމެއް ނެޓްފްލިކްސް އަށް ޑައިރެކްޓްކޮށް ދީ، އޭގެ ލީޑް ރޯލް ވެސް ކުޅެން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ގުޑް މޯނިން، މިޑްނައިޓް" ކިޔާ ފިލްމެއް ނެޓްފްލިކްސް އަށް ޑައިރެކްޓްކޮށް ދީ، އޭގެ ލީޑް ރޯލް ވެސް ކުޅެން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނި ގޮތުގައި މި ފިލްމަކީ ލިޔުންތެރިޔާ ލިލީ ބްރުކްސް-ޑާލްޓަން ހަމަ އެ ނަމުގައި 2016 ގައި ނެރުނު ސައިންސް ފިކްޝަން ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ގުޑް މޯނިން، މިޑްނައިޓް" ގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ މާކް އެލް ސުމިތެވެ.

މި ފިލްމު ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުމުގެ އިތުރަށް ކްލޫނީގެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ އެވެ. އެކަމަކު ފިލްމުގެ އިތުރު ކާސްޓުންނާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ފިލްމެއް ހެދުމާ ބެހޭ ގޮތުން ކްލޫނީ ބުނީ މިއީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. އަދި ވަރަށް ވެސް ޝައުގުވެރި ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބުންޏެވެ.

ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އަށް ފިލްމެއް ހަދައި ދޭން ނިންމި އިރު، ކްލޫނީ ވަނީ ހުލޫ އަށް "ކެޗް-22" ކިޔާ ހަ އެޕިސޯޑް މިނީ ވެބް ސީރީޒެއް ވެސް ހަދައި ދީފަ އެވެ. އެއީ ވެސް އޭނާ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅެފައިވާ އެއްޗެކެވެ. "ކެޗް-22" ސްޓްރީމްކޮށްފައި ވަނީ މިދިޔަ މަހު އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކްލޫނީ، 58، އެންމެ ފަހުން ޑައިރެކްޓް ކުރި ފީޗާ ފިލްމަކީ 2017 ގެ "ސަބާބިކޮން" އެވެ.

މަޝްހޫރު ގާނޫނީ ވަކީލާ އަމާލް ކުލޫނީގެ ފިރިމީހާ މިހާތަނަށް ހަ ފީޗާ ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ.