Roadha Mihaaru
ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނަން: އިންމަ

ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނަން: އިންމަ

26 އެޕްރީލް 2021

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނެ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނެ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ދެ ވަނަ ބުރުގައި ގްރާންޑޭ ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް އެ ޓީމަށް މޮޅެއް ނުހޯދުނެވެ. ފުރަތަމަ ބުރުގައި އެ ޓީމުން ދެމެހެއްޓި ޓްރެކްގައި ދެ ވަނަ ބުރުގައި ހިފަހައްޓައެއް ނުލެވުނެވެ. ފުރުތަމަ ބުރުގައި ދެ ވަނަ މަގާމަށް ވެސް އެ ޓީމު ޖެހިލި އެވެ. އެހެންނަމަވެސް ވެއްޓެމުން ވެއްޓެމުން އައިސް އެ ޓީމު މިހާރު ވަނީ ގަދަ ހަތަރަކުން ވެސް ބޭރުވެފަ އެވެ.

މިދިޔަ ސީޒަންގައި ޓީމަށް ކުރިމަތިވި މައްސަލަތައް މިފަހަރުގެ ލީގުގެ ދެ ވަނަ ބުރުގައި ދަ ގްރާންޑޭ އަށް ވަނީ ކުރިމަތި ވެފަ އެވެ. އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ އެވެ.

ޓީމަށް އުނދަގޫ ހާލަތަކަށް ވެއްޓިފައި ވީނަމަވެސް، ކޯޗް އިންމަ ހުރީ ޓީމުގައި މަޑު ކުރާ ގޮތަށެވެ. އޭނާ ބުނީ ގްރާންޑޭ މިހާރު އޮތް ހާލަތު، އޭނާ ނަގާނީ އަމިއްލަ ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ.

"ފުޓްބޯޅަ ޓީމަކާ ކޯޗަކު ހަވާލުވެގެން އުޅޭއިރު ކޮންމެ ކޯޗަކަށް ވެސް މައްސަލަ ދިމާވާނެ،" އިންމަ ބުންޏެވެ. "އެހެންނަމަވެސް މީގައި މުހިންމު ކަމަކީ ޗެލެންޖަކާއެކު ކުރިމަތި ލުން. މިހާރުވެސް މިއޮތީ އުނދަގޫ ދަނޑިވަޅެއް. މި ޗެލެންޖުގައި އިރާދަ ކުރެއްވިއްޔާ ސަކްސީޑް ވާނަން ޓީމެއްގެ ގޮތުގައި."