Roadha Mihaaru
ދަރުމަވަންތަ ސްކޫލުގެ އެއްބަސްވުން ޑިސެމްބަރާ ހަމައަށް

ދަރުމަވަންތަ ސްކޫލުގެ މަސައްކަތް ނުނިމުމުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފި

25 އެޕްރީލް 2021

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މުއްދަތަށް، އެ މަސަައްކަތް ނިންމައި ނުލެވުމުން އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މުއްދަތަށް، އެ މަސަައްކަތް ނިންމައި ނުލެވުމުން އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްދީފި އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެ އިމާރާތް އަޅަން ހަވާލުކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރިއަސް، ސޮއިކުރިތާ އަހަރެއް ވާއިރު އަދިވެސް މަސައްކަތެއް ނުނިމެ އެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފުރަތަމަ ދިން މުއްދަތަށް އިމާރާތް ނުނިމުމުން އަންނަ ޑިސެމްބަރު މަހާ ހަމައަށް އެއްބަސްވުން ދަންމާލާފައިވާ ކަމަށެވެ. މަސައްކަތް ނުފެށުނީ ވެސް ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ބިން ހަވާލުކުރުން ލަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އަގު ބޮޑު މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާދު ސޮއިކުރައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ކުންފުންޏަށް 74.9 މިލިއަން ރުފިޔާ އަށް ސްކޫލު އިމާރާތްކުރަން ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުންނެވެ.

މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭރު ވިދާޅުވީ، ދަރުމަވަންތައިގެ އާ އިމާރާތުގެ މަސައްކަތް މި މަހަށް ނިންމައި މިހާރު ވެސް އެ ސްކޫލުގެ ވަގުތީ އިމާރާތުގައި ކިޔަވާ ދަރިވަރުންނާއެކު ކިޔެވުން ފެށޭނެ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: މިހާރު

ދަރުމަވަންތައިގެ އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ 1،000 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ފްލޯގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.

މިހާރު ދަރުމަވަންތަ ހިންގަނީ، މެދު ޒިޔާރަތް ކައިރީގައި ވަގުތީ ގޮތުން ހެދި ތަނެއްގަ އެވެ.