Roadha Mihaaru

ދަރުމަވަންތަ ސްކޫލް: ދަތިކަމާއި ހާސްކަން ފިލައި އުފާވެރިކަން!

17 އޯގަސްޓް 2023

"ހަތް އަހަރު އަޅުގަނޑުމެން މި ހޭދަކުރީ ވަރަށް ވަރަށް ކުޑަ ޖާގައެއްގައި. ވަރަށް ދަތިކޮށް އަޅުގަނޑުމެން މި އުޅުނީ. ކުރީ އިމާރާތުގައި އުޅެމުން މި ދިޔައީ. އެންމެ ފުރަތަމަ ވަރަށް އުނދަގުލުގައި އަޅުގަނޑުމެން ތަހައްމަލު ކުރަމުން މި ދިޔައީ،" ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

"ހަތް އަހަރު އަޅުގަނޑުމެން މި ހޭދަކުރީ ވަރަށް ވަރަށް ކުޑަ ޖާގައެއްގައި. ވަރަށް ދަތިކޮށް އަޅުގަނޑުމެން މި އުޅުނީ. ކުރީ އިމާރާތުގައި އުޅެމުން މި ދިޔައީ. އެންމެ ފުރަތަމަ ވަރަށް އުނދަގުލުގައި އަޅުގަނޑުމެން ތަހައްމަލު ކުރަމުން މި ދިޔައީ،" ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އެ ދަތިކަމަށް ނިމުން އައީ އެވެ. މަޖީދިއްޔާ ސްކޫލު ދެބައިކޮށް، 2002 ވަނަ އަހަރު އުފެއްދި ދަރުމަވަންތަ ސްކޫލަށް އަމިއްލަ ސްކޫލެއް ލިބުނީ އެވެ. ތަނަވަސް ވެފައި، ރީއްޗެވެ. ހުރިހާ ވަސީލަތެއް ފުރިހަމަ އެވެ.

ދަރުމަވަންތަ ސްކޫލު އުފެއްދީ އޭރު މަޖީދިއްޔާ ސްކޫލުގެ ބިމުގެ އެއްބައިގަ އެވެ. އެކަމަކު އެ އިމާރާތް ބާވެ ބައެއް ކްލާސް ރޫމްތަކުގެ ޝީޓްތައް ވެއްޓި ރެނދުލައި، ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ކްލާސްތަކުގައި ކިޔަވައިދިނުން 2016 ވަނަ އަހަރު ހުއްޓާލި އެވެ. އޭރު އެ ސްކޫލުގައި ކިޔަވަމުން ދިޔަ ކުދިންނަށް ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް ހަމަޖައްސައި، ދަރުމަވަންތަ ސްކޫލު އެތަނަށް ބަދަލު ކުރި އެވެ. ވޭތުވެދިޔަ ހަތް އަހަރު އެ ސްކޫލުގެ ކިޔެވުން ކުރިއަށް ދިޔައީ ދަގަނޑުން ހަދާފައި ހުރި އެ އިމާރާތުގަ އެވެ.

2002 ވަނަ އަހަރު ހުޅުވި ދަރުމަވަންތަ ސްކޫލު އިމާރާތް.--- ފޮޓޯ: ފޯ ސްކޮޔާ

2002 ވަނަ އަހަރު ހުޅުވި ދަރުމަވަންތަ ސްކޫލު އިމާރާތް.--- ފޮޓޯ: ފޯ ސްކޮޔާ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށް ފުރަތަމަ ނިންމީ ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް، މަޖީދިއްޔާ ސްކޫލާ އިންވެގެން އޮންނަ ބިމުގަ އެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ މަޝްރޫއު ލަސްވުމުން މި ސަރުކާރު ވެރިކަމާ ހަވާލުވެ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދަން 2020 ވަނަ އަހަރު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެވެ.

މަސައްކަތް ނިންމަން ދިނީ އެއް އަހަރު ނަމަވެސް އިމާރާތުގެ ޑިޒައިނަށް ފަހުން ގެނައި ބަދަލާ އެކު ސްކޫލުގެ މަސައްކަތް ނިންމަން ސަރުކާރުން ވަނީ ދުވަސް އިތުރުކޮށްދީފަ އެވެ.

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް.-- ފޮޓޯ: މިހާރު

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް.-- ފޮޓޯ: މިހާރު

އާ އިމާރާތުގައި ސްކޫލަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް

ބޮޑުތަކުރުފާނު މަގުގައި މާލޭ ޖަލާ އިންވެގެން އެޅި އެ އިމާރާތުގައި ކިޔަވައިދޭން ފެށީ މި މަހުގެ ހަ ވަނަ ދުވަހު ފެށި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު އެވެ.

"މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު އުފަލެއް. ތަފާތު ކަންކަން ހިންގުމަށްޓަކައި ވެސް މިއީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ." އާ ސްކޫލާ ބެހޭ ގޮތުން ޕްރިންސިޕަލް ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވީ އެ ސްކޫލަށް އަލަށް ލިބުނު އިމާރާތް ހުރީ ވަރަށް ބޮޑަށް ކިޔެވުމަށް ހާއްސަވާ ގޮތަށް ތައްޔާރުކޮށްފައި ކަމަށެވެ. އެއް އިމާރާތަކުން ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލު ޕްރިންސިޕަލް އަބްދުﷲ ދީދީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުމަވަންތަ ސްކޫލު ޕްރިންސިޕަލް އަބްދުﷲ ދީދީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އެހެން ސްކޫލުތަކާ ތަފާތުކޮށް މި ސްކޫލު މި ހުންނަނީ. މި ސްކޫލުގެ ހޯލަށް ވަންނައިރަށް ކްލާސްރޫމްތަކުގެ ބަދަލުގައި ކޮރިޑޯތައް ވަރަށް ބޮޑަށް ފެންނަން މި ހުންނަނީ. ދަރިވަރުން ކޮރިޑޯތަކުން ފެނުމުގެ ބަދަލުގައި، ކޮރިޑޯތަށް ބޭނުން ކުރަނީ އެހެން ބޭނުންތަކަށް. މިސާލަކަށް ހުންނާނެ ކުދިންނަށް ނުކުމެލާ (ކެރަމް ބޯޑު ކަހަލަ ކުޅިވަރުތައް ކުޅެވޭނެ) ހިތްހަމަޖައްސާލާނެ ކޯނާތައް ހަދާފައި. އަޅުގަނޑުމެންގެ ޓައިމް ޓޭބަލް ވެސް ތައްޔާރު ކޮށްފައި އޮންނާނީ އެގޮތަށް. އެކަމަކު އަދި އެ ތަންތަނުގައި ރާވަން، ކުރަން ޖެހޭ މަސައްކަތް ހުރީމަ، ނިމޭއިރު ހުންނާނީ އެގޮތަށް،" އަބްދުﷲ ވިދާޅުވި އެވެ.

އާ ސްކޫލުގެ ދެ އިމާރާތް ގުޅުވާލުމަ އަޅާފައިވާ ބްރިޖު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އާ ސްކޫލުގެ ދެ އިމާރާތް ގުޅުވާލުމަ އަޅާފައިވާ ބްރިޖު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުމަވަންތައިގެ އާ އިމާރާތަކީ 1،000 ދަރިވަރުންގެ ޖާގައިގެ އިމާރާތެކެވެ. މިހާރު އެ ސްކޫލުގައި 800އެއްހާ ދަރިވަރުން ކިޔަވަމުންދެ އެވެ. ސާޅީސް އެއް ކުލާސްރޫމް ހިމެނޭ އެ ސްކޫލު ޑިޒައިންކޮށްފައި ވަނީ ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ.

އެ ސްކޫލު ހާއްސަވާ އަނެއް ކަމަކީ ދެ އިމާރާތުގެ ތެރެއިން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުރި އިމާރާތުގެ ދެ ފްލޯ ލައިބްރަރީއަކަށް ހާއްސަ ކޮށްފައިވުމާއި ކޮންމެ އިމާރާތެއްގެ އެއް ފްލޯ ލެބަކަށް ހާއްސަވުމެވެ. އެ ދެ އިމާރާތް ގުޅާލާފައި ވަނީ ބްރިޖަކުންނެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްފައިވާ ފާހަނާތަކާއި ކްލާސްރޫމުތައް ހަދާފައި ވެ އެވެ. ކޮންމެ އިމާރާތެއްގައި ދެ ލިފްޓު ހުރެ އެވެ. އޭގެ އިތުރުން، ބީޓެކް ސްޓްރީމް ކުދިންނަށް ހާއްސަ ކްލާސްރޫމްތަކެއް ވެސް އެ ތަނުގައި ހުރެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވާގޮތަށް އެ ސްކޫލުގައި ވެސް ހަތަރު ލެބެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސްޓެމް ލެބާއި ކާޕެންޓްރީ އާއި ކަލިނަރީ އާއި އިލެކްޓްރިކަލް ދާއިރާއަށް ލެބްތައް ހުރެ އެވެ.

ދަރުމަވަންތަ ސައިންސް ލެބްގައި ކުދިންރަކެއް ކިޔަވަނީ: އެ ސްކޫލުގެ ކޮންމެ އިމާރާތަކުން އެއް ފްލޯގައި ހުންނަނީ ލެބެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުމަވަންތަ ސައިންސް ލެބްގައި ކުދިންރަކެއް ކިޔަވަނީ: އެ ސްކޫލުގެ ކޮންމެ އިމާރާތަކުން އެއް ފްލޯގައި ހުންނަނީ ލެބެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އާ އިމާރާތެއް ލިބި ސްކޫލު ހުޅުވުނު ނަމަވެސް އެ ސްކޫލަށް ވެސް އޮތް ކަންބޮޑުވުމަކީ ހޯލެއް ނެތުމެވެ. ޖާގައިގެ ގޮތުން ބޮޑުވެފައި، އިމާރާތުގައި ހުސްޖާގަ އޮތް ނަމަވެސް ކުދިން ކުޅެން ނުވަތަ އެހެން ހަރަކާތްތަކަށް ހޯލެއް އަދި ނެތެވެ. ސަރުކާރުން ނިންމާފައި ވަނީ އެ ސްކޫލާ އިންވެގެން އޮތް މާލެ ޖަލު ހުސްކުރުމުން އެ ބިން، އެ ސްކޫލުގެ ހޯލް އަޅަން ދޭ ގޮތަށެވެ.

"މި އިމާރާތް އެންމެ ފުރިހަމަ ވެގެންދާނީ މި ސްކޫލަށް ބޮޑު ހޯލެއް ލިބުމުން. އަދި އެބައި ނުލިބޭ އެ މަސައްކަތް މިނިސްޓްރީން ކުރަމުން ދަނީ. މި ވަގުތަށް ހޯލެއް ނެތަސް އެއްކޮށް މަސައްކަތްތައް ނިމޭއިރު ހުރިހާކަމެއް ފުރިހަމަވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

"މި ވަގުތަށް ހޯލެއް ނެތުމުން މިހާރު އެކަމަށް ބޭނުން ކުރާނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑް. އެ ތަނުގައި ވަރަށް އަވަހަށް ޓާފް އެޅިގެން ދާނެ. އެކަމަށް މިހާރު ބަޔަކާ ހަވާލުކުރެވި މަސައްކަތް އެދަނީ ކުރެވެމުން. ސްކޫލު ގޯތިތެރޭގައި ހުރި އެހެން ހުސް ޖާގަތައް ވެސް އަޅުގަނޑުމެން ކުޅިވަރު ކުރުމަށާއި އިތުރު ބޭނުންތަކަށް ބޭނުން ކުރާނަން."

އޭނާ ވިދާޅުވީ ސްކޫލުގެ މަސައްކަތްތައް އެއްކޮށް ނުނިމެނިސް ވަންނަން ޖެހުމުން ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް ކަންކަން ހައްލު ކުރަމުންދާ ކަމަށެވެ. އެގޮތުން ނަމާދު ކުރުމާއި ލަންޗް ހަމަޖައްސާފައި ވަނީ ވަގުތީގޮތުންކަން ފާހަގަ ކުރެއްވި އެވެ.

ދަރިވަރުންތަކެއް ކަސްތަރު ކުރަނީ: އެ ސްކޫލުގައި މިވަގުތު ހޯލެއް ނެތުމުން ކުޅިވަރު ކުރުމަށް ބޭނުން ކުރަމުން ދަނީ އެ ސްކޫލުގެ ގްރައުންޑު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރިވަރުންތަކެއް ކަސްތަރު ކުރަނީ: އެ ސްކޫލުގައި މިވަގުތު ހޯލެއް ނެތުމުން ކުޅިވަރު ކުރުމަށް ބޭނުން ކުރަމުން ދަނީ އެ ސްކޫލުގެ ގްރައުންޑު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަބްދުﷲ ވިދާޅުވީ އާ އިމާރާތާ އެކު ސްކޫލުން ދަރިވަރުންނަށް ދެމުން އައި ތައުލީމަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ސްކޫލު އެއް ދަންފަޅިއަކަށް ކިޔެވުން ބަދަލުކޮށްގެން ކިޔަވައިދޭން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު އެއްދަންފަޅި ވުމަކީ ވަށާޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ފަސޭހައެއް. އަޅުގަނޑު އެންމެ ހިތްހަމަޖެހުނީ އެއްދަންފަޅިއަށް ބަދަލުކޮށް އެއް ގަޑިއެއްގައި މި ސްކޫލުން ކިޔަވާ ހުރިހާ ދަރިވަރުންނާ ބައްދަލުވާކަން. ކުރިން ވެއްޖާ އަޅުގަނޑަށް މެންދުރުފަހު ދަންފަޅީގެ ކުދިންނާ ބައްދަލު ނުވާ ދުވަސްތައްދޭ ބައެއް ފަހަރަށް. މި ބަދަލަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ހުރިހާ ކުދިން އެއްފަހަރާ ފެންނަކަން."

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓީޗަރުންނާ ކުދިންނާއި ބެލެނިވެރިންނާއެކު ގާތުން މަސައްކަތްކޮށް މޮނިޓާ ކުރުމަށް ލިބުނު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޫލެއް ސްކޫލަކަށް ވަނީ ދަރިވަރުންނަށް ދެވޭ ތައުލީމު ކަންނޭގެ އެންމެ ބޮޑު ބަދަލަކަށް ވާނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައި ކަމެއް އެއީ ދަރިވަރުންނަށް އަޅާލައި އޯގާތެރިވުން އެއީ މި ސްކޫލުން އެންމެ ފާހަގަވާކަން."

ކޮންމެ އަހަރަކު ވެސް ސްކޫލަށް އާ ތީމެއް ކަނޑައަޅައިގެން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރު ކަނޑައަޅާފައި ވަނީ ބުރަކޮށް މަސައްކަތް ކުރުމާއި މޮޅުވުމަށް މަސައްކަތް ކުރުމެވެ.

އެ ސްކޫލުގެ ދަރިވަރުންތަކެއް ބޭރު ބަލަން ހުއްޓިލައިގެން: ކުދިން ފާހަގަ ކުރި ގޮތުގައި އެންމެ ހިތްހަމަ ޖެހެނީ އެ ސްކޫލުގެ ޖާގަ ބޮޑުވުމުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ސްކޫލުގެ ދަރިވަރުންތަކެއް ބޭރު ބަލަން ހުއްޓިލައިގެން: ކުދިން ފާހަގަ ކުރި ގޮތުގައި އެންމެ ހިތްހަމަ ޖެހެނީ އެ ސްކޫލުގެ ޖާގަ ބޮޑުވުމުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑުމެން ގަބޫލު ކުރަނީ ކޮންމެ ދަރިވަރަކީ މޮޅުވެވޭނެ، އަދި އަރުތަ ހާސިލް ކުރެވޭނެ ދަރިވަރެއް ކަމަށް. މި ސްކޫލަށް ބަދަލުވެ، ބެލެނިވެރިންނާ އެއްކޮށް އަޅުގަނޑު ވެސް އަދި ދިމައެއް ނުވޭ. އެކަމަކު ވަކި ބެލެނިވެރިންނާ ވާހަކަ ދައްކާލެވިއްޖެ. ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވީ. ކުދިންނާ ވެސް ވާހަކަ ދައްކާލުމުން ވަރަށް އުފާވެފައި ހުރީ، އާ ސްކޫލަކަށް އާދެވުމުން،" އަބްދުﷲ ވިދާޅުވި އެވެ.

"ކުރިން އުޅުން ކްލާހަށްވުރެ، އެ ސްކޫލަށްވުރެ މި ސްކޫލު ބޮޑުވީމަ ވަރަށް ހިތްހަމަ ޖެހޭ. އެ ސްކޫލުން ނުލިބޭ ބައިވަރު ކަންކަން މި ސްކޫލުގައި އެބަހުރި. ވަރަށް ހިތްހަމަޖެހޭ ހުސްޖާގަ ގިނަވެފައި ޖާގަ ބޮޑުވީމަ،" އެ ސްކޫލުން ވާހަކަ ދައްކާލި ދަރިވަރަކު ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޝިހާމާ ވެސް ވިދާޅުވީ އާ ސްކޫލާއެކު ދަރިވަރުންގެ ކިޔެވުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ސްކޫލުން ލިބޭ ވަސީލަތްތަކާއި މީގެ ކުރިން އުޅުނު ސްކޫލާ އަޅާ ކިޔޭ ވަރަށްވުރެ ފުރިހަމަ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.