Roadha Mihaaru
ދަރުމަވަންތަ ހޯލަށް ޖަލު ހުސްކުރެވޭނެ ދުވަހެއް ނޭނގެ

މާލެ ޖަލުން ގައިދީން ބަދަލުކުރަން ފަށައިފި، ހުސްކުރެވޭނެ ދުވަހެއް ނޭނގޭ

21 މެއި 2023

ދަރުމަވަންތަ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް، އެ ތަނާ އިންވެގެން އިންނަ މާލެ ޖަލުން ގައިދީން އެހެން ތަންތަނަށް ބަދަލުކުރަން ފެށިއަސް ޖަލު ހުސްކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް، އެ ތަނާ އިންވެގެން އިންނަ މާލެ ޖަލުން ގައިދީން އެހެން ތަންތަނަށް ބަދަލުކުރަން ފެށިއަސް ޖަލު ހުސްކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އަންނަ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރު، ދަރުމަވަންތައިގެ އާ އިމާރާތުގައި ކިޔެވުން ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދިރާސީ އާ އަހަރު ފަށަން ތިން މަސް ދުވަހަށް ވެފައި ވާއިރު، ސްކޫލު ހޯލު އަޅަން ހަމަޖައްސާފައިވާ ޖަލު ހުރި ބިން އަދި ވެސް ހުހެއް ނުކުރެވެ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މާލޭ ޖަލުގައި ތިބި ގައިދީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ތަން އެއްކޮށް ހުސްކޮށް، މިނިސްޓްރީއާ ހަވާލުކުރެވޭނެ ތާރީހެއް ނޭނގޭ ކަމަށް ޔުސްރީން ވިދާޅުވި އެވެ.

މާލެ ޖަލު މިހާތަނަށް މައިގަނޑު ގޮތެއްގައި ބޭނުންކުރީ ޓްރާންސިޓް ޖަލެއްގެ ގޮތުގަ އެވެ. ނަމަވެސް، ހުކުމް ތަންފީޒުކުރާ ބައެއް ގައިދީން އަދި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ވެސް މާލޭ ޖަލުގައި ތިބެ އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅާ އިމާރާތުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. ސްކޫލުގެ މަސައްކަތް ނިންމައި ކިޔަވަން ފަށާއިރު ބެލެނިވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޯލެއް ނެތުމެވެ. މަސައްކަތް މިހާތަނަށް ގޮސްފައިވާ ސްޕީޑަށް ބަލާއިރު ވެސް ސްކޫލުގެ ހޯލު އަވަހަށް ނިންމުމަކީ ދުރު ކަމެއް ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކުރެ އެވެ.

"ސްކޫލު ހުޅުވަން އެތައް ތާރީހެއް ދީފި. އަނެއްކާ ފަސް އަހަރު ކޮށްފައި ދަރުމަވަންތަ ހުޅުވާއިރު ހޯލެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. ދަރިވަރުންނަށް އެތައް އުނދަގުލަކާ ކުރިމަތިވާނެ." "މިހާރު" އަށް ވާހަކަދެއްކި ބެލެނިވެރިޔަކު ބުންޏެވެ.

ދަރުމަވަންތަ ސްކޫލުގެ 41 ކްލާސްރޫމް ހުންނާނެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީއަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.