Roadha Mihaaru
ދަރުމަވަންތައިގެ ސްޓްރަކްޗާ ކުރެހުން ނުނިމޭ: އެސްޖޭ

ދަރުމަވަންތަ ސްކޫލްގެ އިމާރާތް ޖުލައިގައި ނިމޭނެ، އެސްޖޭއިން ބުނަނީ ސްޓްރަކްޗާ ކުރެހުން ނުނިމޭ ކަމަށް

24 އެޕްރީލް 2022

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް އަންނަ ޖުލައި މަހަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތައް އަންނަ ޖުލައި މަހަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެ އިމާރާތް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިން އަކުން ފެބްރުއަރީ 4، 2020 ގަ އެވެ. އެއް އަހަރުގެ ތެރޭގައި ދަރުމަވަންތައިގެ އާ އިމާރާތް ހަދަން 79.4 މިލިއަން ރުފިޔާ އަށް ހަވާލުކުރިއަސް މަސައްކަތް ނުނިމުމުން އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރުކުރީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަންނަ ޖުލައި 15 އަށް ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނުނިމުމާ ކޮވިޑާ ގުޅުމެއް ނެތް ކަމަށެވެ. ދަރުމަވަންތަ ސްކޫލުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުން އަދި ވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެރަޕެޓް ވޯލްގެ ކުރެހުން ލިބުނީ މިއަދު ހެނދުނު 8 ޖެހިއިރު. ރަނގަޅު ސާވިސް ޑްރޮވިން ނެތް،" ޝިހާދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

އެކަމަކު މިނިސްޓްރީން ބުނީ އިމާރާތުގެ ކުރެހުމުގެ އަސްލު ކޮންޓްރެކްޓަރު އަތުގައި އޮންނާނެ ކަމަށެވެ. ޕެރެޕެޓް ފާރު މިހާރު ޑިޒައިން ކޮށްފައިވާ ގޮތުން އެތެރެއަށް ފެން ވިއްސާތީ އެ ފާރަށް ބަދަލު ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދަރުމަވަންތައިގެ އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ 1،000 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ފްލޯގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.