Roadha Mihaaru
ޓީސީ ބަލިކޮށް އީގަލްސް ހަތަރު ވަނައަށް

ޓީސީ ބަލިކޮށް އީގަލްސް ހަތަރު ވަނައަށް

25 އެޕްރީލް 2021

ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބު އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބު އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ.

މެޗުން ހޯދި ތިން ޕޮއިންޓާ އެކު ޓީސީން ވަނީ، ކުރިން ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށް ވެސް 16 ޕޮއިންޓެވެ. ގްރާންޑޭ އަށް ވުރެ ތާވަލުގެ ކުރިއަށް އީގަލްސް ޖެހިލީ ގްރާންޑޭއަށް ވުރެ ގެއްލުން ގޯލް މަދުވުމުންނެވެ. އީގަލްސް އަށް ގެއްލުން ދެ ގޯލެވެ. ގްރާންޑޭ އަށް ގެއްލުން ހަތް ހޯލް އެބައޮތެވެ. ޓީސީ މިހާރު ވަނީ ތާވަލުގެ ހަތް ވަނައަށް ވެއްޓިފަ އެވެ.

މެޗާ އެކު، ޓީސީ އަށް ވަނީ ދެ ވަނަ ބުރު ނިމިފަ އެވެ. އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން މެޗުތަކާ ގުޅިގެން އީގަލްސް އަށް ފަސް ކުރި ވެލެންސިއާ އާއި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އަންނަ ބުދަ ދުވަހާއި އާދިއްތަ ދުވަހު އޮންނާނެ އެވެ.

މިރޭގެ މެޗުގައި، ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ޓީސީގެ ކީޕަރު މަމަޑޯވް އާޒާދު އަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ އަސްހަދު އަލީ (އަޑޭ) ތަނަވަސްކޮށް ދިނީ ހަންނަ އަށެވެ. އޭނާ ވަނީ މެޗުގެ 13 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު، އިމްރާން ނަޝީދު ކާމިޔާބު ކުރީ ޒުވާން ފޯވަޑް ޒައިން ޒަފަރު ތަނަވަސްކޮށްދިން ފުރުސަތަކުނެނެވެ. އޭރިއާގެ ތެރެއަށް އަރައި ޒައިން ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލްގެ ދަނޑި ކައިރިން ވެއްޓިގެންފައި އިމްރާން ނަޝީދު ވަނީ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

އީގަލްސް ދެ ވަނަ ލަނޑު ޖެހި ފަހުން ޓީސީއަށް ވަނީ ނަތީޖާ ފަރަގު ކުޑަ ކުރަން ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޓީމުގެ ޓްރިނިޑާޑްގެ ފޯވަޑް ކޯޑެލް ސެމިއުލް ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ ދިފާއު ކުރި އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ނާއިމް އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޓީސީއާ އެކު ރަނގަޅު ނަތީޖާތަކެއް ހޯދިފަހުން، އެ ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދިން އީގަލްސްގެ މިހާރުގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ޓީސީ ބަލި ކުރުމަށް ފަހު މިރޭ ބުނީ، އީގަލްސްއަށް އަދި ލީގު ފެށުނީ ކަމަށެވެ.

"ލީގް އީގަލްސްއަށް އަދި މިފެއްޓުނީ،" މެޗަށް ފަހު ޝާޒް ބުންޏެވެ. "އެއީ ފުރަތަމަ ބުރުގައި ވަރަށް އުނދަގޫކޮށް އޮވެ މިއަދުގެ މެޗުގެ ތިން ޕޮއިންޓާ އެކު އަދި ލީގު މި ފެށުނީ. ދެން މަސައްކަތް އޮތީ."

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ، މެޗުން ބަލިވީ ކުޅުންތެރިންނަށް ހެދުނު ފީކަޅާ މިސްޓޭކުތަކަކުން ކަމަށެވެ. އޭނާ ބޭނުންވާ ވަރަށް ކުޅުންތެރިންގެ ފަރާތުން ކޮމިޓްމެންޓް ފެނިގެން ނުދިޔަ ކަމަށް ނިޒާމް ބުންޏެވެ.

"މިއީ އަދި ވެއްޓުމެއް ނޫން. ތިން ވަނަ ބުރުގައި ޓީސީގެ ގޮތުގައި އެނބުރި އަންނާނެ ޓީސީގެ ޕޮޒިޝަނަށް،" ނިޒާމް ބުންޏެވެ.