Roadha Mihaaru
ރެއާލް ސަސްޕެންޑް ނުކުރަން ޔޫއެފާއިން ނިންމައިފި

ރެއާލް މެޑްރިޑް ސަސްޕެންޑް ނުކުރަން ޔޫއެފާއިން ނިންމައިފި

24 އެޕްރީލް 2021

ނަޔާން (24 އޭޕްރީލް) - ޔޫރަޕިއަން ސުޕަ ލީގާ މެދު ރެއާލް މެޑްރިޑްގެ ވިސްނުން ބަދަލު ނުކުރި ނަމަވެސް މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން އެ ކްލަބު ސަސްޕެންޑް ނުކުރަން ޔޫއެފާއިން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނަޔާން (24 އޭޕްރީލް) - ޔޫރަޕިއަން ސުޕަ ލީގާ މެދު ރެއާލް މެޑްރިޑްގެ ވިސްނުން ބަދަލު ނުކުރި ނަމަވެސް މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުން އެ ކްލަބު ސަސްޕެންޑް ނުކުރަން ޔޫއެފާއިން ނިންމައިފި އެވެ.

އެހެން ކަމުން، ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ، ޗެލްސީ އާ ދެކޮޅަށް ރެއާލް ކުޅޭ މެޗު، ކުރިން ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ އެވެ.

ޗެލްސީއަކީ ވެސް، ސުޕަ ލީގުގެ ފައުންޑިން މެންބަރެކެވެ. އެހެންނަމަވެސް އެ މުބާރާތުގައި ބައިވެރިވާން ސޮއި ކުރި އިނގިރޭސި އަނެއް ފަސް ކްލަބާއެކު ޗެލްސީ ވަނީ އެ މުބާރާތުން ވަކި ވެފަ އެވެ. އެ މުބާރާތުގައި ބައިވެރިވާން ސޮއި ކުރި 12 ކްލަބުގެ ތެރެއިން ވަކި ނުވެ މިހާރު އޮތީ ރެއާލް އާއި ބާސެލޯނާ އެކަންޏެވެ.

ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ވަނީ، ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅޭ މެޗުތައް ކުރިއަށް ނުގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. ޓީމެއް މުބާރާތުން ވަކި ކޮށް މެޗުތަކެއް ނުކުޅޭނަމަ އެއީ ބްރޮޑްކާސްޓަރުންނަށް ކުރިމަތި ވާނެ ގެއްލުމެއްގެ ގޮތުގައި ވެސް ކެފެރިން ފާހަގަ ކޮށްފައި ވެއެވެ.

ރެއާލް އާ ދެކޮޅަށް ފިޔަވަޅު ނާޅަން، ޔޫއެފާއިން ނިންމީ، އެ އިދާރާގެ ލީގަލް ޑިޕާޓްމެންޓާ އެކު ކެފެރިން އިއްޔެ ބޭއްވި ބައްދަލު ވުމަށް ފަހު އެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ރެއާލް ޑިސްކޮލިފައި ކުރުމުގެ ވާހަކަތައް ޔޫރަޕްގައި ވަނީ ގަދަ ވެފަ އެވެ. އެހެންނަމަވެސް މިހާރު ސުޕަ ލީގުގެ ބާރު ކެނޑިފައިވުމުން ވަކި ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.