Roadha Mihaaru
މަންދު ކޮލެޖަށް ބަދަލު ދޭތީ އެމްޑީޕީގެ ފާޑުކިޔުން

މަންދު ކޮލެޖަށް ބަދަލު ދިނުން: އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް

23 އެޕްރީލް 2021

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމުން އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމުން އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ އެމްއީއެސް ކުރިން ހިންގި އިމާރާތް އެ ކުންފުންޏަށް ދޫކުރުމަށް ފަހު 2015 ގައި ސަރުކާރުން އެތަނުގެ އެއްބަސްވުން އުވާލައި، އަތުލި މައްސަލައިގަ އެވެ. މަންދު ކޮލެޖު ސަރުކާރުން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، ބަދަލުގެެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާކުރި އެވެ. ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެހެންވެ، އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުން ވެސް ގެންދަވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ރައްޔިތުން އަނގަ އާއި އަތާ ދިމާ ނުވެ ތިއްބައި ބޮޑުންނަށް މިލިއަނުން ފައިސާ ދޫކުރަނީ ކަމަށެވެ.

އަލީ އާޒިމްގެ ޓްވީޓް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ބިމަކުން ބަޔަކު ނެރެލުމުން އެ މީހުންނަށް ބަދަލުގެ ގޮތުގައި ލިބުނީ ބިމެއް ގަނެވެލޭވަރުގެ އަގެއް ކަމަށެވެ.

އިންތިގެ ޓްވީޓް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުު ވިދާޅުވިގޮތުގައި، އާއިލާގެ މީހުންނަށް ވަޒީރުކަން ދޭން ބޭނުންވާ މީހުންނާއި ފަޅު ރަށްތައް ބަހަން ބޭނުންވާ މީހުންނާއި ބަދަލުގެ ގޮތުގައި ނުހައްގުން ބޮޑެތި އަދަދުތައް ހޯދަން ބޭނުންވާ މީހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާނެ އެވެ.

އޭނާ އެ ވިދާޅުވަނީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް މަންދު ކޮލެޖު ހިންގަވާ އިބްރާހިމް އިސްމާއިލް (އިބްރާ) ވާހަކަ ދައްކަވާ މައްސަލަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަކީ އިބުރާގެ ކޮއްކޮއެކެވެ.

މެމްބަރު ވަހީދުގެ ޓްވީޓް

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް، ދައުލަތުން ބަދަލު ދީގެން ނުވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ދިއުމުން ވަކި ގޮތަކަށް ކޯޓުގައި އެއްބަސްވުމުގެ ބާރު ދައުލަތަށް ނޯންނާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

އަލީ ހުސައިންގެ ޓްވީޓް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންގެ އިތުރުން އެ ޕާޓީގެ އެހެން އާންމު މެމްބަރުން ވެސް މަންދު ކޮލެޖުގެ މައްސަލައިގައި މި ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.