Roadha Mihaaru
ބަބީތާ: ކަރިޝްމާ އާއި ކަރީނާގެ މަންމަ

ބަބީތާ: ކަރިޝްމާ އާއި ކަރީނާގެ މަންމަ

24 އެޕްރީލް 2021

ބަތަލާއިން ކަމަށްވާ ކަރިޝްމާ އާއި ކަރީނާ ކަޕޫރްގެ މަންމަ ބަބީީތާ އަކީ ކުރީގެ ބަތަލާއަކަށް ވިޔަސް ފިލްމީ ދާއިރާއާ މިހާރު ހުރީ ވަރަށް ދުރުގަ އެވެ. ފިލްމު ކުޅުނު ޒަމާނުގައި ބަބީތާ އަކީ ވަރަށް ރީތި ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި ބަތަލާއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާއިން ކަމަށްވާ ކަރިޝްމާ އާއި ކަރީނާ ކަޕޫރްގެ މަންމަ ބަބީީތާ އަކީ ކުރީގެ ބަތަލާއަކަށް ވިޔަސް ފިލްމީ ދާއިރާއާ މިހާރު ހުރީ ވަރަށް ދުރުގަ އެވެ. ފިލްމު ކުޅުނު ޒަމާނުގައި ބަބީތާ އަކީ ވަރަށް ރީތި ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި ބަތަލާއެކެވެ.

އެކަމަކު ބަބީތާގެ ކެރިއަރު ވަރަށް ކުރެވެ. މާ ގިނަ ފިލްމުތަކެއް ކުޅެފައެއް ނެތެވެ. އޭނާގެ ފިލްމީ ކެރިއަރުގައި ކުޅުނީ ޖުމްލަ 19 ފިލްމެވެ. އޭގެ ތެރެއިން 1971 ގެ "ކަލް އާޖް އޯރް ކަލް" އަކީ ފިރިމީހާ ރަންދީރު ކަޕޫރްގެ އަލަތު ފިލްމެވެ. އެ ފިލްމަކީ ރަންދީރު ޑައިރެކްޓް ވެސް ފިލްމެކެވެ.

މި މަހުގެ 20 ގައި 74 އަހަރު ފުރުނު އަހަރުގެ ބަބީތާ އާއި ރަންދީރު ކައިވެނިކުރީ ވެސް "ކަލް އާޖް އޯރް ކަލް" ގެނެސްދިން އަހަރު އެވެ. ދެ މީހުންގެ ފުރަތަމަ ދަރިފުޅު ކަރިޝްމާ އުފަންވީ 1974 ގަ އެވެ. ކަރީނާ ލިބުނީ 1980 ގަ އެވެ. އެ ދެ ތަރިންނަކީ ވެސް ކައިވެނިކޮށް މިހާރު ދަރިން ތިބި މީހުންނެވެ.

ބަބީތާގެ މިހާރު ހަތަރު މާމަދަރިން އެބަތިއްބެވެ. އެއީ ކަރިޝްމާގެ ދެ ކުދިންނާއި ކަރީނާގެ ދެ ކުދިންނެވެ. ކަރިޝްމާ އަށް ލިބުނީ ދެ ޖިންސްގެ ދެ ކުދިންނެވެ. އެއީ ސަމެއިރާ ކަޕޫރް، 16، އާއި ކިއާން ރާޖް ކަޕޫރް، 11، އެވެ. ކަރިޝްމާގެ ކައިވެނި އޮތީ ރޫޅިފަ އެވެ.

ކަރީނާ އާއި ސައިފް އަލީ ޚާނަށް ދެވަނަ ދަރިޔަކު ލިބުނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ ފިރިހެން ކުއްޖެކެވެ. އަލަތު ދަރިފުޅު ތައިމޫރަކީ ވެސް ފިރިހެން ކުއްޖެކެވެ.

އާއިލާގައި މުޅިން ވެސް ތިބީ ފިލްމީ ތަރިންނެވެ. ހާއްސަކޮށް ފިރިމީހާ ރަންދީރުގެ އާއިލާ އަކީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާ، ކަޕޫރް ޚާންދާނެވެ. އެކަމަކު ފިލްމު ކުޅުން ހުއްޓައިލި ފަހުން ބަބީތާ އަކީ އެއްގޮތަކަށް ވެސް "ލައިމްލައިޓަށް" އަންނަ ތަރިއެއް ނޫނެވެ. އޭނާގެ ވާހަކަ ދޭތެރެއަކުން ދެކެވޭނީ ދަރިންނާއި މާމަދަރިންނާ އެކު ކުރާ ދަތުރުތަކާއި ހާއްސަ ހަފުލާތަކާ ގުޅުވައިގެންނެވެ.

ގިނަ ބަޔަކަށް މިހާރު ބަބީތާ ފަރިތަވާނީ ވެސް ކަރިޝްމާ އާއި ކަރީނާގެ މަންމަގެ ގޮތުގަ އެވެ.

ބަބީތާ އަކީ ކުރީގެ އެކްޓަރެއް ކަމަށްވާ ހަރީ ޝިވްދަސާނީގެ ދަރިއެކެވެ. އަދި ކުރީގެ ވަރަށް މަޝްހޫރު ބަތަލާއެއް ކަމަށްވާ ސާދުނާ ޝިވްދަސާނީ އަކީ ބަބީތާގެ ދެބޭންގެ ދެދަރި ބަތަލާއެކެވެ.

ބަބީތާ ފިލްމީ ދާއިރާ އަށް ނުކުތީ 1966 ގެ "ދަސް ލާކް" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ރާޒް (1967)، ހަސީނާ މާން ޖާއޭގީ (1968)، އޭކް ޝްރީމާން އޭކް ޝްރީމަތީ (1969) އަދި ޖީތު (1972) ހިމެނެ އެވެ.

ބަބީތާގެ ކެރިއަރުގައި ކުޅުނު ފަހު ފިލްމަކީ 1973 ގެ "ސޯނޭ ކޭ ސާތު" އެވެ.

ރަންދީރާއި ބަބީތާ ކައިވެނީގެ ކުރީކޮޅު އެއީ ވަރަށް އުފާވެރި ކައިވެންޏަށް ވިޔަސް، ފަހުން ދެ މީހުންގެ ހަޔާތުގެ ބޮޑު ބައި މުޅިން ވެސް ހޭދަކުރީ ވަކިންނެވެ. އެކަމަކު ކައިވެނި ރޫޅުލައިމުގެ ވިސްނުމެއް ދެ މީހުންގެ ވެސް ނެތެވެ.

ތަފާތަކީ ވަކިން ދެ މީހުން އުޅުމެވެ. އެކަމަކު ދަރިންނާއި އާއިލީ ކަންކަމުގައި ނަގަން ޖެހޭ ޒިންމާތަކާއި އަދާކުރަން ޖެހޭ ދައުރު މިހާރު ވެސް ހަމަ ދެމަފިރިންގެ ގޮތުގައި ނަގަމުން ދެ އެވެ.

ކަރިޝްމާ އާއި ކަރީނާ އަކީ އަބަދު ވެސް އެ މީހުންގެ މަންމަ އާއި ބައްޕައާ ވަރަށް ބަދަހި ގުޅުމެއް ބާއްވާ ދެ ތަރިންނެވެ. މައިންބަފައިން ވަކިން އުޅުނަސް އެ މީހުންނަށް އެއް އިރެއްގައި ވެސް އެކަން އިހުސާސްކޮށް ދީފައެއް ނުވެ އެވެ.