Roadha Mihaaru
ކަރީނާ ފުރަތަމަ އުޅުނީ ގާނޫނީ ވަކީލަކަށް ވާން

ކަރީނާ ފުރަތަމަ އުޅުނީ ގާނޫނީ ވަކީލަކަށް ވާން

20 ޖޫން 2020

ކަރީނާ ކަޕޫރް ފިލްމީ ތަރިއަކަށްވުމުގެ ބަދަލުގައި ގާނޫނީ ވަކީލަކަށް ވާން ޝައުގުވެރިވި އެވެ. އެކަމަކު އޭނާގެ މުޅި އާއިލާ އަކީ ވެސް ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރީނާ ކަޕޫރް ފިލްމީ ތަރިއަކަށްވުމުގެ ބަދަލުގައި ގާނޫނީ ވަކީލަކަށް ވާން ޝައުގުވެރިވި އެވެ. އެކަމަކު އޭނާގެ މުޅި އާއިލާ އަކީ ވެސް ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ އެވެ.

އެކަމަކު ގާނޫނީ ވަކީލެއްގެ ގޮތުގައި ކަރީނާ ނުފެނުނަސް، އެކްޓަރެއްގެ ގޮތުގައި ނުކުމެ ބޮޑު ސްކްރީނުގައި ވަނީ އެ މަގާމު އަދާކޮށްފަ އެވެ. އެއީ 2005 ގެ ފިލްމު "އެއިތުރާޒް" ގަ އެވެ. އެ ފިލްމުގައި ކަރީނާ ކުޅުނީ ފިރިމީހާ (އަކްޝޭ ކުމާރު) ގެ މައްޗަށް ނުފޫޒު ގަދަ އަންހެން ވިޔަފާވެރިޔަކު (ޕްރިޔަންކާ ޗޯޕްރާ) ޖިންސީ ގޯނާގެ ތުހުމަތުކުރުމުން، ފިރިމީހާ ސަލާމަތްކުރަން ވަކާލާތުކުރި ވަކީލެއްގެ ރޯލެވެ.

ކަރީނާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބޮޑުވަމުން އައި ދުވަސްވަރު ގާނޫނީ ވަކީލަކަށް ވުމުގެ ހިޔާލު ސިކުނޑިތެރޭގައި އެނބުރެމުން ދިޔަ ކަމަށެވެ. އެކަމަކު އޭރު ވެސް އޭނާގެ ދައްތަ ކަރިޝްމާ ކަޕޫރް، ސަލްމާން ޚާން ފަދަ އެކްޓަރުންނާ އެކު ފިލްމު ކުޅޭތީ، ފިލްމު ސެޓްތަކަށް ގޮސް ވާނުވާ ބެލުމަށް ވެސް އެހާ ޝައުގުވެރިވި ކަމަށް ބުންޏެވެ.

ނަމަވެސް އާންމުކޮށް ކަޕޫރް ޚާންދުންގެ ކުދިންނަށް ދިމާނުވާ ގޮތަކަށް އޭނާ އަށް ބޯޑިން ސްކޫލަކަށް ވެސް ދާން ޖެހުނު ކަމަށްބުންޏެވެ. އެކަމަކު ކިޔެވުމަކީ އެއްވެސް އިރެއްގައި މާ ބޮޑު ޝައުގުވެރިކަމެއް ދެވުނު ކަމެއް ނޫން ކަމަށް ބުންޏެވެ.

އެކްޓަރު ސައިފް އަލީ ޚާނާ ކައިވެނިކޮށްގެން މިހާރު ދަރިއަކު ވެސް ހުރި ބަތަލާ ބުނިގޮތުގައި އޭނާ ބަތަލާއަކަށްވީ ހަގީގަތުގައި ވެސް އާއިލާގެ ތެރޭގައި ފިލްމީ ނުފޫޒު ގަދަކަމުންނެވެ. އަދި އެކަމާ ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.

ކަރީނާ، 39، ގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ. ކަރީނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ލާލު ސިންގް ޗައްޑާ" އާއި "ތަޚުތު" ހިމެނެ އެވެ.