Roadha Mihaaru
ޕެންޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅައިފި

ވަކި އިދާރާތަކުން ޕެންޝަން ދިނުން ހުއްޓާލައި އިންތިހާބީ މަގާމާ އެކު ޕެންޝަން ނުލިބޭ ގޮތަށް ބަދަލުކުރަން ހުށަހަޅައިފި

22 އެޕްރީލް 2021

ދައުލަތުގެ ވަޒީފާތަކުގައި އުޅެ އުމުރުން ދުވަސްވުމުން ރިޓަޔާކުރާ މީހުންނަށް އެ މީހުން އަދާކުރި ވަޒީފާއަށް ބަލައި އެ އިދާރާއަކުން ތަފާތު މިންގަނޑުތަކުން ދެމުން އަންނަ ޕެންޝަންތައް އުވައިލުން ހިމެނޭ ގޮތަށް، ޕެންޝަން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ވަޒީފާތަކުގައި އުޅެ އުމުރުން ދުވަސްވުމުން ރިޓަޔާކުރާ މީހުންނަށް އެ މީހުން އަދާކުރި ވަޒީފާއަށް ބަލައި އެ އިދާރާއަކުން ތަފާތު މިންގަނޑުތަކުން ދެމުން އަންނަ ޕެންޝަންތައް އުވައިލުން ހިމެނޭ ގޮތަށް، ޕެންޝަން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލުމުގައި އިސްތިސްނާކުރާނީ ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށެވެ.

ބިލުގެ 2-32 ވަނަ މާއްދާގެ (ށ) ގައި އޮތީ ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި ދައުލަތުގެ އެކި އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ، ދައުލަތުގެ އެހެނިހެން ޕެންޝަންތައް މިގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު އެއިދާރާއެއް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ. އެ މާއްދާ އޮތް ގޮތުންނާއި އޭގެ ކުރިއަށް އޮތް ބައެއް މާއްދާތައް އޮތް ގޮތުން، ބިލުން މާނަކުރެވެނީ އެ ހުރިހާ ޕެންޝަނެއް ވެސް ޕެންޝަން އޮފީހުގެ ދަށަށް ބަދަލުވުން ކަމަށެވެ.

އެކަމަކު 2-32ގެ (ށ) ގައި އޮތީ "ހިދުމަތުގެ މުއްދަތަށް ބަލައި، ނުވަތަ ވަޒީފާއިން ރިޓަޔާކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މި ގާނޫނަށް އަަމަލުކުރަން ފެށުމުގެ ކުރިން ތައާރަަފްކޮށްފައިވާ އިތުރު ޕެންޝަންތައް ނުވަތަ އިނާޔަތްތައް ފޯރުކޮށްދިނުން މި ގާނޫނަށް އަމަލުކުރަން ފެށުމާއި އެކު ނިމުމަކަށް އަންނާނެ" ކަމަށެވެ.

ޕެންޝަނުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ދައުތުގެ މަގާމެއް އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ މަގާމަކަށް އަންނަ ހިސާބުން ފެށިގެން، އޭނާއަށް ޕެންޝަން ލިބުނުން ހުއްޓޭ ގޮތަށް އޮތުމެވެ.

ބިލުގައި އިސްތިސްނާކޮށްފައިވާ މުއައްސަސާތައް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކޮށް ރިޓަޔާވެފައިވާ މީހުންނަށް ވެސް ޕޭކޮމިޝަން މެދުވެރިކޮށް، ޕެންޝަނުގެ މިންވަރުތައް އަލުން ކަނޑައަަޅަން ވެސް ބިލުގައި ވެ އެވެ. ޕޭކޮމިޝަނަށް ލާޒިމްކޮށްފައި އޮތީ ބިލު ގާނޫނަކަށް ވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ސިޔާސަތުތައް ކަނޑައެޅުމަށެވެ.

މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވަނުން މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ވިދާޅުވީ އެ ބިލުގައި އޮތީ ވަޒީފާ އަދާކުރި މުއްދަތާ ގުޅުވައިގެން ވަކި ބަޔަކަށް އިނާޔާތްދޭން ކަމަށާއި އެކަން ވެސް އޮތީ އެއްވެސް ހަމަޔަކުން ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން އެ ބިލުން އިސްތިސްނާ ވާއިރު ކަސްޓަމްސް ސާވިސް އިސްތިސްނާ ނުވާ ކަމެވެ. އޭނާ ވިދާޅުވީ ކަސްޓަމްސްް އަކީ ވެސް ހަމަ ސަަލާމަތީ ހިދުމަތެއް ކަމަށެވެ.

"ދައުލަތަށް އެތައް އަހަރެއް ވަންދެން، ވިހި އަހަރު ތިރީސް އަހަރުވަންދެން ހިދުމަތްކޮށްފައި ތިބޭ ބަޔަކު [އަޅައިނުލައި] ދޫކޮށްލުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން،" ހާރޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާކުރާ މަގާމުގައި މީހުން އިހުލާސްތެރިވާ މިންވަރު ގުޅިފައި އޮންނާާނީ ވެސް އެ މީހުން ކުރާ މަސައްކަތް ބަލައިގަންނަ މިންވަރަށް ކަމަށާއި އެތައް އަހަރެއް ވަންދެން ހިދުމަތްކޮށްފައި ހުސްއަތާ ދާން ޖެހުމަކީ ބަލައިނުގަތުން ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ޕެންޝަނަރުންނަކީ ރާއްޖެ މިހާރު މިއޮތް ހިސާބަށް ގެނައުމުގައި ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން ކަަމަށެވެ. އޭގެ ތެރޭގައި ފަންސާސް އަހަރު ދުވަހު ހިދުމަތްކުރެއްވި ބޭފުޅުން ވެސް ހިމެނޭ ކަމަށާއި އެކަމަކު މިއަދު އެންމެ ނިކަމެތި ބަޔަކަށް ވެފައި ވަނީ އެ ހިދުމަތްރެރިން ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ މުޅި ހަޔާތް ވޭތުކުރީ ، ވިހިތިރީސް އަހަރު، މިހެން ގޮސް ފަންސާސް އަަހަރު ހޭދަކުރައްވާފައި ތިއްބެވި ބޭފުޅުން ވެސް އެބަތިއްބެވި. އެހެން ނަމަވެސް ޕެންޝަނުގެ ގާނޫނަށް ސަރުކާރުތަކުން ގެންނަމުން އައި ބަދަލުތަކާ އެކީގައި މިއަދު އެންމެ ނިކަމެތި ބަޔަކަށް މި ވަނީ މިގައުމު ތަރައްގީކުރުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން،" އާދަމް ވިދާޅުވި އެވެ.

ނައިފަަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ އިސްލާހަކީ ސަަރުކާރަށް ފައިސާކޮޅެއް ހޯދުމަށް ހުށަހަަޅާފައިވާ އިސްލާހެއް ކަމަށެވެ. އެއީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ އަތުގައި ހުރި ފައިސާއެއް ހޯދައިގެން ސިޔާސީ މަގާމުތަކެއް އުފައްދަން ކުރާ ކަމެކެވެ. އެ ބިލު އަނބުރާ ގެންދިއުމަށް ވެސް އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.