Roadha Mihaaru
މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް އިހުތިޖާޖުކުރަނީ

ހަތަރު މަހުގެ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް އިހުތިޖާޖުކުރަނީ

22 އެޕްރީލް 2021

މުސާރަ ނުދޭތާ ހަތަރު މަސް ދުވަަސް ފާއިތުވެއްޖެ ކަމަށް ބުނެ، ބިދޭސީންތަކެއް މިރޭ މާލޭގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މުސާރަ ނުދޭތާ ހަތަރު މަސް ދުވަަސް ފާއިތުވެއްޖެ ކަމަށް ބުނެ، ބިދޭސީންތަކެއް މިރޭ މާލޭގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުން އަންނަ ބިދޭސީންނަކީ އެސްޓޯނިޝް ކްލީނިން ކޮމްޕެނީގެ ނަމުގައި ހިންގަމުން އަންނަ ތަނެއްގައި މަސައްކަތް ކުރާ ބައެކެވެ. އެގޮތުން 180 އެއްހާ މީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ދުވަަސްވެފައިވާ ކަމަށް މުޒާހަރާ ކުރާ މީހުންގެ ތެރެއިން ބައެއް މީހުން ބުނެ އެވެ.

އެ މީހުން ބުނީ މުސާރަ ނުދޭތީ އަނބުރާ ބަންގްލަދޭޝް އަށް ދާން ބޭނުންވެގެން އެ ވާހަކަ ބުނުމުން ވެސް ކުންފުނިން އެންގީ އަމިއްލަ އަށް ދިއުމަށް ކަމަށެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެ މީހުންނަށް ޗުއްޓީއެއް ނުދީ މަސައްކަތް ކުރުވާތާ ވެސް ހަ އަހަރުވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކަރަންކާ މަގުގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަމުން އަންނައިރު މީގެ ކުރިން ވެސް ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތައް ފެންމަތިވެ ބޮޑެތި ހަމަނުޖެހުންތައް ހިނގައިފައިވެ އެވެ. އަދި މިފަހުން ހުޅުމާލޭގައި ބިދޭސީން އިހުތިޖާޖުކުރުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި އެ މީހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގައިފައިވެ އެވެ.