Roadha Mihaaru
އެތައްހާސް ރުފިޔާ އާއި ފޯނާއި ލެޕްޓޮޕާއި ގަހަނާ ފޭރުނު

ފޭރުނު މީހުން އެތައް ހާސް ރުފިޔާ އާއި ފޯނާއި ލެޕްޓޮޕާއި ގަހަނާ ގެންދިޔަ

12 ނޮވެމްބަރ 2020

ފުލުހުންގެ އިންޓެލިޖެންސުގެ ބައެއް ކަމަށް ބުނެ ފަރިވާ ސްޓޭ އަށް ވަދެ އެތަނުގެ މުވައްޒަފުން ބަނުމަށް ފަހު ފޭރުނީ ވަގު ޑޮލަރުގެ ވިޔަފާރިއަށް ތުހުމަތުކޮށްފައި ކަމަށާއި ހޯދި ހުރިހާ ފައިސާ އާއި އަގުބޮޑު ތަކެތި ގެއްލިފައިވާ ކަމަށް އެ ގެސްޓު ހައުސްގައި މަސައްކަތްކުރާ ބިދޭސީން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފުލުހުންގެ އިންޓެލިޖެންސުގެ ބައެއް ކަމަށް ބުނެ ފަރިވާ ސްޓޭ އަށް ވަދެ އެތަނުގެ މުވައްޒަފުން ބަނުމަށް ފަހު ފޭރުނީ ވަގު ޑޮލަރުގެ ވިޔަފާރިއަށް ތުހުމަތުކޮށްފައި ކަމަށާއި ހޯދި ހުރިހާ ފައިސާ އާއި އަގުބޮޑު ތަކެތި ގެއްލިފައިވާ ކަމަށް އެ ގެސްޓު ހައުސްގައި މަސައްކަތްކުރާ ބިދޭސީން މިއަދު ބުނެފި އެވެ.

މާފަންނު ލެކިއުޓް ކައިރީ ހުންނަ ފަރިވާ ސްޓޭ އަށް އިއްޔެ ރޭ ފަތިހު ބަޔަކު ވަނީ ފުލުހުންގެ އިންޓެލިޖެންސުގެ ބައެއް ކަމަށް ބުނެފައި ކަމަށާއި އެތަނުުގެ މުވައްޒަފުންގެ އަތުގައި ކްލިޕް އެޅުވުމަށް ފަހު ފޭރުނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފޭރުނު މީހުންގެ އަތްދަށުވި ބިދޭސީ ދެ މުވައްޒަފަކު "މިހާރު" އަށް ބުނި ގޮތުގައި ދެ ކޮޓަރިއަކުން ފޭރިފައިވެ އެވެ. އެއް ކޮޓަރިން ލެޕްޓޮޕަކާއި ފޯނެއް އަދި 20،000 އަށް ވުުރެ ގިނަ ރުފިޔާ ނެގި ކަމަށާއި އަނެއް ކޮޓަރިން ލައްކައެއްހާ ރުފިޔާގެ ރަނާއި އައިފޯނަކާއި ސެމްސަންގް ފޯނަކާއި ހަތަރު ނޮކިއާ ބައްތި ފޯނު ވެސް ގެންދިޔަ ކަމަށް ބުންޏެވެ.

އެ މީހުން ބުނި ގޮތުގައި ފޭރުނު މީހުން އެތަނަށް ވަނީ ފަތިހު ގާތްގަނޑަކަށް 5:45 ހާއިރު އެވެ. އޭރު ގެސްޓު ހައުސްގެ ކޮޓަރިއެއްގައި ދިވެއްސަކު ވެސް ހުރި ކަމަށް ބުންޏެވެ.

އަތް ކުރު ކަޅު ޓީޝާޓާއި ކަޅު ފަޓުލޫނުގައި ކަޅު "ޕޫމާ" ލޯގޯ ޖެހި މާސްކު އަޅައިގެން ވަތް ތިން ފިރިހެނުންގެ ތެރެއިން އެކަކު ހުރީ ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންކުރާ ފޭސް ޝީލްޑް ވެސް އަޅައިގެން ކަމަށް ބުންޏެވެ. ގެސްޓް ހައުސްގެ މުވައްޒަފުން ބުނީ ފޭރުނު މީހުން ވަން އިރު ބޭރުގައި ސެކިއުރިޓީ ގާޑެއް އިންނާނެ ކަމަށާއި އެ މީހާ ގާތު ވެސް އެއީ ފުލުހުން ކަމަށް ބުނެފައިވާ ކަމަށެވެ.

"ވަދެ ފުރަތަމަ އެހީ ރިސެޕްޝަން މީހާ ކޮބައިހެއްޔޭ. އޭރު އަހަރެން އޮތީ ރޫމްގަ ނިދާފައި. ދެން ގާޑު މީހާ އަހަރެންގެ ރޫމް ދެއްކީމާ އައިސް ވަރަށް ބާރަށް ނޮކް ކުރީ،" ގެސްޓް ހައުސްގެ ބިދޭސީ މުވައްޒަފަކު ކިޔައިިދިނެވެ.

އޭނާ ބުނީ ދޮރު ހުޅުވާފައި ފުރަތަމަ ވެސް އެއީ ކޮން ބައެއްތޯ އެހިން ކަމަށެވެ. އެއީ ފުލުހުން ކަމަށާއި އެތަނަށް އައީ ވަގު ޑޮލަރު ވިޔަފާރިކުރާތީ ބަލައި ފާސްކުރުމަށް ކަމަށް ބުނެ އެ މީހުން އަތުގައި އޮތް ފާހެއް ދެއްކި ކަމަށް ބުންޏެވެ. ނަމަވެސް އެ ފާސް ރަނގަޅަށް ބަލާނެ ފުރުސަތެއް ނުދޭ ކަމަށާއި ހަމައެކަނި ލޯގޯ ފެންނަވަރު ކޮށްލާފައި ޖީބަށް ލީ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާ ބަންގްދާލޭޝްގެ އެ މީހާ ބުނީ މިހާތަނަށް ދުވަހަކު ވެސް ފުލުހުންނާ ދިމާވެ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އެ މީހުންގެ ވާހަކަ ހުރިގޮތާއި އަމަލުތައް ހުރި ގޮތުން އެއީ ފުލުހުން ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.

"ރޫމަށް ވަދެ ބުނީ އަހަރެންގެ ޕާސްޕޯޓާއި ވޯކް ވިސާ ދައްކަން. ދެން އަހަރެން ވޮލެޓުން އެ ނަގާފައި ދިނީމަ ބުނީ ކީއްވެ ހެއްޔޭ ވިސާ އާ ނުކުރަނީ. އަހަރެން ބުނިން ބޮސްއަށޭ އެނގޭނީ،" އޭނާ ބުންޏެވެ.

"ދެން ވޮލެޓު ވެސް ނެގީ. މުޅި ވޮލެޓު ބަލާފައި އެ ނަގައި އެނދުމައްޗަށް އެއްލައިލީ. އަހަރެން ކައިރީ ބުނީ ސައިޑްގަ މަޑުކުރަން."

އޭނާ ބުނި ގޮތުގައި މުޅި ކޮޓަރިތެރެ ހާވައި ބަލަމުން ދިޔަ އިރު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތޯ ބެލުމަށް ކުރާ ކަހަލަ އެކި ސުވާލުތައް ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން، ވާކް ޕާމިޓާއި ޕާސްޕޯޓާއި ރާއްޖެ ގެނައި މީހާއާ ގުޅޭ ގިނަ ސުވާލުތަކެއް ކުރި ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަތުގައި ކްލިޕް އެޅުވީ ތަންތަން ބަލަމުން ގޮސް އަލަމާރި ތެރޭ ހުރި ފައިސާ ފެނުމާ އެކުގަ އެވެ. ކްލިޕް އަޅުވައި ކޮޓަރިތެރޭގައި ބޭންދީ ކަމަށާއި އެއަށް ފަހު ގޮސް އަލަމާރީގައި ހުރި 19،500ރ އާއި އޭނާގެ ލެޕްޓޮޕާއި ވޮލެޓުގައި އޮތް 800ރ. ވެސް ނަގައި އެނދުމަތީގައި ބެހެއްޓި ކަމަށް ބުންޏެވެ. އެއީ ބަލައި ފާސްކުރުމަށް ނަގާފައިވާ ތަކެތި ކަމަށް ބުނެ އެހެން މުވައްޒަފުންނާ ބެހޭ ގޮތުން ސުވާލުކުރުމުން ޖެހިގެން ހުރި ކޮޓަރީގައި އުޅޭ މީހާގެ ވާހަކަ ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

އަނެއް ކޮޓަރިއަށް ގޮސް އެ މީހާ ވެސް ގެންގޮސް ކްލިޕް އަޅުގައި ބޭންދުމަށް ފަހު ކޮޓަރީގައި އޮތް ފޯނާއި ފައިސާ އަދި އޭނާ ކައިވެންޏަށް ހަދިޔާގެ ގޮތުގައި ގެންދަން ގަނެފައި ހުރި ރަނާއި އިތުރު ފޯނުތައް ވެސް ނަގައިގެން އައީ ކަމަށް ބުންޏެވެ.

"އެ ހުރިހާ އެއްޗެހި ނަގައިގެން އައިސް މި ރޫމްގައި ބެހެއްޓި އެއްޗެހި ވެސް ނެގީ. އަހަރެންގެ ވޯކް ޕާމިޓާއި ވިސާ ވެސް ގެންދިޔައީ. ދެން އެހެން ރޫމެއް ބަލާށޭ ކިޔާފައި ގޮޮސް ވަން މިނެޓް ތެރޭ އެ މީހުން ފިލީ،" ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ހިތްދަތިވެފައި ހުރެ އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ފޭރުނު މީހުން ދިޔަ ފަހުން ސަލާމަތްވީ ގެސްޓް ހައުސްގެ ގާޑު މީހާ އައިސް އަތުން ކްލިޕް ނައްޓައިދިނުމުން ކަމަށެވެ. ދެން އަވަހަށް ފުލުހުންނަށް ގުޅައި އެންގުމަށް ފަހު ސީސީޓީވީ ފޫޓެޖް ވެސް ދީފައިވާނެ ކަމަށް ބުންޏެވެ. އެކަމަކު އޭގެ ފަހުން 24 ގަޑިއިރު ވީއިރު ވެސް އަދި މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް ނުލިބޭ ކަމަށް ބުންނެވެ.

އޭނާ ބުނީ ރާއްޖޭގައި ބުރަ މަސައްކަތް ކޮށްގެން ހޯދި ހުރިހާ ފައިސާއެއް ގެއްލުނީ ކަމަށާއި މިހާރު އަތުގައި އެކައްޗެއް ވެސް ނެތް ކަމަށެވެ.