Roadha Mihaaru
މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެވޭ ގޮތް ހަދައިފި

މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް ދޯނިތަކުގައި ބިދޭސީން ގެންގުޅެވޭނެ: މިނިސްޓްރީ

19 އެޕްރީލް 2021

ރާއްޖޭގެ މަސް ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދީފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ މަސް ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ހުއްދަ ދިނީ މަސް ދޯނިތަކުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ލިބުމުގެ ދަތިކަން ކުރިމަތި ވާތީ ކަމަށެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އެހެންވެ، މަސްވެރިކަންކުރުން ފިޔަވައި އެހެން މަސައްކަތްތަކަށް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދިނުމުން އެ އިންޑަސްޓްރީ އަށް ވެސް ފައިދާ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގަވާއިދަށް ގެނައި މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސް ދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.

މި ބަދަލާއެކު، މަސްވެރި އުޅަނދުފަހަރުގައި ގެންގުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް ސައްހަ ހުއްދައެއް އޮވެގެން މަސައްކަތްކުރާ ބައެއްކަން ޔަގީންކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން މި ހުއްދަ ދިން އިރު، ރާއްޖޭގެ ގިނަ މަސް ދޯނިތަކުގައި މިހާރު ވެސް ބިދޭސީން ގެންގުޅެ އެވެ.