Roadha Mihaaru

ލެސްޓާ އެފްއޭ ކަޕްގެ ފައިނަލަށް

ލަންޑަން (18 އޭޕްރީލް) - އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލެސްޓާ އެފްއޭ ކަޕްގެ ފައިނަލަށް

ލަންޑަން (18 އޭޕްރީލް) - އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުން ލެސްޓާ މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ނައިޖީރިއާގެ ފޯވަޑް ކެލޭޗީ އިއަނާޗޯ ޖެހި ލަނޑުންނެވެ. މިއީ 1969 ވަަނަ އަހަރުގެ ފަހުން ލެސްޓާ އިން އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭގެ ސެމީ ފައިނަލް ކުޅުނީ ދަނޑަށް ސަޕޯޓަރުން ވައްދައިގެނެވެ. އިންގްލެންޑްގައި ފުޓްބޯޅަ މެޗުތަކަށް ސަޕޯޓަރުން އަލަށް ވެއްދުމުގެ ފުރަތަމަ މަރުހަލާގެ ގޮތުން، މިރޭގެ މެޗަށް 4000 ސަޕޯޓަރުން ވެއްދި އެވެ. މިއީ 13 މަސް ދުވަހުގެ ތެރޭގައި އިންގްލެންޑްގައި އެންމެ ގިނަ މީހުން ވައްދައިގެން ކުޅުނު ފުޓްބޯޅަ މެޗެވެ.

"އެންމެ 4000 މީހުންވިޔަސް، ދަނޑުގައި ސަޕޯޓަރުން ތިބިތަން ފެނުމުން ވަރަށް ހިތްހަމަޖެހުނު،" މެޗަށް ފަހު ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުންޏެވެ. "ދަނޑުތަކަށް ސަޕޯޓަރުން އަލުން ވައްދާނެ ދުވަހަކަށް މި އިންތިޒާރުކުރަނީ. މިއަދު ވެސް ލެސްޓާގެ ސަޕޯޓަރުންތަކެއްގެ އަޑު ދަނޑުން އިވުމުން ވަރަށް އުފާވި."

އަންނަ މަހުގެ 15 ވަނަ ދުވަހު ވެމްބްލީގައި ކުޅޭ އެފްއޭ ކަޕްގެ ފައިނަލްގައި ލެސްޓާއާ ދެކޮޅަށް ނުކުންނާނީ ޗެލްސީ އެވެ. މި މެޗަށް 21،000 ސަޕޯޓަރުން ދަނޑަށް ވައްދަން ވަނީ ރާވައިފަ އެވެ.

އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދުމަށް ސައުތުހެމްޓަން އިން ކުރި އުންމީދުތައް ފެނަށް ދިޔައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ފަހަކަށް އައިސް އެ ޓީމުގެ ފޯމު ވަނީ ދަށްވެފަ އެވެ.

ސައުތުހެމްޓަންގެ ކޯޗު ރަލްފް ހާސެންހަޓްލް ބުނީ އެ ޓީމަށް ދެން އޮތީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރުން ކަމަށެވެ.

"ވަރަށް މަސައްކަތްކުރި ޓީމުން މި މެޗުގައި. އެކަމަކު އެންމެ ޝޮޓެއް ވެސް އިދިކޮޅުގެ ޓީމުގެ ގޯލަށް އަމާޒެއް ނުކުރެވުނު،" ހާސެންހަޓްލް ބުންޏެވެ. -- އޭއެފްޕީ