Roadha Mihaaru
ޓީސީ ބަލިކޮށް މާޒިޔާ ލީޑު ފުޅާކޮށްފި

ޓީސީ ބަލިކޮށް މާޒިޔާ ލީޑު ފުޅާކޮށްފި

17 އެޕްރީލް 2021

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 އިން ކުރި ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ލީޑު ފުޅާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 އިން ކުރި ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ލީޑު ފުޅާކޮށްފި އެވެ.

މެޗަށް ނުކުތް އިރު މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު މާޒިޔާ ވަނީ ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. މާޒިޔާ އިން ވަނީ މިހާރު 28 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ވެލެންސިއާ އޮތީ 21 ޕޮއިންޓާއެކު އެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ ގްރާންޑޭއާ ދެކޮޅަށް ވެލެންސިއާ ނުކުންނާނެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އަށް ޓީސީގެ ގޯލް ހުޅުވުމުގައި އުނދަގޫތައް ކުރިމަތި ވެގެން ދިޔަ އެވެ. ޓީސީން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތައް ފައިބައިގެން ތިބެ އެވެ. އަދި ކައުންޓަ އެޓޭކުގައި މެޗުގެ ޓީސީން ވެސް ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ތަނަވަސްކުރި އެވެ.

ޓީސީގެ މުހައްމަދު ޔަޒުދާން ހުސައިން (ޔަޒޭ)، މާޒިޔާގެ ހާފުގެ ތެރެއިން، ޓީސީގެ ޓްރިނިޑާޑްގެ ކޯޑެލް ސެމިއުލް އަށް ދިން ބޯޅަ ހިފައިގެން އޭރިއާ އާ ހަމައަށް ގޮސް ސެމިއުލް ބޯޅަ ފޮނުވާލުމުން، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ދިފާއު ކުރި އެވެ.

ފުރަތަމަ ހާފުގައި، މާޒިޔާގެ މޫސާ ޔާމީނަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި އައިސަމް އިބްރާހިމް ކުޅެން އަރުވައި، މާޒިޔާ އިން ޓެކްޓިކަލް ބަދަލެއް ގެނައިތަން ފެނިގެންދިޔަ އެވެ.

މާޒިޔާގެ ހުސައިން ނިހާން (ނިހާޓް) ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވަނީ މުހައްމަދު އުމޭރަށް ރަނގަޅު ބޯޅައެއް ތަނަވަސް ކޮށްދީފަ އެވެ. އުމޭރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓުވާޓް (ކޯނޭ) އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ޓީސީގެ އޭރިއާ ތެރެއަށް ބޯޅަ ނަގައިިދިން އިރު ކޯނޭ ހުރީ ގޯލް ލައިނާ ވަރަށް ގާތުގަ އެވެ. އޭނާ ވަނީ ހަމްޕު ނަގައިދިން ބޯޅަ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ބޮލުން ވައްދާލާފަ އެވެ.

ފުރަތަމަ ހާފުގައި، ޑިފެންސަށް ފައިބައިގެން ތިބެ ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ޓީސީން އެ ޓީމުގެ ގޭމް ބަދަލު ކުރި އެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 53 ވަނަ މިނެޓްގައި ކެޕްޓަން މުހައްމަދު އައްޒާމް ކާމިޔާބު ކުރި ލަނޑުންނެވެ. ސެންޓަ ސާކަލްގެ ތެރެއިން މާޒިޔާގެ ކުޅުންތެރިއެއް އަތުން ހޯދި ބޯޅަ ހިފައިގެން އޭރިއާ އާ ހަމައަށް ގޮސް، އައްޒާމް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ މާޒިޔާގެ މިޑްފީލްޑާރު ޓަކާށީ އޮޑާވަރާގެ ބޮލުގައި ޖެހިފަ އެވެ.

ނަތީޖާ އެއްވަރު ކޮށްލައިގެން ޓީސީއަށް އޮވެވުނީ 8 މިނެޓެއް ހާއިރު އެވެ. މެޗުގެ 60 ވަނަ މިނެޓްގައި، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ވަނީ މާޒިޔާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. އަހްމަދު އަބްދުﷲ (ލިލީ) ޓީސިގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލިބުނީ ކޯނޭ އަށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްލާފައި އެ ބޯޅަ ތަނަވަސް ކޮށްދިނީ އިއްބެ އަށެވެ. އިއްބެ ވަނީ ބޯޅަ އޭނާގެ ކޮންޓްރޯލް ދަށަށް ގެނެސް ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު އިއްބެ ކާމިޔާބު ކުރީ 86 ވަނަ މިނެޓްގަ އެވެ. މިފަހަރުވެސް އޭނާ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ކޯނޭ އެވެ. ޓީސީގެ އޭރިއާގެ ތެރެއަށް ހުސްކޮށް އަރައި ކޯނޭ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިނީ އެ ބޯޅައަށް އިއްބެ އަރާނެކަން އެނގިގެނެވެ. ކޯނޭ ނަގައިދިން ބޯޅަ އިއްބެ ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ، ފުރަތަމަ ހާފުގައި ޓީސީއަށް ދެރަ ލިބުނީ ޑިފެންސް ކޮށް ކުޅެން ވިސްނުމުން ކަމަށެވެ. ދެ ވަނަ ހާފުގައި އެޓޭކިން ފުޓްބޯޅައެއް ކުޅެން އުޅުމުން ޓީސީގެ ޓީމުގެ ކުޅުން ރަނގަޅުވިކަން ނިޒާމް ފާހަގަ ކުރި އެވެ.