Roadha Mihaaru
"ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން ގޯހަކަށް ވެދާނެ"

ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން ގޯހަކަށް ވެދާނެ: ވިޑަކޮވިޗް

15 ޖެނުއަރީ 2021

އޭނާ ބޭނުންވާ ފެންވަރުގެ ކުޅުމެއް މާޒިޔާގެ ފަރާތުން ދައްކަން ކުރާ މަސައްކަތުގައި ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން އެއީ ގޯހަކަށް ވެދާނެ ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

އޭނާ ބޭނުންވާ ފެންވަރުގެ ކުޅުމެއް މާޒިޔާގެ ފަރާތުން ދައްކަން ކުރާ މަސައްކަތުގައި ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން އެއީ ގޯހަކަށް ވެދާނެ ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ވިޑަކޮވިޗް މާޒިޔާގެ ކޯޗުކަމާ ހަވާލުވިތާ ތިން ވަރަކަށް ދުވަސް ތެރޭ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ 3-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ފަރާތުން ފެނިގެންދިޔައީ އޭނާ ބޭނުންވާ ލެވަލާ ގާތް ކުޅުމެއް ކަމަށާއި ބަދަލުތައް ގެންނަން ބޭނުންވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގޮތަށް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުން ގޯހަކަށް ވެދާނެ. މީގައި ދާން ޖެހޭނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް. ޓީމެއްގެ ކުޅުންތެރިންގެ އެ ހުންނަ ސްޓައިލަކީ ކުއްލިއަކަށް ބަދަލުކުރެވޭނެ ކަމެއް ވެސް ނޫން. ކުޅުންތެރިންނަށް ކުއްލިއަކަށް އަހަރެން ދޭ ހުރިހާ މައުލޫމާތަކަށް ބަލައިގެން ފުރިހަމަ އަށް ތައްޔާރުވާންޖެހޭނެ ކަމަށް ދެކިގެންނުވާނެ. މީގައި ބަލަން ޖެހޭނީ އެ މީހުންނަށް ވެސް މިއަށް އަށް ހޭނެން ފުރުސަތު ލިބޭނެ ދުވެއްޔެއްގައި ކުރިއަށް ދާން. އަހަންނަށް ފެންނަނީ ރަނގަޅު މަންޒަރުތަކެއް މިހާތަނަށް،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް ފަަސް މެޗުން 11 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ. މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ. އަނެއްކޮޅުން ޓީސީ އަށް މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިގެން ލީގުގެ ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ވިޑަކޮވިޗް ބުނީ ކޮންމެ ޓީމަކަށް ވެސް އިހުތިރާމްކުރާ ކަމަށާއި ލީގުގެ ތާވަލު އޮތްގޮތަށް ބަލާއިރު ސީޒަންގެ ކުރީކޮޅު ވުމުން ޓީމުތަކުން ކުރިއަށް އަރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި މާޒިޔާ އަތުން ނަތީޖާ ނެރެން ކޮންމެ ޓީމަކުން ވެސް މަސައްކަތްކުރާނެކަން އެނގޭ ކަމަށް ބުންޏެވެ.

"ކޮންމެ ޓީމެއް ވެސް އެހެންވީމަ ވަރަށް ނުރައްކާވާނެ. އަހަންނަށް ކޮންމެ މެޗެއް ވެސް މުހިއްމު ވަރަށް. އިދިކޮޅަށް ޓީމު އަބަދުވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ވަރަށް މޮޓިވޭޓްވެފައި އޮންނާނީ. އެންމެ މޮޅު ކުޅުން ދައްކަން ނުކުންނާނީ،" ވިޑަކޮވިޗް ބުންޏެވެ.

ފިލިޕީންސް ލީގުގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ވިޑަކޮވިޗް ބުނީ ދަނޑުގެ ވިނަގަނޑު އޮތްގޮތުން ފަސޭހަވާނީ ޑިފެންސްކޮށްގެން ކުޅޭ ޓީމަކަށް ކަމަށާއި ތިރިން ޕާސް ޖަހައިގެން އެޓޭކިން ކުޅުމަކަށް މަސައްކަތްކުރާ ޓީމުތަކަށް ދަނޑުގެ ހާލަތުގެ ގޮތުން އެންމެ ރަނގަޅަށް ކަންތައްތައް ނުކުރެވޭނެ ކަމަށެެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ނުކުމެ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިޑަކޮވިޗް ބުންޏެވެ.

ސީޒަނުގެ މިހާތަނަށް މާޒިޔާ އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެ ޓީމުގެ ކުޅުމުން އެންމެ ފާހަގަވާ އެއް ކަމަކީ ފުރަތަމަ ހާފުގައި ދައްކާ ކުޅުމާ އެއްވަރަށް ދެ ވަނަ ހާފްގައި އެކަށޭނެ މިންވަރަށް ނުކުޅެވުމެވެ. ވިޑަކޮވިޗް ބުނީ އެއީ އޭނާ ވެސް ސަމާލުވާ ކަމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން ވެސް އެކަމަށް އެބަ ވިސްނަން. އަހަރެމެން ފުރަތަމަ ހާފު ރަނގަޅު ހިސާބެއްގައި ނިންމާލާފައި ދެ ވަނަ ހާފް ފަށައިގެން ތަންކޮޅެއް ރިލެކްސް އެބަ ވެލެވޭ. ހާއްސަކޮށް އަހަރެމެން ލީޑުގައި އޮވެ ފަސޭހަކޮށްލެވޭތަން އެބައާދޭ. އަހަރެމެން ވާހަކަ ދައްކައިގެން ރަނގަޅުކުރަން މަސައްކަތް އެބަކުރަން،" ވިޑަކޮވިޗް ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުން ދަ ގްރާންޑޭ އަތުން ބަލިވި ނަމަވެސް ޓީސީ އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވެފައިނުވެ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ފަހަތުން އަރައި ވެލެންސިއާއާ އެއްވަރުކޮށްފަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ޖެހިޖެހިގެން ވަރުގަދަ ދެ މެޗު ޖެހުމުން އެ ދެ ގޮތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ދެ ކަމެއް މި އުޅެނީ. ވެލެންސިއާ ހިފަހައްޓައިގެން އެ ޕޮއިންޓަކީ ހަގީގަތުގައި ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް. އެ މޯޓިވޭޝަން އިތުރުވެގެންދާނެ. އަނެއް ކަމަކީ އެއް މެޗުގައި އެ ވަރަށް ކުޅެފައި އަނެއްކާ ވެސް އެ ވަރުގެ މެޗެއް ދެން ވެސް މި އޮތީ. ޕްލަސް އަކާ މައިނަސް އަކާ މީނީ މީގައި،" ޝާޒް ބުންޏެވެ.

ޝާޒް ސިފަކުރާ ގޮތުގައި މާޒިޔާ އަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކްލަބް އެވެ. އޭނާ އެގޮތަށް ދެކެނީ ދަނޑުތެރޭގައި ވެސް ދަނޑުން ބޭރުގައި ވެސް މާޒިޔާގެ ކަންތައްތައް ރަނގަޅަށް އޮތުމުންނެވެ. ސީޒަނުގެ ފުރަތަމަ މެޗުތަކުގައި މާޒިޔާގެ ފަރާތުން ފެނުނު ކަންތައްތައް އެއީ މާޒީ ކަމަށާއި ޓީސީއާ ދެކޮޅަށް މާޒިޔާ އިން ވެސް ނުކުންނާނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށްވާތީ މީގައި އެޑްވާންޓޭޖް ނެގޭނެ ވަކި ކަންތައްތަކެއް ހުރިކަމަށް ނުދެކޭ ކަމަށް ޝާޒް ބުންޏެވެ.

"މާޒިޔާގެ ބެންޗުގައި ވެސް ކޮންމެ އިރަކު ވެސް ނަތީޖާ ނެރޭނެ ކުޅުންތެރިން އެ ތިބީ. މާޒިޔާއާ ދެކޮޅަށް ފަސޭހަކޮށް ތައްޔާރުވެގެން މި ކަމެއް ނުވާނެ،" ޝާޒް ބުންޏެވެ.

މި ވަގުތު ޓީސީ ޓީމަށް އޮތް އެޑާވާންޓޭޖެއްގެ ގޮތުގައި ޝާޒް ދެކެނީ އެއް މަގާމަށް ވުރެ އިތުރަށް ރަނގަޅަށް ކުޅެވޭނެ ކުޅުންތެރިން ގިނަވުމެވެ. އަދި އެގޮތަށް ޓީމު ތައްޔާރުކުރާ ސަބަބަކީ ހަގީގަތުގައި ދުނިޔޭގެ ފުޓްބޯޅަ ވެސް މިހާރު ބަދަލުވަމުން އަންނަނީ އެ ގޮތަށް ކަމަށްވާތީ ކަމަށް ޝާޒް ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) މިއަދުގެ މެޗު ނުކުޅޭނެ އެވެ.

ޓީސީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.