Roadha Mihaaru
މާޒިޔާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ޓީސީ ބަލިކޮށް މާޒިޔާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

15 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ފުރަތަމަ ބުރުގައި މާޒިޔާ އަށް ބާކީ އެއް މެޗު އޮތްއިރު އެ ޓީމު މި ވަގުތު އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ. ވެލެންސިއާ އަށް އެއް ވަނަ އަށް އެރޭނީ ބޮޑު ތަފާތަކުން ގްރާންޑޭ ބަލިކޮށްގެންނެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މިއީ އޭނާގެ ޓީމަށް ވަރަށް އުނދަގޫކޮށްދިޔަ މެޗެއް ކަމަށާއި އޭގެ މައިގަނޑު ދެ ސަބަބެއް އެބައޮތް ކަމަށެވެ. އެއީ ފުރަތަމަ ހާފުގައި ހޫނުގަދަވުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވިއިރު ދަނޑުގެ ވިނަގަނޑު ވެސް ރަނގަޅުނުވުމުން ޕާސްތައް ރަނގަޅަށް ޖެހޭ ގޮތެއްނުވުމެވެ. މި މެޗުގައި ވަނީ 30 މިނިޓަށް ފަހު ވޯޓާ ބްރޭކެއް ވެސް ދީފަ އެވެ.

"މި މެޗުގައި ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ދެ ވަނަ ހާފުގައި ކުޅެވުނު. ޑިފެންސްކުރުމުގައި ވެސް މައްސަލަތަކެއްދިމާވި އެކަން ދެ ވަނަ ހާފުގައި ރަނގަޅުކުރެވުނު. އެންމެ ބޮޑު ކަމަކީ އެ ހޫނުގައި ކުޅެން ޖެހުމުން ކުޅުންތެރިންނަށް އޭގެ އަސަރުކުރުން. މީގެ ގެއްލުން އޮތީ ދެ ޓީމަށް. އޭގެ ސަބަބުން ދެ ޓީމުން ވެސް ބޭނުންވި އިންޓެންސިޓީގައި މެޗެއް ނުދިޔަ. އަހަރެން ބޭނުންވަނީ މީގެ ކުޅުންތެރިންނަށް އޮތް އުނދަގޫތަކުގެ ވާހަކަ ހިއްސާކޮށްލަން،" ވިޑަކޮވިޗް ބުންޏެވެ.

ސަސްޕެންޝަންގެ ސަބަބުން މިއަދުގެ މެޗުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނުކުޅެ އެވެ.

މެޗުގައި ފުރަތަމަ ފުރުސަތު ތަނަވަސްކުރީ މާޒިޔާ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހެއް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މުހައްމަދު އުމެއިރު މެޗުގެ އަށް ވަނަ މިނިޓްގައި ވެއްޓިގެންފައި ޖެހި ބޯޅަ ދިޔައީ ފެނުގައި ޖެހިފައި ހުރަސްދަނޑިމަތިންނެވެ.

ޓީސީން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނުނީ 12 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އެ ބޯޅަ ހޯދައިގެން ކައުންޓަ އެޓޭކެއްގައި މާޒިޔާ އިން ތަަނަވަސްކުރި ފުރުސަތެއްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ލީޑުނެގި އެވެ. މި ގޯލު ޖެހީ މާޒިޔާގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މިއީ ކޯނޭ ޖެހި ބޯޅައެއް ޓީސީގެ ލަންކާ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޓީސީގެ ޑަކްސަން (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ޓީސީގެ ޑަކްސަން (ވ) ކައިރިން މާޒިޔާގެ އުމެއިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މާޒިޔާ އިން ފުރަތަމަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ހަމަލާގެ އިތުރުން އޭރިއާ ތެރެއިން ކޯނޭ ޖެހި ޝޮޓް ޓީސީގެ އަޒަރުބައިޖާން ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ މަތަކޮށްފަ އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ޝޮޓް ޓީސީގެ ޑިފެންޑަރު އަބްދުލްވާހިދު އިބްރާހިމް (ވާޑު) ވަނީ ސަލާމަތްކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޓީސީގެ ބެންޗުން ވަނީ މެޗުގެ ރެފްރީ މުހައްމަދު ޖާވިޒްގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ އޭރިއާ ބޭރުން މެލްކޮމް އާއި މުހައްމަދު އައްޒާމް އަށް ފައުލުކުރިކަމަށް ރެފްރީ ޖާވިޒް ނުދެއްކުމުންނެވެ.

މާޒިޔާ އިން ދެ ވަނަ ހާފްގައި ފުރަަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ މެޗުގެ 62 ވަނަ މިިނިޓްގަ އެވެ. އޭރިއާ ތެރެއިން ކޯނޭ ދިން ބޯޅައެއް ފޭދޫ އިއްބެ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލަން ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ. އޭގެ ދިހަ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި މާޒިޔާ އިން ވަނީ ދެ ވަަނަ ގޯލެއް ޖަހައިފަ އެވެ. ޓީސީ އަށް ލިބުނު ކޯނަރަކުން މާޒިޔާ ހާފްގެ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭނާ ޖައްސާލީ ކޯނޭ އަށެވެ. ކޯނޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހިމް އަތީގް (އިއްބެ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެލްކޮމް ބޮލުން ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑަކްސަން އެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޑަކްސަން ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ލީގުގައި ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓީސީ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ލީގުގެ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓީސީ އަށް އެ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް އައީ ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ނުވެއްޖެނަމަ ބަލިނުވެ ފަރުޖައްސާލަން ވެސް ބޭނުންވި ނަމަވެސް އެ ދެކަން ވެސް ހާސިލްނުވުމުން ރަނގަޅެކޭ ނުބުނެވޭނެ ކަމަށެވެ. އޭނާ ބުނީ ޓީސީ އަށް މި މެޗު ގެއްލުމުގައި ނަސީބުގެ އެހީތެރިކަން ނުލިބުން ވެސް އެއީ ސަބަބެއް ކަމަށެވެ.

"ކުޅުންތެރިންގެ ވޯކް ރޭޓް ފާހަގަކުރަން. ޓެކްޓިކަލް ޑިސިޕްލިން ވަރަށް ރަނގަޅު. ފުޓްބޯޅައިގައި ވަރަށް ބޮޑު ޕާޓެއް (ބައެއް) ކުޅޭ އެއްޗެއް ލަކް (ނަސީބު) އަކީ. ވަރަށް ބޮޑަށް ގޭމްޕްލޭން އެއްކޮށް ކަަހަލަ ގޮތަކަށް ހަލާކުވެގެންދިޔަ ފުރަތަމަ މާޒިޔާ އަށް ލިބުނު ޕެނަލްޓީން. އެއީ ވަރަށް ނަސީބު ޕެނަލްޓީއެއް. މި މެޗުގައި ހަގީގަތުގައި ބުނަންޏާ ރިޒަލްޓް މާޒިޔާ ކޮޅަށް އެނބުރިފައި އޭދީ ނަސީބުން،" ޝާޒް ބުންޏެވެ.

މާޒިޔާ މޮޅުވުމުގައި ނަސީބުގެ އެހީތެރިކަން އޮތްތޯ ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ ޝާޒްގެ އެ ވާހަކަތަކަށް އިހުތިރާމްކުރާކަމަށެވެ. އެކަމަކު މެޗު ބަދަލުވާ ހުރިހާ ކަމަކަށް ބަލާފައި ބުނާނަމަ އޭނާގެ ވިސްނުން ތަފާތުވެދާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

ޓީސީގެ ބެންޗުން މިއަދު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއިރު އެކަން ރަސްމީކޮށް ހުށަހަޅާނެތޯ ސުވާލުކުރުމުން ޝާޒް ބުނީ މެޗެއް ނިމޭތަނުން އޭގެ ޝަކުވާތަކެއްކޮށް މައްސަލަ ހުށަހެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެއީ ގިނަ ފަހަރަށް ފަހުން މެޗު ބަލާލާއިރު އެހެން ގޮތްގޮތަށް ވެސް ކަންކަން ފެނިފައި އެބަހުރި ކަމަށާއި އެހެންވެ ރެފްރީގެ ޝަކުވާ ކުރުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށް ޝާޒް ބުންޏެވެ.