Roadha Mihaaru
"ޔާމީން ގެނައީ ވެކްސިން ޖަހަން ކަމާމެދު ޝައްކު"

ޔާމީން ގެނައީ ވެކްސިން ޖަހަން ކަމާމެދު ޝައްކު: ޑރ. ޖަމީލް

15 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މާލެ ގެނައީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި އެ މަނިކުފާނު ވެކްސިނާ ދެކޮޅެއް ނުހައްދަވާ ކަމަށް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މާލެ ގެނައީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި އެ މަނިކުފާނު ވެކްސިނާ ދެކޮޅެއް ނުހައްދަވާ ކަމަށް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް ޔާމީން އިންކާރުކުރެއްވި ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ރޭ ބުނެފައި ވެ އެވެ. އެ އިދާރާއިން ބުނީ ވެކްސިން ޖެއްސެވުމަށް 9:45 ގައި ޔާމީން މާލެ ގެންނެވިއަސް އެކަމަށް އިންކާރު ކުރެއްވުމުން އަލުން މާފުށީ ޖަލަށް ގެންދިޔައީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ވެކްސިން ޖައްސަވަން ގެންދެވީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް "މިހާރު" އަށް ވިދާޅުވީ، ޖަލުން ގައިދީއަކު އެއް ތަނުން އަނެއް ތަނަށް ގެންދާއިރު ވަކީލުންނަށް އަންގަންޖެހޭ ކަމަށެވެ. އެކަމަކު ޔާމީން މާލެ ގެނައިއިރު ވަކީލުންނަށް އެއްވެސް ގޮތަކަށް އަންގާފައިނުވާ ކަމަށާއި އެއީ ޔާމީނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެއީ ފުރައްސާރަ ކުރުމުގެ ގޮތުން ކުރި ކަމެއް،" ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނުވެސް އެނގޭ ސަރުކާރުން އުޅުނީ ވެކްސިން ޖައްސަވަން ކަމެއް ނޫނީ ކުރަން އުޅުނީ ކޮންމެ ވެސް އެހެން ކަމެއްކަމެއް. އެކަން ވެސް ނުވެސް އެނގޭ. އެއީ ރައީސް ޔާމީން ވެކްސިނަކާ ދެކޮޅެއް ނުހައްދަވާ އެއްވެސް އިރެއްގައި ވެސް. އަޅުގަނޑާ އެންމެ ފަހުން ދެކެވުނު ވާހަކަތަކުގައި ވެސް ވިދާޅުވީ އެ މަނިކުފާނު އެ އުމުރުފުރައަށް ޖަހަންޖެހޭ ވެކްސިން ނައިސް ލަސްތަކެއް ހުރީއީ،"

ޑރ. ޖަމީލް ވިދާޅުވީ ވަކީލުންނަށް ނާންގައި ޔާމީން މާލެއަށް ގެންނެވުމުން އެ މަނިކުފާނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އެބަހުރި ކަމަށެވެ. ރޯދަ މަހެއްގައި، ކަނޑު ހުރަސްކޮށް މާލެ ގެންނަވައި ދެ ގަޑިއިރު ބޭންދެވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގައި ވަރަށް ބިރުބޮޑު ސަރުކާރުން ހިންގަން އުޅުނީ ކޮން ކަމެއްތޯ އާއި އެކަމުގެ ސަބަބުން އެ މަނިކުފާނަށް މިހާރު ހުންނެވި ތަނުގައި ރައްކާތެރިކަމާ މެދު އަޅުގަނޑުގެ ކަންބޮޑުވުން އެބައޮތް އެ މަނިކުފާނަށް. އެއީ ވަކީލުންނަށް ނޭނގި އެއްވެސް ހާލެއްގައި ހޮސްޕިޓަލަކާ ގުޅޭ ކަމެއްގައި ގެންނަ ނަމަ އަންގަން ޖެހޭނެ. އެއީ އެ މަނިކުފާނުގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ހިފައިގެން ޖަލަށް ވެސް ދެވޭތީ ސަރުކާރުން ކުރަން ޖަހަން އުޅުނީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު ކަމަށާއި އެކަމެއް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.