Roadha Mihaaru
ރައީސް ޕްރެޝަރުކުރަނީ ޔާމީން ބޭރަށް ފޮނުވަން: ޖަމީލް

ރައީސް ޕްރެޝަރުކުރައްވަނީ ޔާމީން ބޭރަށް ވަޑައިގަތުމަށް: ޑރ. ޖަމީލް

11 މާޗް 2021

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޝަރުކުރައްވަމުން ގެންދަވަނީ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށް، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރެޝަރުކުރައްވަމުން ގެންދަވަނީ ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށް، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރަން ޖެހޭ ކަމާއި "ސްޓްރެސް ފްރީ" މާހައުލެއްގައި ބަހައްޓަން ޖެހޭ ކަމުގެ ލިޔުންތައް އެތައް ފަހަރަކު ހުށައަޅުއްވާފާނެ ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ޖަވާބާ ގުޅިގެންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަން ޖެހޭ ކަަމަށް ޑޮކްޓަރު ދިން ފަދަ ލިއުމެއް ޔާމީންގެ ފަރާތްޕުޅުން ލިބިފައެއް ނެތެވެ.

އެކަމަށް ރައްދު ދެއްވާ ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއް ކަމަށް ސިފަކުރެއްވުން ފަދަ ކަމެއް ކަމަށެވެ. އަދީބާއި ޒިޔަތު ގެއަށް ބަދަލުކުރުމަކީ ޔާމީންއާ ދެކޮޅަށް ހެކި ދެއްވުމުގެ "ހަދިޔާއެއް" ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ދޮގުކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަން ޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތައް ގަބޫލުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި، ޑރ. ޖަމީލް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ފަރާތްތައް މެދުވެރިކޮށް ޔާމީނަށް ޕްރެޝާ ކުރައްވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށެވެ.

"އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތް މަދުވެގެން އުޅުއްވަނީ ކީއްވެބާ؟" ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަގާމުގައި ވެސް ހުންނެވި ޑރ. ޖަމީލް ވިދާޅުވި އެވެ.

އަދީބު ގޭގައި ބަހައްޓަނީ، ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި، ނިދަން ބޭނުންކުރާ މެޝިނެއް ޖަލުގައި ބެހެއްޓޭނެ ގޮތް ނެތުމުންނެވެ. އޭނާ ގޭގައި ހުންނަވަނީ ވަކި މުއްދަތެއް ވެސް ނެތި ކަމަށް، ކަރެކްޝަނަލް އިން ބުނެ އެވެ.