Roadha Mihaaru
ސިންގަޕޫރްގައި ޑެލިވަރީ ރޮބޮޓްގެ ހިދުމަތް

ސިންގަޕޫރްގައި ޑެލިވަރީ ރޮބޮޓްގެ ހިދުމަތް

13 އެޕްރީލް 2021

ދުވަހުން ދުވަހަށް ގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަން ފިހާރަތަކަށް އަމިއްލަ އަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އޯޑަރުކޮށްލުމުން ރޮބޮޓް މެދުވެރިކޮށް ޑެލިވަރީކޮށްދޭ ހިދުމަތެއް ސިންގަޕޫރްގައި ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުވަހުން ދުވަހަށް ގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަން ފިހާރަތަކަށް އަމިއްލަ އަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އޯޑަރުކޮށްލުމުން ރޮބޮޓް މެދުވެރިކޮށް ޑެލިވަރީކޮށްދޭ ހިދުމަތެއް ސިންގަޕޫރްގައި ދޭން ފަށައިފި އެވެ.

ސިންގަޕޫރްގެ ބައެއް ހިސާބުތަކަށް ހިދުމަތް ތައާރަފުކުރީ އޯޓީއެސްއޭޑަބްލިއު ޑިޖިޓަލް ކިޔާ ކުންފުންޏަކުންނެވެ. ޑެލީވަރީގެ ހިދުމަތަށް ބޭނުންކުރާ ރޮބޮޓްގެ ނަމަކީ "ކެމެލޯ" އެވެ. އޯޑަރުކުރާ ތަކެތި މި ރޮބޮޓް ކަސްޓަމަރުންގެ އެޕާޓްމަންޓްތަކުގެ ލޮބީތަކާ ހަމައަށް ގެންގޮސް ދޭނެ އެވެ. އެ ހިސާބުން އެ މީހެއްގެ ކިއުއާރް ކޯޑް ރޮބޮޓާ ހިއްސާކޮށް، އޯޑަރު ކުރި ތަކެއްޗާ ހަވާލުވާނީ އެވެ. އަދި މި ގޮތަށް ޑެލިވަރީކޮށްދޭ އިރު، އޯޑަރުކުރާ ސާމާނު ވެސް ހުންނާނީ ރަނގަޅަށް ޑިސްއިންފެކްޓްކުރެވިފަ އެވެ. ރޮބޮޓަށް ހާއްސަ ޑެލިވަރީ އެޕް މެދުވެރިކޮށް، ރޮބޮޓް ވީ ހިސާބު ވެސް ކަސްޓަމަރުންނަށް ބެލޭނެ އެވެ.

ސިންގަޕޫރްގެ ޑެލިވަރީ ރޮބޮޓް.

ސިންގަޕޫރްގެ ޑެލިވަރީ ރޮބޮޓް.

"ކެމެލޯ" ހަދާފައި ހުންނަނީ ކޮންމެ ޑެލިވަރީއަކަށް ފަހު އަލްޓްރާވައިލެޓް އަލީގެ އެހީގައި އަމިއްލަ އަށް ޑިސްއިންފެކްޓްކުރެވޭ ގޮތަށެވެ. އެހެންވެ ކޮރޯނާ ވައިރަހުގެ ބިރެއް ވެސް ނޯންނާނެ އެވެ.

އޯޓީއެސްއޭޑަބްލިއު ޑިޖިޓަލް އިން ބުނި ގޮތުގައި މި ރޮބޮޓް ހަދާފައި ވަނީ 3ޑީ ސެންސާތަކާއި ކެމެރާ އާއި 20 ކިލޯގެ މުދާ އެއް ފަހަރާ އުފުލައިލެވޭ ގޮތަށް އިންނަ ދެ ކޮމްޕާޓްމަންޓް ހިމެނޭ ގޮތަށެވެ.

"އަހަރެމެން މި ރޮބޮޓް ޓްރައިލްއެއްގެ ގޮތުގައި ފެބްރުއަރީ މަހުގެ ތެރޭގައި ބޭނުންކުރަން ފެށީ. އަމާޒަކީ އަހަރަކަށް ކުރިއަށް ގެންދާ ޓްރައިލްގެ ތެރޭގައި ހަތްލައްކަ ގޭބިސީއަކަށް ހިދުމަތް ދިނުން." އޯޓީއެސްއޭޑަބްލިއު ޑިޖިޓަލް ޗީފް އެކްޒެކެޓިވް ލިންގް ޓިންގް މިންގް ވިދާޅުވި އެވެ.

ސިންގަޕޫރްގެ ޑެލިވަރީ ރޮބޮޓް.

ސިންގަޕޫރްގެ ޑެލިވަރީ ރޮބޮޓް.

އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ވެސް އަންނަނީ ބޮޑުވަމުންނެވެ.

"ހާއްސަކޮށް ކޮވިޑް ކަހަލަ ޕެންޑެމިކެއްގެ ތެރޭގައި މިއީ ވަރަށް ބޭނުންތެރި ހިދުމަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ. ވިޔަފާރިކުރުމުގައި އިންސާނަކާ އެއްވެސް ވަރަކަށް ކޮންޓެކްޓް ނުވެ ހިދުމަތް ލިބޭނެ ގޮތް ވުމަކީ ރައްކާތެރިކަމުގެ ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ،" ލިންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކެމެލޯ" ގެ މަސައްކަތްތަކަށް ބަލާ އިރު މިހާތަނަށް އޭގެ ފަރާތުން އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ. އަދި އާންމުން ރޮބޮޓްގެ ހިދުމަތް ހޯދާ މިންވަރު އިތުރުވަމުން އަންނާތީ ޓްޔަރަލްގެ ތަޖުރިބާ އަށް ބަލައި ހިދުމަތް ސިންގަޕޫރަށް އެއްކޮށް ފުޅާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ވަގުތު "ކެމެލޯ" މެދުވެރިކޮށް ޑެލިވަރީގެ ހިދުމަތް ހޯދޭނީ ބަންދު ނޫން ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 7:00 އަށެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ.