Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޮބްސެންޓަރު ހާއްސަ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ޖޮބް ސެންޓަރުގައި މިހާރު ރަޖިސްޓްރީ ކުރެވޭނެ

08 އެޕްރީލް 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ޖޮބް ސެންޓަ އެމްވީގައި ރަޖިސްޓްރީކުރެވޭ ގޮތަށް ބަދަލުތައް ގެނެސް އާ ވެބްސައިޓު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ޖޮބް ސެންޓަ އެމްވީގައި ރަޖިސްޓްރީކުރެވޭ ގޮތަށް ބަދަލުތައް ގެނެސް އާ ވެބްސައިޓު ތައާރަފުކޮށްފި އެވެ.

ޖޮބްސެންޓަ އެމްވީ އަކީ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ތަނަވަސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ތައާރަފުކުރި ވެބްސައިޓެކެވެ. ވަޒީފާ އިއުލާން ކުރާ ފަރާތްތަކާއި ވަޒީފާ ބޭނުންވާ މީހުން އެއް ޕްލެޓްފޯމެއްގައި ބައްދަލު ކުރުމުގެ ފުރުސަތު މި ސައިޓުގެ ސަބަބުން ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އާ ވެބްސައިޓާ އެކު ގެނައި ބަދަލުތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެފަދަ މީހުންނަށް ހާއްސަ ވަޒީފާތަކެއް ވެސް ޖޮބްސެންޓަރުގައި ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ވަޒީފާތަކަށް ނެރުމަށް ބާރުއެޅުމަށްޓަކައި ހާއްސަ ވަޒީފާތަކެއް މީގައި ކަނޑައެޅިގެން ގޮސް އެ ވަޒީފާތަކަށް ހަމައެކަނި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ވެބްސައިޓް މިވަނީ ފަރުމާކުރެވިފައި. އަދި އޭގެ އިތުރުން އަޅުގަނޑުމެން ކުރިން ފަށައިގަތްއިރު އިނގިރޭސި ބަހުން އޮތް ވެބްސައިޓް މިހާރު ދިވެހި ބަހާއި އިނގިރޭސިބަހުން ބޭނުންކުރެވޭނެ ގޮތް ވެސް މިހާރު މިވަނީ ހެދިފައި،" މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މި ވެބްސައިޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން ބައެއް އެކުލެވޭ ގޮތަށެވެ. އެއީ ވަޒީފާދޭ ފަރާތަށް ހާއްސަ ޕޯޓަލަކާއި ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަ ޕޯޓަލެއް އަދި ވަޒީފާތަކަށް ބޭނުންވާ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް އެފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހާއްސަ ޕޯޓަލެއް ހިމެނޭ ގޮތަށެވެ.