Roadha Mihaaru

ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް

27 އޮކްޓޯބަރ 2021

ޔާސީން ރަޝީދު، 30، އަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުގައި އުނދަގޫތައް ދިމާވެފައިވާ މީހެކެވެ. އޭނާގެ ޒުވާން އުމުރުގެ ބޮޑު ބައި ހޭދަކުރީ، ކަންފަަތަށް ފަރުވާ ހޯދުމުގައި އިންޑިއާގަ އެވެ. މާލެ އައިސް ވަޒީފާއެއް ހޯދަށް އެތައް މަސައްކަތެއް ކުރި އެވެ. އެހެން ނަމަވެސް، އެހާ ރަނގަޅަށް އަޑުނީވޭތީ އާއި ވާހަކަ ދެއްކުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން ވަޒީފާއެއް ހޯދުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔާސީން ރަޝީދު، 30، އަކީ އަޑު އިވުމާއި ވާހަކަ ދެއްކުމުގައި އުނދަގޫތައް ދިމާވެފައިވާ މީހެކެވެ. އޭނާގެ ޒުވާން އުމުރުގެ ބޮޑު ބައި ހޭދަކުރީ، ކަންފަަތަށް ފަރުވާ ހޯދުމުގައި އިންޑިއާގަ އެވެ. މާލެ އައިސް ވަޒީފާއެއް ހޯދަށް އެތައް މަސައްކަތެއް ކުރި އެވެ. އެހެން ނަމަވެސް، އެހާ ރަނގަޅަށް އަޑުނީވޭތީ އާއި ވާހަކަ ދެއްކުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން ވަޒީފާއެއް ހޯދުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވި އެވެ.

ޔާސީންގެ ދިރިއުޅުމަށް އުންމީދުތައް ގެނެސްދިނީ އެމްޕީއެލްއިން އޭނާއަށް ވަޒީފާގެ ރަނގަޅު ފުރުސަތެއް ލިބުމާ އެކު އެވެ. އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަން ފެށިތާ މިހާރު ހަ މަސް ވީ އެވެ.

ޔާސީން ބުނީ، އެމްޕީއެލުން ލިބުނު ފުރުސަތުގެ ސަބަބުން ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުންމީދުތައް އާ ވެއްޖެ ކަމަށެވެ. އެ އޮފީހުގެ މުހިއްމު ޒިންމާތަކެއް ނަގާ އޭނާ އަކީ އެ ޑިޕާޓްމެންޓްގައި ވެސް އެންމެ ގަޑިއަށް ފަރުވާތެރި، މަސައްކަތަށް ކަމޭ ހިތާ، އެއް މުވައްޒަފުގެ ގޮތުގައި އެމްޕީއެލުން ފާހަގަކުރެ އެވެ.

ޔާސީން ފޮޓޯ ކޮޕީއެއް ނަގަނީ. އޭނާއަކީ އަޑު އެހުމުގައި އުނދަގޫތަކެއް ހުންނަ މީހެއް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ޔާސީން ފޮޓޯ ކޮޕީއެއް ނަގަނީ. އޭނާއަކީ އަޑު އެހުމުގައި އުނދަގޫތަކެއް ހުންނަ މީހެއް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"މިހާރު ބޭނުން ވަރަށް މޮޅުވާން. ވަރަށް ކުރިއަށް ދާން. މި ވަޒީފާ ލިބުމުން ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

މީގެ ކުރިން ކެޔާ ސޮސައިޓީގައި ވެސް އިންޓާނެއްގެ ގޮތުގައި ޔާސީން އުޅުނެވެ. އެމްޕީއެލްގައި އޭނާ އަކީ، އެޑްމިނިސްޓްރޭޓިވް މުހިއްމު މަސައްކަތްތަކެއް ބަލަހައްޓާ މީހެކެވެ. އޭނާ އަކީ ޑިޕާޓްމެންޓްގެ މީޓިންތައް ރާވާ، ހާޒިރީ އާއި ރެކޯޑްތައް ބަލަހައްޓާ މުވައްޒަފެވެ. އެ ވަޒީފާ ހޯދުމުގައި އެންމެ ބޮޑަށް އެހީތެރިިވީ ޔާސީންގެ މަންމަ އެވެ.

ޔާސީންގެ އިތުރުން އެ އޮފީހުގެ އެޗްއާރް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ އަހުސަން އަބްދުއް ރަހްމާނަކީ ވެސް އަޑުނީވޭ ކުއްޖެކެވެ. އޯލެވެލް ނިންމައި، އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އެމްޓީސީސީގަ އެވެ. އެއަށް ފަހު އެމްޕީއެލްގެ ވަޒީފާގައި އުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އަހުސަނު ބުނީ، މަސައްކަތުގެ މާހައުލުގައި އުޅުމަށް ދަތި ނުވިޔަސް، މިހާރަށް ވުރެ ބޮޑަށް އެހެން މީހުން އޭނާއާ ވާހަކަ ދައްކާ ނަމަ އުފާވާނެ ކަމަށެވެ. ވަޒީފާގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންނާ މުއާމަލާތް ކުރުން ކަމަށް އޭނާ ބުންޏެވެ.

އަހުސަނު އޮފީސް މަސައްކަތުގައި. އޭނާ އެ އޮފީހުގައި މަސައްކަތް ކުރާތާ ހަތަރު އަހަރު ވެއްޖެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އަހުސަނު އޮފީސް މަސައްކަތުގައި. އޭނާ އެ އޮފީހުގައި މަސައްކަތް ކުރާތާ ހަތަރު އަހަރު ވެއްޖެ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"ވަޒީފާއަށް ނުކުތީ އޯލެވެލް ނިންމާފައި. މިތަނުގައި އުޅޭ އިރު ގިނައިން ވާހަކަ ދައްކަނީ މެސެޖްކޮށްގެން. އެއީ އެންމެ ބޮޑު އުނދަގޫ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

އަހުސަން އާއި ޔާސީން އެކޭ އެއްގޮތަށް އެމްޕީއެލްގެ އޮފީސް އެޓެންޑެންޓް އަހުމަދު އަރީން އަބްދުﷲ އަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ޒުވާނެކެވެ. އަރީން ބުނީ ވަޒީފާ އަދާ ކުރަން އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އެތަނުގައި އުޅުމަށް އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެންމެން ވެސް ވަރަށް އެހީވޭ. އެމްޕީއެލްއާ ގުޅިގެން ކުރިއަށް ދާން ބޭނުންވަނީ،" އޭނާ ބުންޏެވެ.

އަރީން އާއި އެހެން ބައެއް މުވައްޒަފުން މަސައްކަތުގައި. އެމްޕީއެލްގައި ހާއްސަ އެހީއަށް ބޭނުންވާ 27 މުވައްޒަފުން މަސައްކަތް ކުރޭ--ފޮޓޯ:ފަޔާޒް މޫސާ

އަރީން އާއި އެހެން ބައެއް މުވައްޒަފުން މަސައްކަތުގައި. އެމްޕީއެލްގައި ހާއްސަ އެހީއަށް ބޭނުންވާ 27 މުވައްޒަފުން މަސައްކަތް ކުރޭ--ފޮޓޯ:ފަޔާޒް މޫސާ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްްގެން އެމްޕީއެލް އިން ވަޒީފާތައް އިއުލާނު ކުރަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެތަނުން މިހާތަނަށް، ނުކުޅެދުން ހުރި ފަންސާހަކަށް ޒުވާނުންނަށް ވަޒީފާ ދިނެވެ.

މިވަގުތު ވެސް އެމްޕީއެލްގެ ތަފާތު އެކި މަސައްކަތްތަކުގައި މިފަދަ 27 މީހުން މަސައްކަތް ކުރެއެވެ.

އެމްޕީއެލުން ބުނީ މަސައްކަތަށް ދޭ އަހައްމިއްޔަތު ކަމަށް ބަލާ އިރު އެހެން މުވައްޒަފުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެކުންފުނިން ބޭނުންވަނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.