Roadha Mihaaru
ރެކޯޑް ހަދަން އެކަނި ހުރިހާ ގައުމަކަށް ދަތުރުކުރަނީ

ރެކޯޑް ހަދަން އެކަނިމާއެކަނި ހުރިހާ ގައުމަކަށް ދަތުރުކުރަނީ

16 ނޮވެމްބަރ 2016

އުމުރުން 27 އަހަރުގެ ކެސެންދުރަ ޑި ޕެކޯލް އަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް އެންމެ ކުރު މުއްދަތެއްގައި ޒިޔާރަތްކުރި އަންހެނާގެ ރެކޯޑް ހަދަން މަސައްކަތްކުރާ މީހެކެވެ. އޭނާ ގައުމަކަށް އަރާފައި ދަނީއެއް ނޫނެވެ. ޒިޔާރަތްކުރާ ކޮންމެ ގައުމަކަށް ގޮސް އެ ގައުމެއްގެ ސަގާފަތާއި ދިރިއުޅުން ތަޖުރިބާކުރެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އުމުރުން 27 އަހަރުގެ ކެސެންދުރަ ޑި ޕެކޯލް އަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް އެންމެ ކުރު މުއްދަތެއްގައި ޒިޔާރަތްކުރި އަންހެނާގެ ރެކޯޑް ހަދަން މަސައްކަތްކުރާ މީހެކެވެ. އޭނާ ގައުމަކަށް އަރާފައި ދަނީއެއް ނޫނެވެ. ޒިޔާރަތްކުރާ ކޮންމެ ގައުމަކަށް ގޮސް އެ ގައުމެއްގެ ސަގާފަތާއި ދިރިއުޅުން ތަޖުރިބާކުރެ އެވެ.

ޕެކޯލް އަކީ "ސުލްހައިގެ އެމްބެސެޑަރެއް"ގެ ގޮތުގައި ބެކްޕެކް އަޅައިގެން އެކަނިމާއެކަނި ދުނިޔޭގެ ގައުމުތަކަށް ދަތުރުކުރަމުންދާ މީހެކެވެ.

އެމެރިކާގެ ޒުވާނެއް ކަމަށްވާ ޕެކޯލް ބޭނުންވަނީ 100 ވަރަކަށް ގައުމަށް ދިއުމަށް ފަހު ހުއްޓާލާކަށް ނޫނެވެ. އޭގެ ބަދަލުގައި ދުނިޔޭގެ 193 ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެނާގެ ރެކޯޑް މުގުރާލުމަށެވެ. މީގެ އިތުރުން ޓައިވާނާއި ކޮސޯވޯ އަދި ފަލަސްތީނަށް ވެސް އޭނާ ދަތުރުކުރާނެ އެވެ.

ކެސެންދުރަ ޑި ޕެކޯލް އިރާގުގެ ރަށެއްގައި

ކެސެންދުރަ ޑި ޕެކޯލް އިރާގުގެ ރަށެއްގައި

މިހާތަނަށް އޭނާ ވަނީ 181 ގައުމަކަށް ދަތުރުކޮށްފަ އެވެ. އަދި ކުރިއަށް އޮތް 15 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބާކީ 15 ގައުމަށް ދަތުރުކުރަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕީސް ތުރޫ ޓޫރިޒަމް (އައިއައިޕީޓީ)ގެ އެހީއާ އެކު ޕެކޯލް އޭނާގެ ދަތުރު ފަށާފައިވަނީ 2015 ގެ ޖުލައި މަހު އެވެ.

ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް ނަން އެރުވުމަށްޓަކައި ޕެކޯލް އަށް އޭނާގެ ދަތުރު ތިން އަހަރާއި ތިން މަސް ތެރޭ ފުރިހަމަ ކުރަން ޖެހެ އެވެ.

ޕެކޯލް ދަނީ އޭނާގެ ދަތުރު ގެ މަންޒަރުތައް ރައްކާކުރަމުންނެވެ. މީހުންނަށް ނުވެސް އެނގޭ ހިސާބުތަކުގެ އާދަޔާޚިލާފު ތަންތަނަށް ޒިޔާރަތްކޮށް އޭނާ ވަނީ އެތަންތަނުގެ ރީތިކަން ފިލްމަށް ނަގާފަ އެވެ.

ކެސެންދުރަ ޑި ޕެކޯލް ދިވެހިރާއްޖޭގެ ސޮނެވާފުށި ރިސޯޓުގައި

ކެސެންދުރަ ޑި ޕެކޯލް ދިވެހިރާއްޖޭގެ ސޮނެވާފުށި ރިސޯޓުގައި

ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރާ ދަތުރުގައި ޕެކޯލް ވަނީ ދިވެހިރާއްޖޭގެ ސޮނެވާފުށީގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ޕެކޯލް އަށް ދުނިޔޭގެ ރެކޯޑް ނުލެވުނަސް އެއްކަމެއް ޔަގީންވެ އެވެ. އާދައިގެ އިންސާނުންނަށް މުޅި އުމުރު ދުވަހުން ދުނިޔެ ނުފެންނަ މިންވަރަށް އޭނާއަށް ހުންނާނީ ދުނިޔެ ފެނިފަ އެވެ.