Roadha Mihaaru
ވޯލްޑް ރެކޯޑްހަދަން ފިލިތެޔޮ ރިސޯޓުން 60 ސްޓާފުން

ވޯލްޑް ރެކޯޑް އިވެންޓްގައި ފިލިތެޔޮ ރިސޯޓުން 60 މުއައްޒަފުން

08 މެއި 2022

އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓައިލުމުގެ ފްރީ ޑައިވް، ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތުގައި ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުން 60 މުއައްޒަފުން ބައިވެރިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓައިލުމުގެ ފްރީ ޑައިވް، ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތުގައި ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުން 60 މުއައްޒަފުން ބައިވެރިވެއްޖެ އެވެ.

އެއިވެންޓް އިންތިޒާމުކުރާ ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލުން މިހާރު އަންނަނީ އެއިވެންޓަށް ފިލިތޮޔޮ ރިސޯޓްގެ މުއައްޒަފުން ތަމްރީން ކުރަމުންނެވެ. ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލް ބުނީ އެހާ ގިނަ އަދަދެއްގެ މުއައްޒަފުން އެ ރިސޯޓުން ބައިވެރިވުމުން ހައިރާންކަން ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ލިބުނީ ޝޮކެއް ހީއެއް ނުކުރަން މިހާ ގިނަ މުއައްޒަފުން މި ރިސޯޓުން ބައިވެރިވާނެ ކަމަކަށް. ވަރަށް ރަނގަޅަށް މި ރިސޯޓުން ތަރުހީބު ފެނުނީ. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރިސޯޓްގައި ހުރެ ވާހަކަ ދައްކަމުން އޮފިޝަލް ބުންޏެވެ.

ރާއްޖޭގެ އެކި ރިސޯޓްތަކުގެ މުއައްޒަފުން ބައިވެރިވާ ހަރަކާތުގައި ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލުން މާދަމާ ދަތުރުކުރާނީ އދ. ސަން އައިލެންޑް ރިސޯޓަށެވެ.

އަންނަ އޮކްޓޯބަރު މަހު "ނޭވާ 2" ގެ ނަމުގައި އޮންނަ އެ ހަރަކާތް، ރިސޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަކުރީ އެއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ ކަމަކަށް ވާތީ ކަމަށް ފްރީ ޑައިވް މޯލްޑިވްސް އިން ބުންޏެވެ. ރިސޯޓްތަކުން ބައިވެރިވާ ހުރިހާ މުއައްޒަފުން ތަމްރީން ކުރުމަށް ފްރީ ޑައިވް މޯލްޑިވްސްގެ ޓީމުން ހުރިހާ ރިސޯޓްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އާންމުންނަށް ވެސް ބައިވެރިވެވޭނެ

ފްރީ ޑައިވް މޯލްޑިވްސްގެ ދެވަނަ ވޯލްޑް ރެކޯޑްގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އާންމުނަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ އެވެ. ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން އެ ހަރަކާތުގައި ބައިވެރި ކުރާނީ ނޭވާލުމުގެ ޓެސްޓްތައް ހެއްދުމަށް ފަހު، ރަނގަޅު ކޮންޑިޝަންގައި ތިބި މީހުން ކަމަށް ޑައިވް މޯލްޑިވްސް އިން ބުނެ އެވެ. އާންމުން ބައިވެރިވާ އިވެންޓް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގެ މޫދުގަ އެވެ.

އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ކުރިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އެ ހަރަކާތަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި ހަރަކާތް ވެސް މެ އެވެ. އެ ފަހަރުގެ އިވެންޓްގައި 521 މީހަކު ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އެންމެ ބޮޑު ހަރަކާތެވެ.