Roadha Mihaaru
މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ފަށަނީ

މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން ސޮއިކޮށްފި

06 އެޕްރީލް 2021

މާލޭގެ މަގުތައް ހަދަން މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ ދަށުން، އިތުރު ތިން ސެގްމެންޓެއްގެ މަސައްކަތް ކުރަން މިއަދު ސޮއިކޮށްފި އެވެ. މިއީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ތިން ސެގްމެންޓެކެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ މަގުތައް ހަދަން މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ ދަށުން، އިތުރު ތިން ސެގްމެންޓެއްގެ މަސައްކަތް ކުރަން މިއަދު ސޮއިކޮށްފި އެވެ. މިއީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ތިން ސެގްމެންޓެކެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަސް ދުވަސް ބާކީ އޮއްވައި، ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހަދާނީ މައްޗަންގޮޅި މެދު، މައްޗަންގޮޅި ދެކުނު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަގުތަކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން [އެ ސަރަހައްދުގައި] ވަރަށް ގިނަ އަދަދެއްގެ ސްކޫލްތަކާއި މަދަރުސާތަކެއް ހުރުމާ އެކުގައި، ވީހާ ވެސް އަވަހަކަށް ލުއި ފަސޭހަ ކަމާ އެކުގައި ކުދިންނަށް އެ ސަރަހައްދުތަކުގައި ހިނގައިބިނގާ ހެދޭނެ ގޮތެއް ވުން،"

ޖުމުލަ 13 ސެގްމެންޓަކަށް ބަހައިގެން ކުރިއަށް ގެންދާ މި މަޝްރޫގައި ހިމެނޭ މި ތިން ސެގްމެންޓްގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ބެލެވޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. މި ތިން ސެގްމެންޓާ އެކު 24 މަގެއްގައި، 2.44 ކިލޯމީޓަރުގެ މަސައްކަތް ކުރާނެ އެވެ. މައްޗަންގޮޅި ދެކުނު އަދި މެދު ދާއިރާގެ މަސައްކަތް ކުރަން ހަތަރު މަހުގެ މުއްދަތެއް ކަނޑައަޅާފައިވާ އިރު، ހެންވޭރު ހުޅަނގުގެ މަސައްކަތް ފުރިހަމަ ކުރަން ދީފައި ވަނީ ހަތް މަހެވެ. މި ތިން ސެގްމެންޓަށް 70 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

މާލޭގެ މަގުތަކަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ އާއި އެހެން މައްސަލަތައް ހައްލުކުރަން ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއަށް 462 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.

އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިހާރު މަސައްކަތް ކުރަމުން އަންނަ މާފަންނު ހުޅަނގު ސެގްމެންޓްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް މޭޔަރު ޝިފާ ވިދާޅުވި އެވެ.

އާރްޑީސީގެ އެމްޑީ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ކުރިމަތިވި އުނދަގޫ ހާލަތާއެކު، މި މަޝްރޫއުގެ މަސައްކަތް އަށް މަހަށް އެއްކޮށް ހުއްޓުނު ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަން ރޭވިފައިވާ ގޮތާއި އަދި މަސައްކަތުގެ ސްޕީޑް ދަމަހައްޓާލެވިއްޖެ ނަމަ، ދެ އަހަރުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކޮލިޓީ ކޮމްޕްރޮމައިޒް އެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގެ މަސައްކަތް މީގެ ކުރިން ކޮށްފައި ވަނީ އެއްވެސް ޕްލޭނަކާ އެކު ނޫން ކަމަށާއި މަގުތަކުގެ އަޑީގެ ހާލަތު އެނގެނީ މަގުތައް ކޮނުމުން ކަމަށް މޫސާ އަލިމަނިކު ވިދާޅުވި އެވެ. ފަހުން ހަދާފައިވާ މަގުތަކުގައި ގާއިމްނުކޮށް ހުރި އެތައް ކަމެއް އާރްޑީސީން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސްޓޯމް ވޯޓާ ޑްރެއިނެގް ސިސްޓަމް ގާއިމްކުރުން ހިމެނެ އެވެ.

މައްޗަންގޮޅި މެދުން މަސައްކަތްކުރާ މަގުތައް:

- ނިކަގަސް މަގު

- ކުރިކީލަމަގު

- ކުދި ރަތްމާ ގޯޅި

- ދިލްބަހާރު ގޯޅި

- ޖަވާހިރު ގޯޅި

މައްޗަންގޮޅި ދެކުނުން މަސައްކަތްކުރާ މަގުތައް:

- ބަޑިފަސްގަނޑު ހިނގުން

- އައިމިނާ ރަނި ހިނގުން

- ބުރުޒު މަގު

- ކުރިކީލަ މަގު

- ޗާނދަނީ މަގު

ހެންވޭރު ހުޅަނގުން މަސައްކަތްކުރާ މަގުތައް:

- ރޯޝަނީ މަގު

- ކުރަނގި ގޯޅި

- މުތީ ގޯޅި

- ދުނބުރި މަގު

- ކާނި ގޯޅި

- އަބަދަށްފެހި މަގު

- ވައިލެޓް މަގު

- ވައިލެޓް ހިނގުން

މޭޔަރު ޝިފާ ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އާރްޑީސީން މި މަސައްކަތް ފުރިހަމަކުރާނެ ކަމުގެ ފުރިހަމަ އިތުބާރު ކުރައްވާ ކަމަށެވެ. ނަމަވެސް މިއީ އެތައް ކުންފުންޏަކާއި މުއައްސަސާއެއް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވުމުން، އެހެން ކުންފުނިތަކާ ހެދި މަސައްކަތް ފަސްކުރަންޖެހޭ ތަން ބައެއް ފަހަރު ފެންނަ ކަމަށެވެ.

މާފަންނު ހުޅަނގުގެ މަސައްކަތް ކުރިއަށް ދާއިރު، އިތުރު ސެގްމެންޓްތަކެއްގެ މަސައްކަތް މި ފެށީ އެ ސަރަހައްދުތަކުގައި ސްކޫލް ގިނަ ވުމުން ކަމަށް ޝިފާ ވިދާޅުވި އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން މާލޭގެ މޭޔަރު ޝިފާ ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިއަދު ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން މާލޭގެ މޭޔަރު ޝިފާ ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"އެނގިވަޑައިގަންނަވާނެ ފަދައިން [އެ ސަރަހައްދުގައި] ވަރަށް ގިނަ އަދަދެއްގެ ސްކޫލްތަކާއި މަދަރުސާތަކެއް ހުރުމާ އެކުގައި، ވީހާ ވެސް އަވަހަކަށް ލުއި ފަސޭހަ ކަމާ އެކުގައި ކުދިންނަށް އެ ސަރަހައްދުތަކުގައި ހިނގައިބިނގާ ހެދޭނެ ގޮތެއް ވުން،" ޝިފާ ވިދާޅުވި އެވެ.

އަލަށް ހަދާ މަގުތައް ބޭނުންކުރެވޭނެ ގޮތުގެ ގަވާއިދެއް އެކުލަވައިލާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.