Roadha Mihaaru
މާލޭގެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް

މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް އާރުޑީސީއާ ހަވާލުކޮށްފި

26 ޖެނުއަރީ 2020

ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލު ގެނެސް، ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ބިޔަ މަޝްރޫއެއް ހިންގަން ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މާލޭ ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލު ގެނެސް، ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ބިޔަ މަޝްރޫއެއް ހިންގަން ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މާލޭ ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ އާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

އެ މަޝްރޫއުގައި، 18 ކިލޯ މީޓަރުގެ މަގުތައް ހަދާނެ އެވެ. އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންމެ ފުރަތަމަ މަސައްކަތް ފަށާނީ ކުރީގެ ވެސްޓް ޕާކް ރެސްޓޯރަންޓް ހުރި ސަރަަހައްދުންނެވެ. އެ ސަރަހައްދުގެ ނުވަ މަގެއްގައި މަސައްކަތް ކުރާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އާރުޑީސިން ބުނިގޮތުގައި، ގާ އަތުރައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފަށާނެ އެވެ. އެ މަސައްކަތަށް ވަޒީރުންގެ މަޖިލީހުން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކުރިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ގެންދަވަނީ މޭޔަރު ކަމަށް ކެމްޕެއިން ކުރައްވަމުންނެވެ. އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ދޭނެ ބޭފުޅަކު ހޮވުމުގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

ޝިފާ ވިދާޅުވީ، މަގުތަކަކީ މާލޭގައި އުޅޭ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންވެ މިއަދަކީ މާލޭގައި އުޅޭ ރައްޔިތުންނަށް ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށް ވިދާޅުވި އެވެ.

"ފަސޭހަކަމާ އެކު، އެއްތަނުން އަނެއް ތަނަށް ދެވޭނެ ގޮތެއް ނެތި، މަގުތަކުގައި ތާށިވެފައި ސްކޫލު ކުދިންނާއި އެހެނިހެން ކަންކަމުގައި ދަތުރުފަތުރުކޮށް، ހިނގައިބިގާވެ އުޅޭ ރައްޔިތުންގެ އަބަދު ވެސް ޝަކުވާ އަކަށް ވެފައިވާ ކަންކަން ނިމުމަކާ ހިސާބަށް ގެނައުމުގެ މަގުސަދުގައި، މި މަޝްރޫއު އެކުލަވާލައިގެން ކުރިއަށް ގެންދާނަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވި އެވެ.

މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރު ޝިފާ އަދި އާރުޑީސީގެ އެމްޑީ މޫކޭ (ކ-2) މައުލުމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަގުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރު ޝިފާ އަދި އާރުޑީސީގެ އެމްޑީ މޫކޭ (ކ-2) މައުލުމާތު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝިފާ ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަކީ އެތައް ޒަމާނެއް ވަންދެން ރައްޔިތުން ކުރަމުންދާ ޝަކުވާ އެކެވެ. އެކަމަކު، މި މަޝްރޫއުން އެ މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޕަބްލިކް ޓްރާންސްޕޯޓު ފަށައި ކުރިއަށް އޮތް ތަނުގައި ސްކޫލު ދަރިވަރުންނަށް ބަހުގެ ހިދުމަތް ފެށުމުގެ ޕްލޭން ވެސް އެބައޮތް ކަމަށެވެ.

އާންމު ދަތުރުފަތުރުގެ ހިދުމަތް ފެށުމުން މާލެ ތެރެއިން ސައިކަލާއި ކާރުތައް މަދުވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރަނގަޅަށް މިކަން ފަރުމާ ކުރެވިފައި ވަނީ. މުޅި މާލޭގެ މި ޕްރޮޖެކްޓް ތަންފީޒު ކުރެވެމުން ދާއިރު، އަޅުގަނޑުމެންގެ އުއްމީދަކީ ކާރުތަކާއި ސައިކަލުތައް މަދުވެ ޕަބްލިކް ޓްރާންސްޕޯޓު ރައްޔިތުން ވީހާ ވެސް ގިނައިން ބޭނުންކުރުން،" ޝިފާ ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، އުޅަނދުތައް ޕާކް ކުރުމަށް 21 ތަނެއް ކަނޑައަޅާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި މާލެ އަކީ މީހުން އުޅެން ބޭނުންވާ ހިތްފަސޭހަ ތަނަކަށް ހެދުމުގެ އުއްމީދު އާ ވާ ކަމަށް ވިދާޅުވި އެވެ.

އާރުޑީސީގެ އެމްޑީ ވަނީ އެ ޕްރޮޖެކްޓުން މާލޭގެ ރައްޔިތުން އެދޭ ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

އާރުޑީސިން ބުނީ މަގުތައް އަލުން ހަދާއިރު، ހަތަރު ބާވަތެއްގެ މަގު ހަދާނެ ކަމަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑެވެ. އެތަން ހަދާނީ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އަދި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅައިލެވޭ ގޮތަށެވެ.