Roadha Mihaaru
"މަޝްރޫއު ނިމޭއިރު މާލޭގެ މަގުތަކުގައި ތާރު އަޅާނެ"

މަޝްރޫއު ނިމޭއިރު މާލޭގެ މަގުތަކުގައި ހުންނާނީ ތާރު އަޅާފައި: ޝިފާ

17 ފެބުރުއަރީ 2020

މާލޭގެ މަގުތައް ހަދަން މިއަދު ފެށި މަޝްރޫއު ނިމޭއިރު މާލޭގެ ހުރިހާ މަގެއް ވެސް ހުންނާނީ ތާރުއަޅައި ނިމިފައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ މަގުތައް ހަދަން މިއަދު ފެށި މަޝްރޫއު ނިމޭއިރު މާލޭގެ ހުރިހާ މަގެއް ވެސް ހުންނާނީ ތާރުއަޅައި ނިމިފައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"ޕްރޮޖެކްޓް ފަށާ އިރު ރައްޔިތުންގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ގާ އެތުރުނު ކަމުގައި ވިޔަސް، ޔަގީންކަން އަޅުގަނޑުމެންނަށް ލިބުމާއި އެކުގައި ހުރިހާ މަގުތައް ﷲ އިރާދަކުރެއްވިއްޔާ ތާރު މަގުތަކަށް ބަދަލުވެގެން ދާނެ،" މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އިފްތިތާހުކުރައްވަން ވެސްޓްޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއް

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ދުރާލާ ނުވިސްނާ މާލެ ތަރައްގީކުރުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މިއަދު ފެށި މަގުހެދުމުގެ މަޝްރޫއަކީ އެ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ކުރައްވާ ފުރަތަމަ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ގެއަކުން ވެސް ތިން މީޓަރާ ހިސާބުން ބަސް ދަތުރަކާ ހަމައަށް ހިިނގާފައި ބޭފުޅުންނަށް ވަޑައިގަނެވޭނެ ގޮތަށް ފަރުމާކުރެވިފައި މި ވަނީ،" ޝިފާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ޝިފާ ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ އެކި އެކި މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަކީ، މާލޭގެ ރައްޔިތުން ކުރަމުން އައި އާދޭހެއް ކަމަށެވެ. މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި ފަށަނީ ކަމާ ގުޅޭ މާހިރުންގެ ލަފައާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިދިޔަ މަހު ހަވާލުކޮށްފައިވާ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަ ކުރަން ނިންމާފައިވާ އިރު، އެ މުއްދަތުގައި މާލޭގެ މަގުތަކުގެ 18.08 ކިލޯމީޓަރު ހަދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (ވ-2) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު (ކ-3) އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެހެން އިސްވެރިން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (ވ-2) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު (ކ-3) އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެހެން އިސްވެރިން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާނީ، ކަނބާއައިސާރަނި ހިނގުމުގެ ސަރަހައްދުގަ އެވެ. ދެ މަސް ދުވަހާއި ބައިގެ ތެރޭގައި އެ ސަރަހައްދުގެ އަށް މަގެއް ހަދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. މި މަސައްކަތަށް 50 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ޝިފާ ލަފާކުރައްވަ އެވެ.

ޓްރެފިކްގެ ސަބަބުން ތޮއްޖެހުމުގެ މައްސަލަ ދިމާވެފައިވާ މާލެއަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި މި މަޝްރޫއުގެ ދަށުން، މާލޭގެ މަގުތައް ފަސް ގިންތިއަކަށް ދަރަޖަކުރެވިފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެއީ ހަތަރު ފުރޮޅުލީ ބަރު އުޅަނދުފަހަރަށް ވަދެވޭ މަގުތަކާއި، ހަތަރު ފުރޮޅުލީ އާދައިގެ އުޅަނދުފަހަރަށް ވަދެވޭ މަގުތަކާއި ދެ ފުރޮޅުލީ އިންޖީނު އުޅަނދުތަކަށް ވަދެވޭ މަގުތަކާއި ދެ ފުރޮޅުލީ އިންޖީނު ނުލާ އުޅަނދުތަކަށް ވަދެވޭ މަގުތަކާއި ހަމައެކަނި ފައިމަގުގައި އުޅެވޭނެ މަގުތައް ކަމަށް ޝިފާ ވިދާޅުވި އެވެ.

"މަޝްރޫއުގެ ސަބަބުން ތޮއްޖެހިފައިވާ، މާލޭގައި މަގުތައް ތޮއްޖެހިފައި އަދި ތަރުތީބު ގެއްލިފައިވާ އަދި ކާރޫބާރުވުމުގެ ސަބަބުން، ޕާކުކުރުމުގެ މައްސަލަތަކުގެ ސަބަބުން، ދިމާވާ ދަތިތަކަށް ހައްލު ލިބި އިރުއިރުކޮޅާ ހިތުހުރި ގޮތަކަށް މާލޭގެ މަގުތަށް އެތައް މިތަނުން ކޮނެ، ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތަކުން މިންޖުވެގެން ދިއުމުގެ ފުރުސަތަކަށް، އިރާދަކުރެއްވިއްޔާ މި ފުރުސަތު ވެގެން ދާނެ،" ޝިފާ ވިދާޅުވި އެވެ.

އިމާރާތްކުރާ އިރު ފެން ހިންދަން އަޅަން ޖެހޭ ހޮޅިތައް ވެސް މި މަޝްރޫއުގެ ދަށުން، މަގުތަކުގެ އެތެރެއިން އަޅާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި ދެ ތިން އަހަރު ތެރޭގައި މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ.  --ފޮޓޯ: ނިޝާން އަލީ/ މިހާރ

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރ

މި މަޝްރޫއު ދަށުން ފުރިހަމަކުރަން ކަނޑައަޅާފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ހަނި މަގުތަކުގައި 18 އިންޗީގެ ދުވާރެއް ހެދުމާއި މަގުތައް އަލިކުރުމާއި މަގުތަކުގައި ކެމެރާ ހަރުކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަސީލަތްތައް ހިމެނުން ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ސްކޫލް ދަރިވަރުންނާއި އާންމުންނަށް ހާއްސަ ދެ ބަސް ރޫޓެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގެއަކުން ވެސް ތިން މީޓަރާ ހިސާބުން ބަސް ދަތުރަކާ ހަމައަށް ހިިނގާފައި ބޭފުޅުންނަށް ވަޑައިގަނެވޭނެ ގޮތަށް ފަރުމާކުރެވިފައި މި ވަނީ،" ޝިފާ ވިދާޅުވި އެވެ.

މިއީ މާލެއަށް ހާއްސަކޮށްގެން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށް ވުމުން، މި މަޝްރޫއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝިފާ ޝުކުރު އަދާކުރެއްވި އެވެ.