Roadha Mihaaru
އެލްޖީން ސްމާޓްފޯނު އުފެއްދުން ހުއްޓާލައިފި

އެލްޖީން ސްމާޓްފޯނު އުފެއްދުން ހުއްޓާލަން ނިންމައިފި

06 އެޕްރީލް 2021

އިލެކްޓްރިކް ސާމާނު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެލްޖީން ސްމާޓްފޯނު އުފެއްދުމުގެ ވިޔަފާރި ހުއްޓާލަން ނިންމިކަން ރަސްމީކޮށް އާދީއްތަ ދުވަހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިލެކްޓްރިކް ސާމާނު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި އެލްޖީން ސްމާޓްފޯނު އުފެއްދުމުގެ ވިޔަފާރި ހުއްޓާލަން ނިންމިކަން ރަސްމީކޮށް އާދީއްތަ ދުވަހު އިއުލާންކޮށްފި އެވެ.

މިކަން ހާމަކޮށްފައި މި ވަނީ ފޯނުގެ ވިޔަފާރިން ފައިދާނުވާތީ އެ ވިޔަފާރި ހުއްޓައިލުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބުނެފައި ވަނިކޮށެވެ. ސްމާޓްފޯނުގެ ވިޔަފާރި ދޫކޮށްލަން ނިންމައި އެލްޖީން ނެރުނު ބަޔާނެއްގައި ބުނީ ދެން ބޮޑަށް ފޯކަސްކުރަން މިހާރު ބޭނުން ވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) ކޮމްޕޯނަންޓްތަކާއި ކަނެކްޑެޓް ޑިވައިސްތަކާއި ގެވެހި ސްމާޓް ޑިވައިސްތަކާއި ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތަކުގެ އުފެއްދުންތަކާއި ހައްލުތަކަށް ކަމަށެވެ.

އެލްޖީން ބުނީ ސްމާޓްފޯނުގެ ވިޔަފާރި ހުއްޓާލަން ނިންމައި މިހާރު ބާޒާރުގައި ހުރި އެ ކުންފުނީގެ ފޯނުތައް ކުރިއެކޭ އެއްގޮތަށް ވިއްކަމުން ދާނެ ކަމަށެވެ. އެކަމަކު މާކެޓްގައި ހުރި ސްޓޮކް އެއްކޮށް ހުސްވުމުން ދެން އަލަކުން އެލްޖީގެ ސްމާޓް ފޯނުތަކެއް ގަންނަން ނުލިބޭ ކަމަށް ބުންޏެވެ.

އެލްޖީން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހާ ހަމައަށް އަންނަ އިރު އެ ކުންފުނީގެ ސްމާޓް ފޯނުގެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ އެވެ.

އިލެކްޓްރިކް ބްރޭންޑެއްގެ ގޮތުގައި އެންމެ މަޝްހޫރު ނަންތަކުގެ ތެރޭގައި ހިމެނޭ އެލްޖީން ބުނެފައިވާ ގޮތުގައި ސްމާޓްފޯނުގެ ވިޔަފާރީން މިހާރު ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވެ އެވެ. އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 4.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް ބުންޏެވެ. އަނެއްކޮޅުން ސްމާޓްފޯންގެ މާކެޓްގައި ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހާއްސަކޮށް ދެކުނު ކޮރެއާ ސެމްސަންގާއި ޗައިނާގެ ވާވޭ ފަދަ ކުންފުނިތަކާ ވެސް ވާދަކުރެވޭ ވަރުގެ އުފެއްދުންކެއް ސްމާޓްފޯނުގެ މާކެޓްގައި އެލްޖީ އަށް ގެނެސް ނުދެވުމަކީ އެ ކުންފުނީގެ އެ ވިޔަފާރި ވެއްޓުނު މައިގަނޑު އެއް ސަބަބެވެ.

އެލްޖީން އެންމެ ފުރަތަމަ ސްމާޓްފޯނު ނެރުނީ 2009 ގަ އެވެ.