Roadha Mihaaru
އެމްޔޫ ސްޓޯރުގެ ވައްކަމުގެ މައްސަލަ އިސްތިއުނާފުކުރަނީ

އެމްޔޫ ސްޓޯރުގެ ތިޖޫރި ފަޅާލި މައްސަލަ އިސްތިއުނާފުކުރަނީ

31 މާޗް 2021

އެމްޔޫ ސްޓޯރުގެ ތިޖޫރި 2016 ވަނަ އަހަރު ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި ބޮޑު ވައްކަމުގެ މައްސަލައިގައި ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެމްޔޫ ސްޓޯރުގެ ތިޖޫރި 2016 ވަނަ އަހަރު ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި ބޮޑު ވައްކަމުގެ މައްސަލައިގައި ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ވެގާ ސްޓޯ ބިލްޑިންގްގައި ހުންނަ އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް ފަޅާލައި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލައިގައި ދައުލަތުން ފަސް މީހަކަށް ދައުވާކުރި އެވެ. އެއީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން އެ އޮފީހުން ވަނީ ނިންމައިފަ އެވެ.

ފަސް މީހުންގެ މައްޗަށް ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެއީ ވެގާ ސްޓޯ ބިލްޑިންގާ ޖެހިގެން ހުރި ފިލާ ބިލްޑިންގްގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީމީހާ އެތަނުގެ ސިޑި ގޮޅީގައި ބަނދެފައި ބޭއްވި ކަމަށް ބުނެ އެވެ.

ހުކުމުގައި ވަނީ ވެގާ ސްޓޯ ބިލްޑިންގާ އިންވެގެން ހުރި ފިލާ ބިލްޑިންގްގެ ވައްކަމުގެ ދައުވާ ލިބޭ ހަތަރު މީހަކު ދަބަސްތަކަކާއި ދަތްދަގަނޑެއް ހިފައިގެން ނުކުމެގެން ގޮސް ޓެކްސީއަކަށް އެރި ކަމަށް ދެ ހެއްކަކު ހެކިބަސް ދިނަސް އަދި އެ ޓެކްސީ ހުއްޓުވައި ފާސް ކުރިއިރު، މާސްކާއި ބޮލުގައި އަޅާ ވިގާއި ޓޭޕް ރޯލު ފެނުނު ކަމަށް ހެކިން ބުންޏަސް، ވައްކަން ކުރި މަންޒަރު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައި ނެތް ކަމަށެވެ.

ގާޒީ އަލީ އާދަމް އިއްވެވި އެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުން ކަމަށެވެ. އެކަމަކު ތިން ތިޖޫރީއެއް ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެ ތެރެއިން ދައުވާ ލިބޭ އެއްވެސް މީހެއްގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާއިރު، ފަހުން ފުލުހުން ހޯދި ފައިސާތަކުން ވެސް އެ ފަސް މީހުންނާ އެކަމާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ. ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދައި އެ ފައިސާތައް އެމްޔޯ ސްޓޯރާ ހަވާލުކުރި އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެއީ އެހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ވައްކަމެވެ.