Roadha Mihaaru
ބޮޑު އެއް ވައްކަމުގައި ހިމެނޭ އެންމެން ސަލާމަތްވެއްޖެ

އެމްޔޫ ފަޅާލައި، ފަސް މިލިއަން ވަގަށް ނެގުން: ދައުވާ ލިބުނު ފަސް މީހުން ވެސް ސަލާމަތްވެއްޖެ

31 މާޗް 2021

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައިގެން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ވެގާ ސްޓޯ ބިލްޑިންގްގައި ހުންނަ އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް އޭޕްރީލް، 2016 ގައި ފަޅާލައި، ތިޖޫރީގައި ހުރި 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު (3.2 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރީ ފަސް މީހަކަށެވެ.

އެއީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީނާއި ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އެއީ ވެގާ ސްޓޯ ބިލްޑިންގާ ޖެހިގެން ހުރި ފިލާ ބިލްޑިންގްގެ ސެކިއުރިޓީ ގާޑަކަށް ހުރި ބިދޭސީމީހާ އެތަނުގެ ސިޑި ގޮޅީގައި ބަނދެފައި ބޭއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ ވެގާ ސްޓޯ ބިލްޑިންގާ އިންވެގެން ހުރި ފިލާ ބިލްޑިންގްގެ ވައްކަމުގެ ދައުވާ ލިބޭ ހަތަރު މީހަކު ދަބަސްތަކަކާއި ދަތްދަގަނޑެއް ހިފައިގެން ނުކުމެގެން ގޮސް ޓެކްސީއަކަށް އެރި ކަމަށް ދެ ހެއްކަކު ހެކިބަސް ދިނަސް އަދި އެ ޓެކްސީ ހުއްޓުވައި ފާސް ކުރިއިރު، މާސްކާއި ބޮލުގައި އަޅާ ވިގާއި ޓޭޕް ރޯލު ފެނުނު ކަމަށް ހެކިން ބުންޏަސް، ވައްކަން ކުރި މަންޒަރު ފެނުނު ކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައި ނެތް ކަމަށެވެ.

ގާޒީ އަލީ އާދަމް އިއްވެވި އެ ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ވައްކަމަށް ވަނީ އަނިޔާވެރި ގޮތުގައި އަދި ސިއްރުން މީހެއްގެ މުދަލެއް ނެގުން ކަމަށެވެ. އެކަމަކު ތިން ތިޖޫރީއެއް ފަޅާލައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި އެ ފަސް މީހުން ބައިވެރިވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެ ތެރެއިން ދައުވާ ލިބޭ އެއްވެސް މީހެއްގެ ބެލުމުގެ ދަށުން ފައިސާ ފެނިފައި ނުވާއިރު، ފަހުން ފުލުހުން ހޯދި ފައިސާތަކުން ވެސް އެ ފަސް މީހުންނާ އެކަމާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފުލުހުން ހޯދައި އެ ފައިސާތައް އެމްޔޯ ސްޓޯރާ ހަވާލުކުރި އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެއީ އެހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ވައްކަމެވެ.