Roadha Mihaaru
ބީއެޗްއެމްގެ ފައިސާ ފޭރުނު މައްސަލަ ޕީޖީ އޮފީހަށް

ބީއެޗްއެމްގެ ފައިސާ ފޭރުނު މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

29 މެއި 2019

ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު ހިންގި މި ޖަރީމާގައި ބައިވެރިވި މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.

މި ފޭރުމުގައި ނެގި އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ފޭރުމުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އެކަން ރާވައި، ފައިސާތައް ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ކުރިން ހައްޔަރުކޮށްފައި ވި ނަމަވެސް، ޖުވެނައިލް ކޯޓުން އެ ދެ ކުދިން ވަނީ ދޫކޮށްލައިފަ އެވެ. ފޭރުމުގެ ހެކި ނައްތައިލުމުގެ ތުހުމަތުގައި އެ ދެ ކުދިން ހައްޔަރުކުރި އިރު، ކޯޓުން އެ ކުދިން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ އެވެ.

މި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހޯދާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިިގެން އިތުރު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

މީގެ އިތުރުން، މިދިޔަ މާޗު މަހު މިފްކޯގެ ވޭނަކުން ފޭރިގަތް ދެ މިލިއަން ރުފިޔާގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އިތުރު މީހެއް ހައްޔަރުކޮށްފައި ނުވާ އިރު، އެތަނުން ފޭރިގަތް އެއްވެސް ފައިސާއެއް ވެސް ނުހޯދޭ ކަމަށް ފުލުހުން ބުންޏެވެ. ހަތަރު މީހުން ބައިވެރިވެގެން ހިންގި މި ފޭރުމުގައި ދެ މީހަކު މީގެ ކުރިން ހައްޔަރުކޮށްފައި ވެ އެވެ.

ހުޅުމާލޭގައި ރޭ ވެސް ވަނީ މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރިގެންފަ އެވެ. ހުޅުމާލޭގެ ސިޓީ އޮންލައިން އޭޝިޔާ ހޮޓެލް ކައިރިން އެ ފައިސާތައް ފޭރުނީ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެވެ އެވެ.