Roadha Mihaaru
ބޮޑު ތިން ފޭރުން: 5 މިލިއަނުން ހޯދުނީ 700،000

ބޮޑު ތިން ފޭރުން: 5 މިލިއަނުން ހޯދުނީ 700،000ރ.

18 އެޕްރީލް 2019

މާލެ އާއި ހުޅުމާލޭގައި ހިންގި ފޭރުމުގެ ބޮޑު ތިން ހާދިސާގައި ގެއްލުނު ފަސް މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ ހަތް ލައްކަ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ހުޅުމާލޭގައި ހިންގި ފޭރުމުގެ ބޮޑު ތިން ހާދިސާގައި ގެއްލުނު ފަސް މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައި ވަނީ ހަތް ލައްކަ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ފައިސާގެ ތެރެއިން ފެނުނީ އެންސިސްގެ ފައިސާތަކެކެވެ. އެ ފައިސާގެ އަދަދު ހަތް ލައްކަ އަށް ވުރެ ގިނަ ކަމަށް ފުލުހުން ބުންޏެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޖުލައި 31، 2018 ގައި އެންސިސްގެ ފައިސާތައް ފޭރުނީ އެ ކުންފުނީގެ ދެ މުވައްޒަފުން މޮރިޝަސް ކޮމާޝަލް ބޭންކާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ ހިފައިގެން ވެހިކަލަށް އަރަނިކޮށް ކަމަށެވެ.

ފުލުހުންތަކެއް މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ފުލުހުންތަކެއް މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އެންސިސްގެ މުވައްޒަފުންނަށް ހަމަލަ ދީ ފައިސާތައް ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވީ ދެ މީހަކު ކަމަށް ޝިފާއު ވިދާޅުވި އެވެ. އެކަމަކު، އެ މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކުރި އެވެ. އެއީ 19 އަހަރާި 23 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހަކީ މޮރިޝަސް ބޭންކްގެ ކުރީގެ މުވައްޒަފެއް ކަމަށް ޝިފާއު ވިދާޅުވި އެވެ. މި މައްސަލާގައި، އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ފިޔަވައި ދެން ތިބީ އަމަލު ހިންގުން ރާވައި އެހީތެރިވި މީހުން ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ސައްވީސް އަހަރުގެ އަންހެން މީހާ ދިރިއުޅޭ އެޕާޓްމަންޓްގައި، ފައިސާ ފޭރިގަތުމަށް ރޭވި މައުލޫމާތުތައް ތަހުގީގަށް އެނގިފައިވޭ،" އެންސިސްގެ ފައިސާތަކެއް ފެނުނީ މި މައްސަލައިގައި ހައްޔަރުކުރި މީހަކު ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ކުށް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ފިޔަވައި ދެން ތިބި މީހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި ފައިސާތައް ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު ފިރިހެނުންނަކީ ކުށުގެ ރިކޯޑު އޮންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ހދ. ނޭކުރެންދޫ ވެލަނބުލިގެ މުހައްމަދު ނަޒީހު، 20، ގދ. ރަތަފަންދޫ ސަންލައިޓް، ހަސަން ލަތީފް 21، ސ. ފޭދޫ ލިލީވިލާ، މުހައްމަދު އިމްޖާދު ޒަކީ، 24، ނ. ލަންދޫ، ރިޔާލް އަބްދުﷲ ރީހާން ޔޫޝައު 23، އެވެ.

މީގެއިތުރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބީއެޗްއެމް ޓްރޭޑާސް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. ބީއެޗްއެމްގެ މުވައްޒަފެއްގެ އަތުން ފައިސާތައް ފޭރިގަތީ ހަތަރު މީހަކު ބައިވެރިވެގެން އެމީހާ އަށް ހަމަލާދީ ޕެޕަ ސްޕްރޭ ޖެހުމަށް ފަހު އެވެ. ދެ ސައިކަލްގައި އައި ހަތަރު މީހަކު މިކަން ކުރީ މޫނު ނިވާކޮށް ހެލްމެޓް އަޅައިގެންނެވެ.

ޝިފާއު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ފައިސާ ފޭރުމުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ކުޑަ ދެ ކުއްޖަކާއި މި އަމަލު ރާވައި ފައިސާތައް ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއް ކަމަށެވެ. އަދި އިތުރު ދެ މީހަކު ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިސް ބޭފުޅަކު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިސް ބޭފުޅަކު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ހެކި ނައްތާލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަަށުގެ ދެ ކުޑަކުދިން ވަނީ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ ޖުވެނައިލް ކޯޓުން ދޫކޮށްލައިފަ އެވެ. އަދި އިތުރު ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާތީ އެ އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު މިފްކޯ އިން އެ ކުންފުނީގެ ވެހިކަލެއްގައި ފައިސާ ހިފައިގެން އެއާޕޯޓަށް ދަނިކޮށް، ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަނީ އޭގައި ހުރި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފަ އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ފައިސާތައް ފޭރިގަތީ މިފްކޯގެ މުވައްޒަފުންނާ އެކު ވެހިކަލް ދަނިކޮށް މާލެ ޖަލު ކައިރިން، ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހެކެވެ. ދެ ސައިކަލްގައި، ހެލްމެޓު އަޅައިގެން ހަތަރު މީހަކު ތިބި އިރު، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ފައިސާތައް ފޭރިގަތީ މަރުތޭލާއި ކޯރާޑި ބޭނުންކޮށްގެން، ޑްރައިވަރު އިންނަ ދިމާލުގެ ލޯގަނޑު ތަޅާލައިގެން ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މި މައްސަލައިގައި ހައްޔަރު ކުރީ 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 23 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ގެންދިއުމުން ދޫކޮށްލާފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އެހެންވެ، އެ އަމުރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިދިޔަ ތިން މަހުގެ ތެރޭގައި މާލޭގައި ފޭރުމުގެ 113 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ހދ. އަތޮޅާއި ގއ. އަތޮޅާއި އައްޑޫ އިން ދެ މައްސަލަ، މ. އަތޮޅާއި ގދ. އަތޮޅުން އެއް މައްސަލަ ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްމިއާ ވިދާޅުވި ގޮތުގައި ފޭރުމުގެ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، މާލެ އިން އެންމެ ގިނަ އިން ހުށަހެޅީ ހަތިޔާރު ބޭނުން ނުކޮށް، މޮބައިލް ފޯން ފަދަ ތަކެތި ފޭރުމުގެ މައްސަލަތަކެވެ.