Roadha Mihaaru
ފޭރުން މިލިއަނުން، މިލިއަނުން! ރައްކާތެރިކަން ކޮބާ؟

ފޭރުން މިލިއަނުން، މިލިއަނުން! ރައްކާތެރިކަން ކޮބާ؟

24 މާޗް 2019

ދުއްވާފައި ދިޔަ މިފްކޯގެ ވޭން ހުއްޓުވައި ދެ މިލިއަން ރުފިޔާ ފޭރިގަނެގެން ފިލީ ރޯމާ ދުވާލު، މާލޭގެ އެންމެ ބޮޑު އެއް މަގުންނެވެ. މިއީ ދުރާލައި ރޭވިގެން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ފޭރުނު މީހުން ތިބި ގޮތުން ވެސް އެކަން އެނގެ އެވެ. މޫނު ނިވާކުރަން، ހެލްމެޓް އަޅައި އަދި ބޭނުންވާ ހަތިޔާރު ވެސް ހިފައިގެންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުއްވާފައި ދިޔަ މިފްކޯގެ ވޭން ހުއްޓުވައި ދެ މިލިއަން ރުފިޔާ ފޭރިގަނެގެން ފިލީ ރޯމާ ދުވާލު، މާލޭގެ އެންމެ ބޮޑު އެއް މަގުންނެވެ. މިއީ ދުރާލައި ރޭވިގެން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ފޭރުނު މީހުން ތިބި ގޮތުން ވެސް އެކަން އެނގެ އެވެ. މޫނު ނިވާކުރަން، ހެލްމެޓް އަޅައި އަދި ބޭނުންވާ ހަތިޔާރު ވެސް ހިފައިގެންނެވެ.

މިއީ ފަހަކަށް އައިސް މާލޭގައި ފޭރުމުގެ އަމަލުތައް ހިންގަމުންދާ ގޮތެވެ. ފޭރުން އާއްމުވެ، ބިރުވެރި ހާލަތަކަށް ވަނީ ގޮސްފަ އެވެ. ފޭރޭ މީހުންގެ އަމާޒު ހުރީ ގިނަ އަދަދަށް ފައިސާ ގެންގުޅޭ ވިޔަފާރިތަކަށެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ.

މި ޖަރީމާތައް ހިންގަނީ، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ބޭންކަށް ފައިސާ ޖަމާކުރަން ދާ ދަނޑިވަޅާ ދިމާކޮށެވެ. ނުވަތަ އެއް ތަނުން އަނެއް ތަނަށް ފައިސާ އުފުލާ ވަގުތާ ދިމާކޮށެވެ.

މިފްކޯގެ ފޭރުމުގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ، އިންޑިއާ މީހެއްގެ އަތުން ފޭރިގެންފަ އެވެ.

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ވަނީ ފޭރުމުގެ އަމަލުތަކެއް، ރޯމާއި ދުވާލު ހިންގައިފަ އެވެ.

ވައްކަމުގެ މައްސަލައެއްގައި ފުލުހުން އަތުލައިގަނެފައިވާ ފައިސާ. - ފޮޓޯ: ޕޮލިސް

ވައްކަމުގެ މައްސަލައެއްގައި ފުލުހުން އަތުލައިގަނެފައިވާ ފައިސާ. - ފޮޓޯ: ޕޮލިސް

ފޭރުމުގެ ބައެއް މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު ފޭރުނު ފައިސާގެ ތެރެއިން ފެނުނީ ކިހާ މިންވަރެއް ކަމެއް، ނުވަތަ އެއްވެސް ވަރެއް ފެނުނު ކަމެއް ވެސް، ހާމައެއްނުކުރެ އެވެ.

ފޭރުމުގެ ބޮޑެތި މައްސަލަތައް އިތުރުވެގެން އުޅޭ ސަބަބާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކައެއް ނުދައްކަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ހިންގާފައި ހުރި އެފަދަ އަމަލްތަކަށް ބަލާއިރު، ފައިސާ ފޭރެނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ފަށައި، މާލޭގެ ކުދި މަގުތަކާއި ހަނި ގޯޅިތައް ވެސް އިތުރަށް ބަލަހައްޓަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް އެދިވަޑައިގަންނަވަނީ ބޭންކްތައް ފަދަ ތަންތަނުގައި ހެލްމެޓް އަޅައިގެން ބަޔަކު ހަރަކާތްތެރިވާ ނަމަ 119 އަށް ރިޕޯޓްކުރުމަށެވެ. އެއާ އެކު، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަން ދާ އިރު ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް އޮފިޝަލް އެދިވަޑައިގަތެވެ.

"އެއް ތަނުން އަނެއް ތަނަށް ފައިސާ ގެންދާ އިރު ފުލުހުންގެ ސެކިއުރިޓީގެ ޚިދުމަތް ދޭ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަރަށް ބޮޑު އެދުމެއް އެ ޚިދުމަތް ބޭނުން ކުރެއްވުން،" އޮފިޝަލް ވިދާޅުވި އެވެ.

މިވަރުން ފުއްދާލާނީތޯ ނުވަތަ ވަގުންނާއި ފޭރޭ މީހުންނަށް ވުރެ ފުލުހުންގެ ހުޝިޔާރުކަން ކުޑަވީތޯ ސުވާލު އުފެދޭ ހިސާބަށް މާހައުލު ވަނީ ބަދަލުވެފަ އެވެ.