Roadha Mihaaru

ޕްރިތަމްގެ އޮފީހުން ހަތަރު މިލިއަން ރުޕީސް ވަގަށް ނަގައިގެން މީހަކު ފިލައިފި

ބޮލީވުޑްގެ ކުޅަދާނަ މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ހަތަރު މިލިއަން ރުޕީސް ވަގަށް ނަގައިގެން ފިލައިފި އެވެ.

ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި

ބޮލީވުޑްގެ ކުޅަދާނަ މިއުޒިކް ކޮމްޕޯސަރު ޕްރިތަމް ޗަކްރަބަތީގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ހަތަރު މިލިއަން ރުޕީސް ވަގަށް ނަގައިގެން ފިލައިފި އެވެ.

ވައްކަން ކޮށްފައި ވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ޕްރިތަމްގެ އޮފީހުންނެވެ.

މުމްބާއީގެ ފުލުހުން އިއްޔެ ބުނީ ވަގަށް ގެންގޮސްފައި ވަނީ، ޕްރިތަމްގެ މެނޭޖަރު ވިނީތު ޗެއްޑާ މީގެ ދުވަސްކޮޅެއް ކުރިން އޮފީހުގެ ބޭނުމަކަށް އެތަނަށް ގެންދިޔަ ނަގުދު ފައިސާ ކަމަށެވެ. އެ ފައިސާ ހުރީ ދަބަހަކަށް އަޅައިފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވިނީތު އެ ފައިސާ އޮފީހަށް ގެންދިޔަތަނާހެން ޕްރިތަމްގެ ގެއަށް ލިޔެކިޔުންތަކެއް ބަލައި ދާން ޖެހުމުން އެ ފައިސާ އޮފީހުގައި ބަހައްޓާފައި އޭނާ ދިޔައީ ކަމަށެވެ.

ވިނީތު އޮފީހަށް ފައިސާ ދަބަސް ގެންދިޔައިރު، އެ އޮފީހުގައި މަސައްކަތް ކުރާ އަޝިޝް ސަޔަލް ކިޔާ މީހަކު އެ ވަގުތު އޮފީހުގައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ބުނި ގޮތުގައި، ލިޔެކިޔުންތައް ހިފައިގެން ވިނީތު އެނބުރި އޮފީހަށް ދިޔައިރު ފައިސާ ދަބަހާއި އަޝިޝް ވެސް އެތަނަކު ނެތެވެ. އެ އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގާތުގައި އަޝިޝް ބުނި ކަމަށް ވަނީ އޭނާ ދިޔައީ ވިނީތު ބުނެގެން އެ ފައިސާ ދަބަސް ޕްރިތަމްގެ ގެއަށް ޑެލިވަރީ ކުރާށެވެ.

އެކަމަކު، އަޝިޝް އެ ދަބަސް ހިފައިގެން ޕްރިތަމްގެ ގެއަކަށް ނުދެ އެވެ. އަދި ޑެލިވަރީކުރަން އޭނާ ކައިރީގައި ނުވެސް ބުނެ އެވެ.

ފުލުހުން ބުނީ އަޝިޝްގެ ފޯނު އޮތީ ނިއްވާލާފައި ކަމަށާއި އޭނާގެ ގެއަށް ދިޔައިރު ގޭގައި ވެސް އޭނާ ނެތް ކަމަށެވެ.

އެހެންވެ، ފުލުހުން މިހާރު ވަނީ އަޝިޝް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕްރިތަމް އަކީ ބޮލީވުޑްގެ ފިލްމުތަކަށް މިހާރު އެންމެ ގިނައިން މިއުޒިކް ތައްޔާރުކޮށްދޭ، އެންމެ މަޝްހޫރު އެއް ކޮމްޕޯސަރެވެ.